Roadha Mihaaru
ފައި މަގުގައި އެއް އަހަރުގެ ދަތުރަކަށް ފަހު ހައްޖަށް

ފައި މަގުގައި އެއް އަހަރުގެ ދަތުރަކަށް ފަހު ހައްޖަށް

28 އޯގަސްޓް 2017

މައްކާ (އޮގަސްޓް 28) - އިންޑޮނީޝިއާ މީހަކު ފައި މަގުގައި އެއް އަހަރު ދުވަސް ހޭދަކުރުމަށް ފަހު 9،000 ކިލޯ މީޓަރުގެ ދިގު ދަތުރެއްކޮށް ހައްޖުވުމަށްޓަކައި މައްކާ އަށް ހިނގައްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މައްކާ (އޮގަސްޓް 28) - އިންޑޮނީޝިއާ މީހަކު ފައި މަގުގައި އެއް އަހަރު ދުވަސް ހޭދަކުރުމަށް ފަހު 9،000 ކިލޯ މީޓަރުގެ ދިގު ދަތުރެއްކޮށް ހައްޖުވުމަށްޓަކައި މައްކާ އަށް ހިނގައްޖެ އެވެ.

ހައްޖަށް ދިއުމުގެ ފައި މަގުގެ ދަތުރު ސެންޓްރަލް ޖާވާ އިން މުހައްމަދު ޚާމިން ސެތިއަވާން ފެށިއިރު އޭނާގެ އެކުވެރިން ވަނީ ގަމީސްތަކަކާއި ދެ ފަޓުލޫނާއި ފައިވާނަކާ ޚަތިމެއް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ސްލީޕިން ބޭގަކާއި ޓެންޓަކާއި ޓޯޗަކާއި ސްމާޓް ފޯނެއް، އިންޑޮނީޝިއާގެ ދިދައަކާއި ޖީޕީއެސްއެއް އަދި ތިން މިލިއަން އިންޑޮނީޝިއަން ރުޕީސް (850 ރިޔާލް) ވެސް ހަވާލުކުރި އެވެ.

"މާތް ﷲ ގެ ވާގިފުޅާ އެކު ހައްޖުވުމަށް ފައި މަގުގައި މައްކާ އަށް ދިއުމުގެ ދަތުރުގައި" ޖަހާފައިވާ ޓީޝާޓެއް ލައިގެން ސެންޓްރަލް ޖާވާ އިން ސެތިއަވާން ދަތުރަށް ފެށީ އޮގަސްޓް 28، 2016 ގަ އެވެ. މައްކާ އަށް ދިއުމަށް 9،000 ކިލޯ މީޓަރުގެ ދިގު ރާސްތާއެއް ހުރަސް ކުރެވިދާނެކަމާ މެދު އޭނާގެ އާއިލާ އިން ވެސް ސުވާލު އުފެއްދި އެވެ. ސެތިއަވާންގެ ދަތުރުގައި ގިނަ ދުވަސްތަކަކު ވަނީ ރޯދަ ހިފައިފަ އެވެ. އޭނާ ބުނި ގޮތުގައި ރޭގަނޑު ގިނައިން ދަތުރުކޮށް ދުވާލު ބޮޑަށް ހޭދަކުރަނީ މިސްކިތްތަކާއި ޕަބްލިކް އިމާރާތްތަކުގަ އެވެ. އޭނާ ބުނި ގޮތުގައި ކަކުލަށް ތަދު އިހްސާސް ނުވާ ނަމަ ބައެއް ދުވަސްތަކުގައި ދުވާލަކު 50 ކިލޯ މީޓަރަށް ހިނގަ އެވެ.

ދަތުރުގައި ސެތިއަވާން ވަނީ ދެ ފަހަރަށް ބަލިވެފަ އެވެ. އެއީ އިންޑިއާ އާއި މެލޭޝިއާގަ އެވެ. އޭނާ ބުނީ ހަށިގަނޑުގައި ބާރު ޖައްސަން ވަކި ޚާއްސަ ސަޕްލިމެންޓެއް ބޭނުމެއް ނުކުރާ ކަމަށެވެ.

"އެންމެ ބޮޑަށް ދަތިވީ އިންޑިއާ އިން ބަޔަކު ނުބައިކޮށް މަގު ދައްކައިގެން ދަތުރު އޮޅުވާލީމާ. އެހެންވެ ވަރަށް ގިނަ ދުވަސްތައް ގެއްލުނު. އެހެން ނޫނީ ވަރަށް ރަނގަޅު. ވަރަށް ގިނަ މީހުން އެހީވި،" ސެތިއަވާން ބުންޏެވެ.

މި އަހަރުގެ މެއި 19 ވަނަ ދުވަހު އޭނާ އަށް ވަނީ އަބޫ ދާބީ އަށް ފޯރައިފަ އެވެ. އޭނާގެ ދަތުރު ޝެޑިއުލްކޮށްފައިވާ ގޮތުން މައްކާ އަށް ދާން އޮތީ އޮގަސްޓް 30 ގަ އެވެ. އެކަމަކު އޭނާ ވަނީ ޝެޑިއުލަށް ވުރެ އަވަހަށް މައްކާ އަށް ވަދެފަ އެވެ.

ސެތިއަވާން ވަނީ ދަތުރުގެ ހުރިހާ މަންޒަރެއް ވީޑިއޯކޮށް އޭނާގެ ސޯޝަލް މީޑިއާގައި އަޕްޑޭޓްކޮށްފަ އެވެ.