ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، ބައެއް ކުންފުނިތަކުގެ ވެރިން އޭސީސީގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ. އަދި އެ ކުންފުނިތަކުން ކުރި ޝަކުވާތަކާ ގުޅިގެން އޭސީސީން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.
08 ޖޫން 2017
ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، ބައެއް ކުންފުނިތަކުގެ ވެރިން އޭސީސީގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ. އަދި އެ ކުންފުނިތަކުން ކުރި ޝަކުވާތަކާ ގުޅިގެން އޭސީސީން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏަކަށް އެ ހުއްދަ ދީފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ ހަތަރު ކުންފުންޏަށް ހުއްދަ ދިނީ ކުންފުނިތަކުން ހުށަހެޅި ފޯމުތައް އަލުން ބެލުމަށްފަހު އެވެ.
1- ހައްޖު ކޯޕަރޭޝަން
2- އަލްހަރަމައިން ހައްޖު ގުރޫޕް
3- ސިސިލްފަރު ހައްޖު ގްރޫޕް
4- ޒައީ ހައްޖު ގްރޫޕް
އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ނިންމުމާ ގުޅިގެން ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުން އޭސީސީގެ މެމްބަރުންނާ ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ކުންފުނިތަކުގެ ވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްޖަަށް މީހުން ގެންދިއުމަށް ހަތަރު ކުންފުންޏަކަށް ދިނީ އުސޫލުތަކާ އެއްގޮތަކަށް ނޫން ކަމަށް ބުނެ، އެކަމުގެ ޝަކުވާތައް ކޮމިޝަނާ ހިއްސާ ކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހަތަރު ކުންފުންޏެއް ކަނޑައެޅީ އޭސީސީގެ އެންގުމާ އެއްގޮތަށްތޯ ބަލަން ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި އަޅާނެ ފިޔަވަޅެއް އެނގޭނީ އޭސީސީން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، ޕޮއިންޓް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ބަޔަކު އޭސީސީ އަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ހުއްދަ ދިނުމާ ގުޅޭ ކަންތައްތައް މަޑުޖައްސާލަން މިނިސްޓްރީ އަށް އަންގައިފަ އެވެ.
ހަމައެއާއެކު، ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކޮށްފައިވާތީ، ހައްޖު ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރަން އެންގި އެވެ. ކުރިން ދަރުމަ ލިލް ހައްޖު އަދި ކިސްވާ ގްރޫޕަށް ވެސް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި މި ދެ ކުންފުންޏެއް ނުހިމެނެ އެވެ.
އޭސީސީ އާއި ބައްދަލުކުރި ބައެއް ކުންފުނިތަކުގެ ވެރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި ކޮމިޝަނުން ކުރިން ބުނެފައި އޮތީ ހަ ކުންފުންޏެއް ބިޑިން މަރުހަލާގައި ބައިވެރިކޮށްގެން އަލުން ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށެވެ. އެކަމަކު އެ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"އޭސީސީއަކީ މިނިވަން، މުސްތަގިއްލު މުއައްސަސާއެއް. އެކަމަކު އޭސީސީގެ އެންގުމަށް އެއްވެސް ވަރަކަށް ބޯލަނބާފައެއް ނުވޭ،" ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅި ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައްޖު ކޯޕަރޭޝަން ފިޔަވައި ހުއްދަ ދިން ތިން ކުންފުނީގެ ތެރޭގައި ސަރުކާރުގެ އިސްވެރިންގެ މަސްލަހަތު އޮންނަ ބައެއް ކުންފުނިތައް ހިމެނެ އެވެ. އެކަމަކު އެ ބޭފުޅުންގެ ޝަކުވާއަކީ އޭސީސީގެ އުސޫލަށް ތަބާނުވެ، ހައްޖަށް ގެންދާނެ ކުންފުނިތައް ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭސީސީން ބުނި ތިމަންނަމެން އެންގި ގޮތަށޭ ކުރިއަށް ގެންދަން ޖެހޭނީ. އަޅުގަނޑުމެންނަކީ އިވެލުއޭޓް ވާން ޖެހޭނެ ބައެއް، އިވެލުއޭޝަނުން ބޭރުން ވާން ޖެހޭ ބައެއް ނޫން. އިވެލުއޭޓް ނުކުރި މައްސަލާގައި އޭސީސީ އަށް ދެވަނަ ފަހަރަށް މިދިޔައީ،" ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.
ބައެއް ކުންފުނިތަކުގެ ވެރިން ތުހުމަތު ކުރެއްވި ގޮތުގައި ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން އޮތީ ކޮރަޕްޝަނާއި އޮޅުން ބޮޅުންގަނޑެއްގެ ތެރޭގަ އެވެ. އަދި ހައްޖަށް ގެންދިއުމުގެ ހުއްދަ ހަތަރު ކުންފުންޏަށް ދިންއިރު، އިވެލުއޭޝަން ކޮމެޓީ އެއްވެސް އެކުލަވާލާފައި ނުވާ ކަމަށާއި މިކަމުގެ ތެރޭގައި ޝައްކު ކުރެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
އޭސީސީން ކުރި ތަހުގީގަށްފަހު އެ ކޮމިޝަނުން ކުރިން ބުނެފައިވަނީ ޕްރޮޕޯސަލްތައް އިިވެލުއޭޓް ކޮށް، ޕޮއިންޓް ދީފައިވަނީ ޕްރީބިޑް މީޓިންގައި އިއުލާން ކޮށްފައިވާ މިންގަނޑާ ތަފާތުކޮށް ކަމަށެވެ. އެގޮތަށް ހެދުމުން ބައެއް ކުންފުނިތަކަށް ބައެއް މައުލޫމާތު ހުށަނޭޅިގެން މަދުން ޕޮއިންޓް ލިބިފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި 16 ކުންފުންޏަކުން މި އަހަރު ހުށަހެޅި އެވެ. އޭސީސީން އެންގީ އެކަމަށް އެދި ކުރިމަތިލި 16 ކުންފުނީގެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހު ޕޮއިންޓް ދިނުމަށާއި އަދި ޕްރޮޕޯސަލް އިވެލުއޭޓް ކުރަން އާ ކޮމެޓީއެއް އެކުލަވާލުމުގެ އިތުރުން އެ ކޮމެޓީގައި އިސްލާމިކް މިނިސްޓްރީގެ މުވައްްޒަފުން ނުހިމެނުމަށެވެ.
ހައްޖު ކޯޓާ ދިން ގޮތުން އޭސީސީ އަނެއްކާ ކަންބޮޑުވެއްޖެ
އިވެލުއޭޓް ނުކޮށް ހައްޖު ކޯޓާ ދިން މައްސަލަ ކޯޓަށް
ހައްޖު ކޯޓާ ރިޒާވްކުރީ އޭސީސީގެ އެންގުމާ ޚިލާފަށް!
ހައްޖު ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް ބަލަނީ
ހައްޖު ގްރޫޕްތައް ކަނޑައެޅި މައްސަލަ އަލުން ކޯޓަށް
ހައްޖަށް ގެންދާ ކުންފުނިތައް އަލުން ކަނޑައަޅައިފި
"ހައްޖުގެ ކަންކަން ކުރިއަށްގެންދާނީ ތަހުގީގަށް ފަހު"
ހައްޖަށް މީހުން ގެންދަން ކަނޑައެޅި ގޮތް އޭސީސީ އަށް
ދިވެހި ހައްޖުވެރިން ފުރަންފަށާނީ އަންނަ މަހު 12 ގައި
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް