Roadha Mihaaru
ވިކްޓަރީ ދޫކޮށް ބަކާ ވެސް މާޒިޔާ އަށް

ވިކްޓަރީ ދޫކޮށް ބަކާ ވެސް މާޒިޔާ އަށް

25 ޖުލައި 2017

ވިކްޓަރީ ދޫކޮށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވެސް މާލޭ ލީގު ޗެމްޕިއަން މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވިކްޓަރީ ދޫކޮށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވެސް މާލޭ ލީގު ޗެމްޕިއަން މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.

ބަކާ އަކީ މި ފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ވިކްޓަރީ ދޫކޮށް މާޒިޔާ އަށް ބަދަލުވި ހަ ވަނަ ކުޅުންތެރިއާ އެވެ. މީގެ ކުރިން މާޒިޔާ އިން ވަނީ ވިކްޓަރީގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފާއި ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ އަދި ކެޕްޓަން އިސްމާއިލް އީސަ (މެސީ) ގެނެސްފަ އެވެ. މީގެ އިތުރުން ރިލްވާން ވަހީދު (ރިލޭ) އާއި ހަސަން އަދުހަމް (ސަޑޭ) ވަނީ ނިއު ރޭޑިއަންޓަށް ސޮއިކޮށްފަ އެވެ.

މިއީ ބަކާ މާޒިޔާ އަށް ކުޅޭ ދެ ވަނަ ފަހަރެވެ. އޭނާ ވަނީ މީގެ ކުރިން 2013 ވަނަ އަހަރު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ އަށް ކުޅެފަ އެވެ.

އައިއެފްސީން 2004 ވަނަ އަހަރު ކެރިއަރު ފެށި ބަކާ ވަނީ ވިކްޓަރީ، ވީބީ ސްޕޯޓްސް، ވެލެންސިއާ، ނިއު އަދި ކްލަބް އީގަލްސް އާއި މާޒިޔާ އަދި މިިޔަންމާގެ ކޭބީޒެޑަށް ވެސް ކުޅެފަ އެވެ. ބަކާ މިޔަންމާގެ ކޭބީޒެޑަށް ކުޅުނުއިރު މިހާރު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ ހުރީ މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑުގެ ކޯޗަކަށެވެ.

މި ފަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަަނަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސެކުލޮސްކީ ވަނީ ބަކާ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

"ބަކާ އަކީ އެ ފަހަރު ވެސް މިޔަންމާ ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު. އޭނާގެ ފެންވަރު އަހަންނަށް އެނގޭ،" ސެކުލޮސްކީ އޭރު ބުންޏެވެ.

ރެކޯޑް އަގަކަށް މި ސީޒަން ފެށުމުގެ ކުރިން ބަކާ ވިކްޓަރީ އަށް ބަދަލުވީ މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެދިނުމަށް ފަހު އެވެ.

މާޒިޔާ އިން ވަނީ ސީޒަން ފެށިއިރު އެ ޓީމަށް ގެނައި ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން ދޫކޮށްލައިފަ އެވެ. އެއީ ރޫމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް، ސާބިއާގެ ވިންގް އަލެކްސަންޑަ ރަކިޗް އަދި ކިރްގިސްތާން ކީޕަރު ޕަވެލް މަޓިއަޝް އެވެ.