Roadha Mihaaru
ޚިޔާނާތުގެ ފައިސާއިން ހޮވުނު މެމްބަރަކު ނެތް: ޕީޕީއެމް

ޚިޔާނާތުގެ ފައިސާ އިން ހޮވުނު އެއްވެސް މެމްބަރަކު ޕީޕީއެމްގައި ނެތް: އަބްދުއްރަހީމް

17 އޯގަސްޓް 2017

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ހޮވަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހޭދަކުރެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެ ވާހަކަފުޅު ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މިއަދު ދޮގުކުރައްވައި އެ ތުހުމަތުން "ބަރީއަވެވަޑައިގެންފި" އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ހޮވަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހޭދަކުރެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެ ވާހަކަފުޅު ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މިއަދު ދޮގުކުރައްވައި އެ ތުހުމަތުން "ބަރީއަވެވަޑައިގެންފި" އެވެ.

ޕީޕީއެމްގެ ކެމްޕޭނަށް "ރުމާލު 2" ޖަގަހަ ހުޅުވަން ބޭއްވި ހަފުލާގައި ރައީސް ވިދާޅުވެފައި ވަނީ "ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ހޮވަން ބޭނުންވި މެމްބަރުންނަށް ނަހަލާލު ފައިސާ އަދީބު ހަރަދު ކުރެއްވި" ކަމަށެވެ. އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވަތް ފައިސާ ހަލާލު ނޫން ކަމަށް އެ މެމްބަރުންނަށް ވެސް ގަބޫލުކުރެއްވޭ ނަމަ މަގާމުން ދުރަށް ވަޑައިގަތުމަށް ވެސް ގޮވާލެއްވި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސްގެ މި ވާހަކަފުޅާ ގުޅޭ ގޮތުން ސުވާލުކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ މާނަ އިދިކޮޅު ފަރާތްތަކުން އޮޅުވާލާފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ ކެމްޕޭނަށް ހަރަދުކޮށްގެން ހޮވިވަޑައިގަތް އެއްވެސް މެމްބަރަކު ޕީޕީއެމްގައި ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަދީބުގެ ފައިސާ އިން ހޮވިވަޑައިގަތް މެމްބަރުންނަށް ވަރަށް ރަނގަޅަށް އެނގިވަަޑައިގަންނަވާނެ އެ ބޭފުޅުން ހޮވުނީ ކިހިނެއްކަން. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިސްތިއުފާ ދޭންވީ ސަބަބު. އަދީބުގެ ފައިސާއަކީ ކޮރަޕްޓު ފައިސާއޭ ވިދާޅުވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެއީ ކޯއްޗެއް ކަން. އެ ފައިސާ ބޭނުންކުރީ ކޮން ކަމަކަށް ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ހަމައެކަނި ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެކަމެއް ނޭޅުއްވޭނެ. ރައީސް ޔާމީން ވަރަށް ސާފުކޮށް ވިދާޅުވެފައި އޮންނާނެ އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތައް ހިންގަން އެކިއެކި ފަރާތްތަކުން ދެއްވި ފައިސާ އަދީބު ހުންނެވިއިރު އަދީބު އަތުގައޭ ބެހެއްޓެވީ. އެ ފައިސާ އިންނޭ ހަރަދުކުރެއްވީ. އެހެންވީމަ އެއީ ރައީސްގެ ފައިސާ."

މެމްބަރުންގެ ކެމްޕޭނަށް އަދީބު ހޭދަކުރެއްވި ނަމަ، އެކަން ކުރެއްވީ އެކިއެކި ފަރާތްތަކުން ރައީސަށް ދެއްވައި އަދީބު ބަލަހައްޓަވަމުން ގެންދެވި ފައިސާ އިން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމުގެ މެމްބަރުންތަކެއް ހޮވަން އެމްއެމްޕީއާރުސީގެ ފައިސާ އަދީބު ހޭދަކުރެއްވި ކަަމަށް ރައީސް ސާފުކޮށް ވިދާޅުވެފައި ވަނިކޮށް، އެކަން ދިފާއުކުރައްވަން އަބްދުއްރަހީމް ދައްކަވާ ވާހަކަ ތަފާތު ނޫންތޯ ދެންނެވުމުން އޭނާ ވިދާޅުވީ ރައީސްގެ ވާހަކަފުޅު އިދިކޮޅު ފަރާތްތަކާއި މީޑިއާތަކުން އޮޅުވާލާފައިވާ ކަމަށެވެ. މެމްބަރުން ހޮވަން ބޭނުންކުރީ ރައީސް ޔާމީންގެ ފައިސާ ކަމަށް ތަކުރާރުކޮށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ތަފްސީލުކޮށް މި ދަންނަވަނީ ރައީސް ވިދާޅުވިއޭ އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކަށް އެކި ފަރާތްތަކުން ދިން ފައިސާ އަދީބު އަތުގައޭ ހުންނާނީ. އެހެންވެއްޖިއްޔާ އެ ފައިސާ ދެއްވާނެތާ އިންތިހާބަކަށް ޕީޕީއެމުން ވާދަކުރިއަސް ހަރަދުތަކެއް ކުރާނެ. އެ ކުރާ ހަރަދަކީ އަހްމަދު އަދީބު ކޮރަޝަންގެ ގޮތުގައި ހޯދާފައިވާ ފައިސާގެ ގޮތަށް ނުބެލެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިހާރުގެ އިދިކޮޅު ބައެއް ބޭފުޅުން އަދީބުގެ ފައިސާ ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެމްބަރުން ގަތުމަށާއި މުޒާހަރާތަކަށް ހޭދަކުރަނީ ކޮން ތަނަކުން ހޯދި ފައިސާއެއްތޯ ވެސް އަބްދުއްރަހީމް ސުވާލު ކުރެއްވި އެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގައި މިހާރު ތިއްބެވި ބައެއް މެމްބަރުންގެ ކެމްޕޭނަށް އަދީބު ހޭދަކުރެއްވީ ކޮން ތަނަކުން ހޯއްދެވި ފައިސާއެއްތޯ ވެސް އޭނާ އެއްސެވި އެވެ.

ކޮރަޕްޝަންގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާ ދެއްވަން ރައީސް ގޮވާލައްވާފައިވާއިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި އެ ހިތްވަރު ހުރި މެމްބަރުން އެބަ ތިއްބެވިތޯ ސުވާލުކުރުމުން ވެސް އަބްދުއްރަހީމް ވިދާޅުވީ އެ ފައިސާ ބޭނުންކުރެއްވި މެމްބަރަކު ޕީޕީއެމްގައި ނެތް ކަމަށާއި ތިބި ނަމަ އިސްތިއުފާ ދެއްވަން ކެރިވަޑައިގަންނަވާނެ ކަމަށެވެ.