Roadha Mihaaru

އިލެކްޝަންސް ކޮމިޝަނާއި މަޖިލިހުން އަމަލްކުރީ ގޯސްކޮށް: އިބޫ

ހަތަރު މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި އެ ކޮމިޝަނަށް ރަައްޔިތުންގެ މަޖިލިހުން ލަފާދިން ދިނުން، މުޅިން ގޯސް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

"އިލެކްޝަންސް ކޮމިޝަނާއި މަޖިލިހުގެ އަމަލް ވެސް ގޯސް"
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

20 ޖުލައި 2017

ހަތަރު މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި އެ ކޮމިޝަނަށް ރަައްޔިތުންގެ މަޖިލިހުން ލަފާދިން ދިނުން، މުޅިން ގޯސް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

މާބްލް ހޮޓެލްގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލިހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހުސްވެއްޖެ ކަން އިލެކްޝަންސް ކޮމިޝަނަށް ކަނޑަނޭޅޭނެ ކަމަށެވެ. އެކަމަކު ހަތަރު ގޮނޑިއެއް ހުސްވިކަން އެ ކޮމިޝަނުން ނިންމީ ފަސް މެމްބަރުންގެ އިއްތިފާގުން ކަމަށް އިބޫ ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އިބޫ ވިދާޅުވި ގޮތުގައި އެ ހަތަރު ގޮނޑި ހުސްވެއްޖެކަން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ ލަފަޔަކަށް އިލެކްޝަންސުން އެދުނެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރަން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން އެންގި ކަމަށް ވެސް ވިދާޅުވި އެވެ.

"އަމީން އާންމު ވަރަށް ސާފުކޮށް ވިދާޅުވި ޖަވާބުދިނީމޭ މަޖިލީހަކީ އިލެކްޝަންސް ކޮމިޝަނަށް ލަފާ ދޭ ތަނެއް ނޫން ކަމަށް. ނަމަވެސް މަޖިލީހުން އެ ސިޓީއަށް ޖަވާބެއް ދިނީ، ސުޕްރީމް ކޯޓުގެ ގަޒިއްޔާއާ އެއްގޮތަށް ކުރަން ޖެހޭ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ކުރަން. މަޖިލީހަކަށް އެގޮތަކަށް ނޭންގޭނެ،" އިބޫ ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް، މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާންއާ ބައްދަލުކުރައްވައި ދެންނެވި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެމްބަރަކު ޕާޓީއަކުން ވަކިވެއްޖެކަން އެންގީމަ މަޖިލީހަށް ކުރެވޭނެ ހަމައެކަނި ކަމަކީ މަޖިލީހުގެ ޖަލްސާއެއްގައި އެ މެމްބަރަކު ޕާޓީން ވަކިވިކަން އިއުލާން ކުރުން އެކަންޏެވެ.

އޭނާ ވިދާޅުވީ މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުންތަކެއް އުފެދިއްޖެ ނަމަ، ގޮތެއް ނިންމުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށާއި އޭގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ގޮނޑިއާ މެދު އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ވާހަކަ ދައްކަވަނީ - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ވާހަކަ ދައްކަވަނީ - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މި ހުރިހާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގައި ގާނޫނުއަސާސީ ތަންފީޒު ކުރަމުން އަންނަ ތަން ނުފެންނަ ކަމަށެވެ. އެހެންކަމުން ގާނޫނުއަަސާސީގައި އޮންނަ "ރައްޔިތުންގެ ބާރު އަތްމައްޗަށް ނަގަން ވެއްޖެ" ކަމަށް ވިދާޅުވި އެވެ.

"ފެނިގެން ދަނީ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ދުވަހާއި ވަގުތާއި ގަޑި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަން. ސުޕްރީމް ކޯޓުން މަޖިލީހަށް ގާނޫނު ހަދަން އަމުރު ކުރާ ތަން. ސުޕްރީމް ކޯޓަށް ގާނޫނުއަސާސީން ލިބިދީފައި އޮތް ބާރެއް އިލެކްޝަންސް ކޮމިޝަނުން ނަގައި އޭގެ ބޭނުން ކުރާތަން،" އިބޫ ވިދާޅުވި އެވެ.

"އެހެންވީމަ ގާނޫނުއަސާސީ ތަންފީޒު ކުރެވެމުންދާ ތަނެއް ނުފެނޭ."

މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު ވިދާޅުވީ ގާނޫނުއަސާސީއަކީ ސިޔާދަތު ލިބިފައިވާ އެއްޗެއް ކަމަށާއި އެއަށް ބެލެނިވެރިޔަކު ނުވަތަ ބަލަދުވެރިއަކު ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އެއަށް "ބުއްފުޅި ޖައްސާނެ މީހަކު" ވެސް ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ޝާހިދު ރޭ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ޝާހިދު ރޭ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

"ގާނޫނުއަސާސީގެ ދަށުން އިންތިހާބުވެފައިވާ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަކިކުރި ވާހަކަ އަޑު އިވިގެން މިދިޔައީ. އެއީ ސުލޭމާނަށް ކުރެއްވޭނެ ކަމެއް ނޫން. މަޖިލީހުގެ މެމްބަރުން ވަކިކުރެވޭނެ ގޮތްތަކެއް ގާނޫނުއަސާސީގައި ބުނެފައިވޭ. އެ ނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އެ ކުރައްވަނީ ކުށެކެވެ. އެއީ އެ މެމްބަރުން ހައްދަވާ ބޮޑު ގޯހެއް ކަމަށް ވެސް ވިދާޅުވި އެވެ.

ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިންތިޚާބުވިއިރު ތިބި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ހިނގައްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެކަމަކު އެ ހުކުމުގެ ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ ހުކުމް އައުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް، ހުކުމުގެ އުސޫލެއް ނުހިނގާނެ އެވެ. ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕީޕީއެމުން ވަކިކޮށްފަ އެވެ. ދިއްދޫ ދާއިރާގެ ލަތީފު، އަމިއްލަ އަށް ޕީޕީއެމުން ވަކިވެވަޑައިގަތީ ވެސް އެ ހުކުރުމުގެ ކުރިންނެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާ ބުނާ ގޮތުން މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމާ މެެދު ސުވާލު އުފެއްދިއްޖެ ނަމަ ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.