Roadha Mihaaru
"ޓީމު އޮތީ ފޯމުގައި، މި ބުރު ވަރަށް އުނދަގޫވާނެ"

ޓީމު އޮތީ ފޯމުގައި، މި ބުރު ވަރަށް އުނދަގޫވާނެ: ސާންތީ

21 މެއި 2017

އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ނިއު ރޭޑިއަންޓް އަތުން ލިބުނު މޮޅާ އެކު ކްލަބް އީގަލްސް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަަމަވެސް ލީގުގެ ދެ ވަނަ ބުރު އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ނިއު ރޭޑިއަންޓް އަތުން ލިބުނު މޮޅާ އެކު ކްލަބް އީގަލްސް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަަމަވެސް ލީގުގެ ދެ ވަނަ ބުރު އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

އިއްޔެ ގްރީން ސްޓްރީޓްސް އަތުން ހޯދި ޕޮއިންޓާ އެކު ޓީސީ ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެހެން ނަމަވެސް މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެގެން އީގަލްސް އަށް ލީގުގެ ހަތަރު ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. އަށް މެޗުން 11 ޕޮއިންޓާ އެކު ޓީސީ ލީގުގެ ހަތަރު ވަނައިގައި އޮތްއިރު، އީގަލްސް ފަސް ވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.

ސާންތީ ބުނީ ފުރަތަމަ ބުރު ގަދަ ހަތަރެއްގައި އޮވެގެން ނިންމާލެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި ދެ ވަނަ ބުރުގައި ވެސް އަމާޒަކީ އެ ހިސާބުގައި އޮވެ ބުރު ނިންމާލުން ކަމަށެވެ.

"ދެ ވަނަ ބުރު ނިމޭއިރު ވެސް ކިރިޔާ ވެސް އޭގެ ތެރޭގައި އޮވެލެވެނިކޮށް މި ނިމުނީ. ފުރަތަމަ ބުރަށް ވުރެން ދެ ވަނަ ބުރު ވާދަވެރިވެފައި އުނދަގޫ ވެސް ވާނެ. އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް،" ސާންތީ ބުންޏެވެ.

ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން މިރޭގެ މެޗުގެ ތިން ޕޮއިންޓް ވަރަށް މުހިއްމު ކަމަށް ސާންތީ ވަނީ ބުނެފަ އެވެ.

"ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން ބޭނުންވާ ކަމަށްވާނަމަ ޔޫވީ މެޗުން މޮޅެއް ވަރަށް މުހިއްމު. ބައެއް ފަހަރު މޮޅަކާ އެކީ ދެން އޮތް މެޗުން މައްސަލަ ދިމާވޭ. އެކަމަކު މި ވަގުތު ޓީމު މިއޮތީ ވަރަށް ރަނގަޅު ފޯމެއްގައި. އިރާދަކުރެއްވިއްޔާ މި މެޗުން ތިން ޕޮއިންޓް ހޯދޭނެ،" އޭނާ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް ވަނީ ފަސޭހަކަމާ އެކު 2-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފަ އެވެ. އެހެން ނަމަވެސް އޭރު އެ ޓީމުގެ ކޯޗަކަަށް ހުރީ އަހުމަދު އާތިފް (އާތީ) އެވެ. ފުރަތަމަ ބުރުގެ ވަކި ހިސާބަކުން އާތީ މަގާމުން ވަކިވުމުން އެ ޓީމާ ހަވާލުވީ ކުރިން ވެސް އެ ޓީމަށް އިރުޝާދުދިން މުހައްމަދު ނަޒީހު އެވެ. ނަޒީހުގެ ކޯޗުކަމުގައި ޔުނައިޓެޑް ވިކްޓަރީ ފެންނަނީ ކުރިއަށް ވުރެ ވަރުގަދަ ކޮށެވެ.

ސާންތީ ބުނީ މާލޭ ލީގުގެ އެއްވެސް މެޗަކީ ފަސޭހަ މެޗެއްގެ ގޮތުގައި އީގަލްސް އިން ނުދެކޭ ކަމަށެވެ.

"އީގަލްސް އިން ނުދެކޭނެ އެއްވެސް ޓީމަކީ ބަލި ޓީމެއް ކަމަށް. ޔުނައިޓެޑް ވިކްޓަރީ ވެސް އީގަލްސް ބަލިކޮށްގެން ގަދަ ހަތަރެއްގެ ރޭހަށް ވަދެލަން ފުރުސަތު އެބައޮތް. އެ ގޮތަށް އެ ޓީމުން ވެސް މަސައްކަތް ކުރާނީ. ނަޒީހު ހަވާލުވި ފަހުން ޔުނައިޓެޑް ވިކްޓަރީ ރަނގަޅަށް ދަނީ އެއީ ވެސް އީގަލްސް އިން ވިސްނާނެ ކަމެއް،" އޭނާ ބުންޏެވެ.

ނިއުއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗަށް ފަހު ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އީގަލްސްގެ މިޑްފީލްޑަރު މުބީން އިބްރާހިމް (މުއްކި) ވަނީ ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. ސާންތީ ބުނީ މުއްކި ގެއްލުމަކީ އީގަލްސް އަށް ލިބުނު ގެއްލުމެއް ކަމަށެވެ.

"މުއްކި އަކީ އީގަލްސް ހޯދާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ހުންނަ ކުޅުންތެރިއެއް. އެކަމަކު އަޅުގަނޑަކީ އެ ނެތް މީހެއްގެ ވާހަކަ ދައްކާ ކޯޗެއް ނޫން. މިދިޔަ ސީޒަނުގައި އަޅުގަނޑުމެން ޕްރެޒިޑެންޓްސް ކަޕް ވެސް ނެގީ މުއްކި ނުލައި ކުޅުނިން. އީގަލްސްގައި މިއޮތީ އެކުވެރި ޒުވާން ޓީމެއް. ބައެއް ފަހަރު މި ކުޅުންތެރިން މި ފަދަ ހާލަތްތަކުގައި އެބަ ބޭނުންވޭ މުއްކި އަށް ކޮށްދޭ ކަމެއްގެ ގޮތުގައި ވެސް އިތުރު ހިތްވަރެއް ލައިގެން މޮޅުވާން،" އޭނާ ބުންޏެވެ.

ސާންތީ ބުނީ ލީގުގެ ގަދަ ހަތަރެއްގެ އެއް ޖާގަ ނޫން އެހެން ހުރިހާ ޖާގައެއް ބަދަލުވުމުގެ ފުރުސަތު އަދި އެބައޮތް ކަމަށެވެ.

"ފުރަތަމަ ބުރަށް ވުރެ ވަރަށް ގިނަ ކަންތައްތައް އިތުރަށް މި ބުރުގައި ހިނގާނެ. އަޅުގަނޑު ދެކޭ ގޮތުގައި ގަދަ ހަތަރެއްގެ އެކަކަށް ބަދަލު އަންނަން އުނދަގޫތަކެއް ހުރި ނަމަަވެސް ދެން ދޭއް، ތިނެއް ހަތަރަކަށް ބަދަލު އައުމުގެ ފުރުސަތު ވަރަށް ބޮޑު،" އޭނާ ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރު ކުރިއަށްދާއިރު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމު ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ލީގު މެދުކަނޑާލުމަށް ވަނީ ހަމަޖެހިފަ އެވެ. ސާންތީ ބުނީ ބްރޭކްތަކަށް ގޮސްފައި އަންނައިރު ލީގުގައި ހީނުކުރާ ކަންތައްތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ބޮޑު ބްރޭކްތަކެއް ލިބުމުން އެންމެ ހީނުކުރާ ނަތީޖާ ނުކުތުމުގެ ފުރުސަތު ބޮޑު. އެންމެ ހީނުކުރާ ޓީމު ކުރިއަށް ވެސް ޖެހިދާނެ. ހަގީގަތުގައި ކުޑަ ޓީމުތަކަށް އެޑްވާންޓޭޖެއް ވެސް އެބައޮވޭ އެކަމުގައި އެއީ އެ ޓީމުތަކަށް އޮންނަ ޕްރެޝަރު ކުޑަ ބޮޑެތި ޓީމުތަކާ އަޅާކިޔާއިރު. އަޅުގަނޑުމެންނާ ނިއު ރޭޑިއަންޓާ ކުޅޭއިރު އެ ޓީމަށް ޕްރެޝަރު ބޮޑުވާނީ،" ސާންތީ ބުންޏެވެ.

އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.