Roadha Mihaaru
ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިިފި

އަނިޔާކުރާ ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފި

01 އޯގަސްޓް 2017

އިދިކޮޅު ފަރާތްތަކުން މިހާރު ބާއްވަމުން އަންނަ ހަރަކާތްތަކާއި އެއްވުންތައް ރޫޅާލުމުގެ ތެރޭގައި އަނިޔާކުރާ ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް އެދި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑަށް އިދިކޮޅު އިއްތިހާދުން މިރޭ ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ފަރާތްތަކުން މިހާރު ބާއްވަމުން އަންނަ ހަރަކާތްތަކާއި އެއްވުންތައް ރޫޅާލުމުގެ ތެރޭގައި އަނިޔާކުރާ ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް އެދި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑަށް އިދިކޮޅު އިއްތިހާދުން މިރޭ ހުށަހަޅައިފި އެވެ.

އެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅީ މުޒާހަރާތަކާއި އެއްވުންތަކުގައި ކޮމާންޑު ކުރަން ހުންނަ އޮފިސަރެއްގެ މައްސަލަ ބަލައިދިނުމަށެވެ.

އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު މިރޭ ފުލުހަށް ހާޒިރުކުރިއިރު، އެހެން ފުލުހުންނާ ޚިލާފަށް ބާރުގެ ބޭނުންކޮށް އެތަނުގައި ތިބި މީހުންގެ ގަޔަށް އެ ފުލުސްމީހާ ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. ފުލުހުންގެ އަމުރަށް އިދިކޮޅު މީހުން ކިޔަމަން ވެ ތިއްބައި ޕެޕާސްޕްރޭ ޖެހުމުން ކަންބޮޑުވާ ކަމަށް މަހްލޫފު ވިދާޅުވި އެވެެެ.

"ސެންޓް ޖަހާ ގޮތަށް ޕެޕާސްޕްރޭ ޖަހަައި މި އަނިޔާ ކުރަނީ. އެހެންވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މައްސަލަ ބަލައިދިނުމަށް މި އެދުނީ،" މަހުލޫފް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 24 ގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ވެސް ކޮމާންޑަރަކަށް ހުންނެވީ އެ ފުލުސް އޮފިސަރު ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފް މިރޭ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓެނީ މަދު ފުލުހުންތަކެއްގެ ސަބަބުން ކަމަށެވެ. އެހެންވެ އެ ފުލުސް އޮފިސަރުގެ ވެސް މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނެ މައްސަލަ ހުށަހަޅާފައި. އެ މައްސަލަތަކުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ. އެހެންވެ އުއްމީދު ކުރަނީ މި ފަހަރު މައްސަލަ ބަލައިދީ ހައްލެއް ގެނެސްދޭނެ ކަމަށް،" މަހުލޫފް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުން ކަވަރު ކުރަމުން ދަނިކޮށް ބައެއް ނޫސްވެރިންނަށް އަނިޔާކޮށް، އެއްވުން ކަވަރު ކުރަން ގެންގުޅުނު ސާމާނުތަކަށް ގެއްލުން ދިން ކަމަށް ބުނެ ދެ ފުލުހުއްގެ މައްސަލަ ވެސް ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ.

ބައެއް ނޫސްވެރިންނަށް އަނިޔާކުރި ކަމަށް އެމްޑީޕީން ތުހުމަތު ކުރަނީ ސްޓާފް ސާޖަންޓް އަލީ އަހުމަދާއި ލާންސް ކޯޕްރަލް އަހްމަދު އިމްތިޔާޒަށެވެ. އެ މައްސަލަ އެންއައިސީ އަށް ހުށަހެޅީ އެ ދެ ފުލުހުންނާ ދެކޮޅަށް ހެކި ހުރުމުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.