Roadha Mihaaru
މޫދަށް އެރުމުން ފައިން އަންނަން ފެށީ ލޭ

މޫދަށް އެރުމުން ފައިން އަންނަން ފެށީ ލޭ

11 އޯގަސްޓް 2017

އޮސްޓްރޭލިއާގެ މެލްބަންގައި މޫދަށް އެރުނު ޒުވާނެއްގެ ފައި "ޒަހަމް ނުވެ" އެތައް އިރެއް ވަންދެން ގިނަ ލޭ އައުމުން ޑޮކްޓަރުންނާއި މެރިން ބަޔޮލޮޖިސްޓުން ހައިރާންވެ އެކަމާ ބެހޭ ގޮތުން ދިރާސާތައް ކުރަން ފަށައިފި އެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި މޫދަށް އެރުނު ޒުވާނެއްގެ ފައި "ޒަހަމް ނުވެ" އެތައް އިރެއް ވަންދެން ގިނަ ލޭ އައުމުން ޑޮކްޓަރުންނާއި މެރިން ބަޔޮލޮޖިސްޓުން ހައިރާންވެ އެކަމާ ބެހޭ ގޮތުން ދިރާސާތައް ކުރަން ފަށައިފި އެވެ.

އުމުރުން 16 އަހަރުގެ ސެމް ކަނިޒޭގެ ދެ ފައިތިލަ އާއި ކަށިމަތިން ލޭ އަންނަން ފެށީ އަތިރިމަތީގައި ފުޓްބޯޅަ ކުޅެން އުޅެފައި މޫދަށް ގޮސް، މޫދުގައި ފައިތިލަ ފޮރުވޭ ހިސާބުގައި ބައި ގަޑިއެއްހާއިރު އުޅުނު ފަހުންނެވެ. މޫދުން އެރުމާ އެކު ފައިން ލޭ އަންނަން ފެށި އިރު މުޅި ފައިގައި ކަށިތަކެއް ހަރާފައި ހުރި ގޮތަށް ހުއްޓެވެ. ޒަހަމެއް ނުވެ އެވެ. ތަނެއްގައި ނުޖެހެ އެވެ.

ކަނިޒޭގެ ބައްޕަ ޖެރޯޑް ބުނީ ދަރިފުޅުގެ ފައިން ލޭ އަންނަނީ ކޮން ކަހަލަ ސޫތްޕެއްގެ ހަމަލާއެއްގެ ސަބަބުންކަމެއް ބުނަން ޑޮކްޓަރުންނަށް ނޭނގުނު ކަމަށެވެ. އެހެންވެ ޖެރޯޑް ވަނީ އޭނާގެ ދަރިފުޅު މޫދަށް އެރި އުޅުނު ހިސާބަށް ރޭގަނޑު ގޮސް، މޫދުގައި ދަލެއް އަޅައިގެން އެތަނުން ކުދި ސޫފިތަކެއް އަތުލައިގެންފަ އެވެ. މޫދުން ފެނުނީ، މޫދުގައި ހުރި މަސްކޮޅުތަކެއް ކާން އުޅުނު އެތައް ހާސް ކުދި ސޫފިތަކެކެވެ.

"ވަރަށް ޔަގީންކަމާ އެކު ބުނަން އެނގޭ މި ސޫފިތަކަކީ މަސް ކާން ވަރަށް ވަރު ހުންނަ އެއްޗެއްކަން،" ޖެރޯޑް ބުންޏެވެ.

ޑޮލްފިން ރީސާޗް އިންސްޓްޓިއުޓްގެ ޑިރެކްޓަރު ޖެފް ވެޔާއާ ހަވާލާދީ އޭޕީން ބުނީ ޒުވާނާއަށް ހަމަލާ ދީފައި ވަނީ ކަކުނި ފާޑުގެ ކުދި ސޫތްޕެއް ކަމަށްވާ އެމްފިޕޮޑްސް ކަމަށް ބެލެވޭ ކަމަށެވެ. އެއީ މޫދުގައި ހުންނަ، މަރުވެފައިވާ މަހާއި ގަސް ފަދަ ތަކެތި ކައި އެއްޗެކެވެ. އެކަމަކު ޔުނިވަސިޓީ އޮފް ކްއީންސްލޭންޑުގެ ޕެރަސައިޓް އެކްސްޕާޓެއް ކަމަށްވާ ތޯމަސް ކްރިބް ވިދާޅުވީ އެމްފިޕޮޑްސްގެ ސަބަބުން އެހާ ގިނައިން ލޭ އަންނަ ވަރަށް ހަލާކުވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އެއީ މިހާތަނަށް ފެނުނު ވައްތެރެއްގެ ޕެރަސައިޓަކުން ވެގެން އުޅޭ ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މެރިން އެކްސްޕާޓެއް ކަމަށްވާ މައިކަލް ބްރައުން ވިދާޅުވީ ކަނިޒޭގެ ފައިން ލޭ އަންނަން މެދުވެރިވި ކަމަށް ބެލެވޭ ސޫފިތަކަކީ ޖެލީ ފިޝްގެ ލާވާތަކެއް ކަމަށް ވެދާނެ ކަމަށެވެ.

ކަނިޒޭއަށް ދިމާވީ ގޮތް ނޭނގޭ ގޮތަށް ފަހު އޭނާގެ ހާލު މިހާރު ރަނގަޅެވެ. އެކަމަކު އަދިވެސް އަންނަނީ އެންޓިބަޔޮޓިކްސް ބޭނުންކުރަމުންނެވެ.