Roadha Mihaaru
ތަރައްގީގެ އިތުރު މަޝްރޫއުތަކަށް އޭޑީބީގެ އެހީ ހޯދަނީ

ކުރިއަށް އޮތް ތިން އަހަރަށް ހިންގާ މަޝްރޫއުތަކަށް އޭޑީބީގެ އެހީ ހޯދަނީ

02 މެއި 2017

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

ޖަޕާނުގައި ބާއްވާ އޭޑީބީގެ އަހަރީ ބައްދަލުވުމަށް ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވި ގޮތުގައި އޭނާގެ މި ދަތުރުގައި، އޭޑީބީއާ ގުޅިގެން ހިންގާ މަޝްރޫއުތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ދެއްވާނެ އެވެ.

އަދި ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ހިންގާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއަށް އޭޑީބީން މި އަހަރު ދެވޭނީ ކިހާވަރެއްގެ އެހީއެއްތޯ ބައްލަވައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

އޭނާ ކުރިން ވެސް ވަނީ ރާއްޖޭގެ ރަށްތައް ސާފުކޮށް، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމުތައް ގާއިމު ކުރުމަށްޓަކައި ބޮޑެތި ބޭންކުތަކުގެ އެހީއަށް އެދިވަޑައިގެންފަ އެވެ.

ނަމަވެސް އޭޑީބީ މެދުވެރިކޮށް ހޯއްދަވަން މަސައްކަތް ކުރައްވާނީ ކޮން ކަހަލަ އެހީތަކެއް ކަމެއް މިނިސްޓަރު މިރޭ ވިދާޅެއް ނުވެ އެވެ. މުނައްވަރު ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ކުރުމަށް އޭޑީބީ އިން ވަރަށް ބޮޑު އެހީއެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ވަރަށް ބޮޑު ޕަސަންޓެއް އޭޑީބީން ދެއްވާނެ ކަމަށް. މަޝްވަރާތައް ނިމިގެން ދިޔައީމަ [ދެއްވާނެ އެހީތައް] އެނގިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު، ގްރޭޓާ މާލެ ރީޖަންގެ ނަމުގައި ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓް ވެސް ހިންގަން މަސައްކަތް ކުރަނީ އޭޑީބީގެ އެހީއާ އެކު ސަރުކާރުން ބޭނުންވާ ގޮތަށް މާސްޓާ ޕްލޭނެއް އެކުލަވައިލުމަށެވެ.

"އަޅުގަނޑުމެން ބައިލެކްޓްރަލް ބައްދަލުވުންތައް ވެސް ކުރިއަށް ގެންދާނަން،" އޭޑީބީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަން ފާހަގަ ކުރައްވަމުން މުނައްވަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އޭނާގެ މި ދަތުރުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޖަޕާނަކީ އޭޑީބީގެ ވަރަށް މުހިންމު ބައިވެރިއެކެވެ. އެހެންވެ، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް ޖަޕާނާއެކު މަޝްވަރާ ކުރެވިގެން ދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޑީބީގެ 50 ވަނަ ބައްދަލުވުން ޖަޕާނުގައި ބާއްވާއިރު، އެ ބައްދަލުވުން މި ބާއްވަނީ ރާއްޖެ އާއި ޖަޕާނުގެ ގުޅުމަށް ވެސް 50 އަހަރު ފުރުން ފާހަގަކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.