Roadha Mihaaru
ޕްލާސްޓިކް ބިސް ނެތްކަން ކަށަވަރުވާނީ ނަތީޖާ ލިބިގެން

ޕްލާސްޓިކް ބިސް ނެތްކަން ކަށަވަރުވާނީ ސާމްޕަލްގެ ނަތީޖާ ލިބިގެން: އިކޮނޮމިކް މިނިސްޓްރީ

29 ޖޫން 2017

ބާޒާރުގައި އާޓިފިޝަލް ބިސް ވިއްކާކަމަށް ބުނެ ފަތުރާ ވާހަކަތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެފަދަ ބިހެއް ފެންނަން ނެތް ކަމަށާއި އެކަން ކަށަވަރުވާނީ ސާމްޕަލް ނެގި ބިސްތަކުގެ ނަތީޖާ އަންނަ ހަފުތާގައި ލިބިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބާޒާރުގައި އާޓިފިޝަލް ބިސް ވިއްކާކަމަށް ބުނެ ފަތުރާ ވާހަކަތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެފަދަ ބިހެއް ފެންނަން ނެތް ކަމަށާއި އެކަން ކަށަވަރުވާނީ ސާމްޕަލް ނެގި ބިސްތަކުގެ ނަތީޖާ އަންނަ ހަފުތާގައި ލިބިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވީ އާޓިފިޝަލް ބިސް ވިއްކާ ކަމަށް ކުރި ޝަކުވާއާ ގުޅިގެން ރާއްޖެއަށް އާއްމުކޮށް ބިސް އެތެރެކުރާ ފިހާރަތަކަށް އެ މިނިސްޓްރީން ދިޔަ ކަމަށެވެ. އަދި އާޓިފިޝަލް ބިސް ވިއްކި ކަމަށް ސޯޝަލް މީޑިއާގައި ޝައްކުރި ފިހާރައަށް ވެސް މިނިސްޓްރީން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ އެއްވެސް ފިހާރައެއްގައި ނެތް އެބުނާ ކަހަލަ ބިހެއް ފެންނަން. އެތަން ތަނުން ވެސް ބުނީ އެ މީހުން ބިސް ގެންނަނީ އާއްމުކޮށް އެތެރެކުރާ ތަންތަނުން ކަމަށް،" ޝިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީއަށް ހުށަހެޅި ޝަކުވާއާ ގުޅިގެން ނެގި ސާމްޕަލްތައް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޓެސްޓްކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ބިހެއް ރާއްޖެ ގެނެސް ނުވިއްކާކަން ކަށަވަރުކުރެވޭނީ އެ ސާމްޕަލްތަކުގެ ނަތީޖާ ލިބިގެން ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ.

އެ މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެކަމާ ގުޅޭ ޝަކުވާއެއް އޮތް ނަމަ އެކަން ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައިވެ އެވެ.

‎ރާއްޖޭގައި ވެސް އާޓިފިޝަލް ކުކުޅު ބިސްތަކެއް ގެނެސް ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގަ އާއި ބައެއް ނޫސްތަކުގައި ވެސް ޖަހާފައިވެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ ރާއްޖެ އަށް ގިނަ އަދަދަކަށް ކުކުޅު ބިސް އިންޑިއާ އިން ފޮނުވާ އެޖެންޓެއް ކަމަށްވާ ފިނެސް މާކެޓް ލިންކްގެ ބައެއް ކޭސްތަކުގައި ޕްލާސްޓިކް ބިސް ހުންނަ ކަމަށެވެ.

ޕްލާސްޓިކް ބިސް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައި ހުންނަ ބައެއް ފޮޓޯ އާއި ވީޑިއޯއަށް ބަލާއިރު، އެ ބިސް ފެނުކެއްކުމުން، ބިހުގެ ހުދުބައި ހުންނަނީ ޕްލާސްޓިކް ވިރުވުމުން ހުންނަ ކަހަލަ ގޮތަކަށެވެ. އަދި އެ ހުދުބައިގައި އަލިފާން ޖެއްސުމުން ވިރިފައި ހުންނަ ތަން ވެސް ބައެއް ވީޑިއޯތަކުން ފެނެ އެވެ.

ދާދި ފަހުން ޗައިނާގައި ޕްލާސްޓިކް ހަނޑޫ އުފައްދައިގެން ވިއްކާ ކަމަށް ބުނެ ވީޑިއޯ އާއި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެކަމަކު އެފަދަ ހަނޑުލެއް ރާއްޖޭގައި ނުވިއްކާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.