Roadha Mihaaru
ގްރީން އިން ކުޅޭ ގޭމް މާޒިޔާ އަށް އެނގޭ: ސެކުލޮސްކީ

ގްރީން ސްޓްރީޓްސް އިން ކުޅޭ ގޭމް މާޒިޔާ އަށް އެނގޭ: ސެކުލޮސްކީ

12 ޖުލައި 2017

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުން ކުޅެމުން އަންނަ ގޭމް މާޒިޔާ އަށް އެނގޭ ކަމަށް އެ ޓީމުގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުން ކުޅެމުން އަންނަ ގޭމް މާޒިޔާ އަށް އެނގޭ ކަމަށް އެ ޓީމުގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

ފުރަތަމަ ބުރުގައި މާޒިޔާ ވަނީ 3-0 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ.

މި އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ގްރީން ސްޓްރީޓްސް އިން އަންނަނީ ވަރަށް މޮޅު ސައިކޮލޮޖިކަލް ގޭމެއް ކުޅެމުން ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"ގްރީން ސްޓްރީޓްސް އިން ވަރަށް ރަނގަޅު ސައިކޮލޮޖިކަލް ގޭމެއް ކުޅޭ. އެ މީހުން އަބަދު ބުނަނީ އެ ޓީމަކީ ވަރުގަދަ ޓީމެއް ނޫން ކަމަށް. އެހެންވެ ގިނަ ބަޔަކު އެގޮތަށް ވިސްނައިގެން ތިބުމުގެ އެޑްވާންޓޭޖް އެ ޓީމު ނަގާ. އެ ޓީމުގައި އެބަތިބި ކުރިން ވަރުގަދަ ޓީމުތަކަށް ކުޅެފައި ތިބި ކުޅުންތެރިން. މޮޅު ބިދޭސީ ކުޅުންތެރިން ވެސް އެބަތިބި. އަހަރެން ބަލަނީ ގްރީން ސްޓްރީޓްސް އިން ނެރެފައިވާ ނަތީޖާތަކަށް. އެއަށް ބަލާއިރު އެ ޓީމަކީ އާދައިގެ ޓީމެއް ނޫން،" މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ގްރީން ސްޓްރީޓްސް އިން މިހާތަނަށް ލީގުގައި ނެރެފައިވާ ނަތީޖާތަކަކީ ކުރުން ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ގްރީން ސްޓްރީޓްސްގައި ހުރީ ރަނގަޅު ކޯޗެއް. ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދައްކަން އެހީތެރިވެދީ ޓީމު އެއްކޮށް ކުޅުވަން ދަންނަ ކޯޗެއް،" ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ މި ވަގުތު އޮތީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 12 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާ ގްރީން ސްޓްރީޓްސް އަތުން މާޒިޔާ މޮޅުވެއްޖެނަމަ ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް މަދާމާރޭ އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ހަތަރު ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ.

ސެކުލޮސްކީ ބުނީ މި މެޗު ނަގާނީ މާލޭ ލީގު ކާމިޔާބު ކުރުމަށް އެ ޓީމުން ކުރާ މަސައްކަތުގެ ފެށުން ގޮތުގައި ކަމަށެވެ.

"މީގެ ތިން ހަފްތާއެއް ކުރިން އަހަރެމެން ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެ. މިހާރު ޓާގެޓަކީ މާލީ ލީގު ކާމިޔާބު ކުރުން. އޭގެ ފުރަތަމަ މަސައްކަތް ގްރީން ސްޓްރީޓްސް މެޗަކީ. ބޭނުންވަނީ މޮޅަކުން ފަށަން،" ސެކުލޮސްކީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ޑޯޑޭ (ވ) އަތުން މާޒިޔާގެ އަޑޭ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓަރީގެ ޑޯޑޭ (ވ) އަތުން މާޒިޔާގެ އަޑޭ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާދަމާގެ މެޗަށް މާޒިޔާ ނުކުންނައިރު އެ ޓީމަށް ވަނީ ސަސްޕެންޝަންގެ މައްސަލަ ދިމާވެފަ އެވެ. އެގޮތުން ކާޑު ހަމަވުމުގެ ސަބަބުން ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗް ނުކުޅޭނެ އެވެ.

ސެކުލޮސްކީ ބުނީ މި މެޗަށް ނުކުންނައިރު ދަތިތަކެއް ހުރި ނަމަވެސް ކާމިޔާބު ހޯދޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

"ސަސްޕެންޝަނާއި އަނިޔާގެ މައްސަލަ ޓީމަށް އޮތުމަކީ އަހަރެމެންނަށް ގްރީން ސްޓްރީޓްސް އަތުން މޮޅުނުވެވޭނެ ސަބަބެއް ނޫން. އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަހަރެމެންނަށް ލަނޑު ނުޖެހުމުގެ މައްސަލަ ވަނީ ދިމާވެފައި. ޑިފެންސް ރަނގަޅު. އެކަމަކު ކިތަންމެ ޑިފެންސަށް މޮޅުވިޔަސް ލަނޑު ނުޖަހަންޏާ މޮޅެއް ނުވާނެ. މިކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ބުންޏެވެ.

ފުރަތަމަ ބުރުގައި މާޒިޔާ ކުޅުންތެރިންނަށް ދައްކާފައިވާ ކާޑުތަކާ މި ބުރުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ދެއްކި ކާޑު ތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ސެކުލޮސްކީ ވަނީ ފާހަގަ ކޮށްފަ އެވެ.

"މި ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މާޒިޔާ އަށް ފަސް ރީނދޫ ކާޑު ދައްކައިފައި އޮތް ނަމަ. އެ މެޗަށް ފަހު ކުޅޭ ކޮންމެ މެޗަކު އަހަރެމެންނަށް އެބަދައްކާ ތިނެއް ނޫނީ ހަތަރެއް ނޫނީ ފަސް ރީނދޫ ކާޑު. އަހަރެންގެ ނަޒަރުގައި މާޒިޔާ ކުޅެނީ ހަޑި ފުޓްބޯޅައެއް ނޫން. މާޒިޔާ އަށް ވުރެން ހަޑި ފުޓްބޯޅަ ކުޅޭ ޓީމުތައް ވެސް އެބަހުރި. އެކަމަކު މި ފެންނަނީ އެމީހުންނަށް ކޮންމެވެސް ފަރާތްތަކެއްގެ އެހީލިބޭތަން،" ސެކުލޮސްކީ ކަންބޮޑުވުން ފާޅުކުރި އެވެ.

މި ސީޒަނުގައި އެންމެ ގިނަ މެޗު މިހާތަނަށް ކުޅުނީ މާޒިޔާ އިންނެވެ. ސެކުލޮސްކީ ބުނީ މާލޭ ލީގު ނިމޭއިރު އޭނާގެ ސީނިއާ ކުޅުންތެރިއަކު ބޮޑު އަނިޔާއެއް ނުލިބި ހުރެފިނަމަ ދެން ޕްރިމިއާ ލީގަށް ދާއިރު ސީޒަން ކުރީކޮޅު ދެއްކި ކުޅުން ތަކުރާރު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސަސްޕެންޝަންގެ ސަބަބުން މާޒިޔާ އެންމެ ފަހުން ކުޅުނު މެޗު ގެއްލުނު އަސްހަދު އަލީ (އަޑޭ) މާދަމާ މެޗުގައި ކުޅޭނެ އެވެ. މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.