Roadha Mihaaru
"މެމްބަރުން ބަންދުކޮށްފައި ވަނީ ވަރަށް އަނިޔާވެރިކޮށް"

ތިން މެމްބަރުން ބަންދުގައި ނުބޭތިއްބޭނެ، ވަރަށް އަނިޔާވެރި: ވަކީލުން

10 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހައްޔަރުކޮށް، ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ ވަކީލުން މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހައްޔަރުކޮށް، ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ ވަކީލުން މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ.ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ތިން މެމްބަރުންގެ ވަކީލުން ވިދާޅުވީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ބައެއް ކަމަށް ބުނެ، މެންބަރުން ބަންދުކޮށްގެން ގެންގުޅެނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. ތިން މެމްބަރުން ހައްޔަރުކޮށްގެން ގެންގުޅޭ ސަބަބީ މެމްބަރުން ނޫން ބަޔަކު މަޖިލީހުގެ އިދާރާ އަށް ވަންނަން އުޅުން ކަމަށް ތުހުމަތުކުރާއިރު، އަމީތާއި ސައުދު އަދި ވަހީދަކީ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ޕީޕީއެމުން އެ ތިން މެމްބަރުން ވަކިވެވަޑައިގެންފައި ވަނިކޮށް، ޕީޕީއެމުން އިލެކްޝަންސްގައި އެދިގެން އެ ޕާޓީން ބޭނުންވާ ތާރީހެއްގައި މެމްބަރުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަނުން ނިންމިއަސް، އެއީ އަދިވެސް މަޖިލީހުގެ މެމްބަރުން ކަމަށް ވަކީލުން ވިދާޅުވި އެވެ.

އަމީތުގެ ވަކީލް، އަލީ ޒާހިރު ވިދާޅުވީ އިންސާފު ނުލިބި ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ވެސް އެ މެމްބަރުންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިގެންދާ ދުވަސްތަކެއް ކަމަށެވެ. ގާނޫނާ ޚިލާފަށް ބަންދުކޮށްފައި ބޭތިއްބުމުގެ އިތުރުން ވެސް އިތުރު އަދަބުތަކެއް ދެމުންދާ ކަމަށް ވިދާޅުވި އެވެ.

"ދޫނިދޫގައި މި ބޭފުޅުން ބައިތިއްބާފައި ތިބި ތަނުގެ ކަންކަން ހުރީ ވަރަށް އިހާނެތިކޮށް، ދެރަވަރުކޮށް. އެ ބޭފުޅުންނަށް އެކަންޏެއް ނޫން، އެ ޖަލުގައި އާއްމުންނާ ދޭތެރޭގައި ވެސް ކަންކަން ހުރީ މިގޮތަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވި ގޮތުގައި މެމްބަރުން ބައިތިއްބާފައި ވަނީ ހޫނު ގަދަ ގޮޅިތަކެއްގަ އެވެ. ސާފު ބޯފެން ފޮދެއް ލިބެނީ ވެސް ބޭސް ސިޓީގައި ޑޮކްޓަރު ލިއުއްވުމުން ކަމަށް ވިދާޅުވި އެވެ. އެހެން ނޫނީ، މެމްބަރުން ބޯން ޖެހެނީ ނަޖިސް ފެން ކަމަށް ވެސް ވިދާޅުވި އެވެ.

ދޫނިދޫ ކަސްޓޯޑިއަލްގެ ހާލަތު ބައްލަވައި ވަގުތުން ފިޔަވަޅު އަޅަން ވެސް ވަކީލުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލައްވައިފަ އެވެ.

ސައުދު އޮންނެވި، ގޮޅި ސިފަކުރައްވަމުން ވަކީލް އަލީ ޝާހު ވިދާޅުވީ އެއީ "މަސް ހިއްކާ އައްޓެއް" ފަދަ ތަނެއް ކަމަށެވެ. ހައްޔަރުކޮށް، އަމަލުކުރަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ވިދާޅުވި އެވެ. ސައުދު ބަންދުކޮށްފައި ވަނީ ފިލާފާނެތީ ކަމަށް ފުލުހުން ބުނާއިރު، ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފަހައްޓާފައި އޮތް މީހަކަށް ފިލޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ސައުދު ހުސެއިން ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލާގައި، މީހަކު ބަންދުކޮށްގެން ގެންގުޅޭނެ ފަދަ ހެއްކެއް ދެއްކިފައެއް ނުވޭ،" ޝާހު ވިދާޅުވި އެވެ.

ވަހީދުގެ ވަކީލް، މަހްފޫޒް ސައީދު ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކުރަނީ މެމްބަރަކަށް ނުވާއިރު މަޖިލީހަށް ވެންނެވުމަށް މަސައްކަތް ކުރެއްވި ތުހުމަތެވެ. ވަހީދު ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ހައި ކޯޓަށް ހުށަހަޅައި އެ ކޯޓުން ބަލައިގަތް ނަމަވެސް އަދިވެސް އަޑު އެހުމެއް ބާއްވާފައި ނުވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.

ވަހީދު ހައްޔަރުކޮށް ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން، ކޯޓުން އަނެއްކާ ވެސް ވަނީ ހަތަރު ދުވަސް އިތުރުކޮށްދީފަ އެވެ.