Roadha Mihaaru
ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒަށް ހުކުމް ކުރުން މާދަމާ

ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒަށް ހުކުމް ކުރުން މާދަމާ

09 އޯގަސްޓް 2017

ރާއްޖެ ޓީވީގެ ސީއޯއޯ އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާ ފުލުހެއްގެ ގަޔަށް އަތްލި ކަމަށް ބުނެ ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖެ ޓީވީގެ ސީއޯއޯ އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާ ފުލުހެއްގެ ގަޔަށް އަތްލި ކަމަށް ބުނެ ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ފިޔާޒަށް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އޮންނާނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ.

ފިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ މުލީއާގެ ކައިރިން ނޮވެމްބަރު 2015 ގައި ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން އަންނަނިކޮށް، އެ ސަރަހައްދުން ފިޔާޒް ނުގޮސް، ފުލުހެއްގެ މޭ މަތީގައި ޖަހާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފިޔާޒުގެ މައްޗަށް ޖެހުމުގެ ދައުވާ ފުރަތަމަ ކުރި ނަމަވެސް ފަހުން އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު، އަތްލުމުގެ ކުށުގެ ދައުވާ ވަނީ ބަދަލުކޮށްފަ އެވެ.

އޭނާގެ މައްޗަށް މިހާރު ކުރަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ގައިގައި އަތްލުމުގެ ދައުވާ އެވެ.

ރާއްޖެ ޓީވީގެ ޓްވީޓެއް.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ފިޔާޒްގެ މައްޗަށް އަންނާނެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އަދަބު ދަރަޖަ އެއަށް ވުރެ މަތިވުމުގެ ފުރުސަތު ނުވަތަ ދަށްވުމުގެ ފުރުސަތު ވެސް އޮވެ އެވެ. ފިޔާޒްގެ މައްޗަށް ކުރާ ދައުވާ ވަނީ ރާއްޖެ ޓީވީގެ އެހެން ދެ ނޫސްވެރިއެއްގެ މައްޗަށް ވެސް އުފުލައި ޝަރީއަތްކޮށް ހުކުމް އިއްވާފައިވެ އެވެ. އެއީ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާކޮށް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.