Roadha Mihaaru
އަނަންތަރާ އިން ޒޯން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ސޮނޭވާ އަތުން ބަދަލުހިފައި އަނަންތަރާ އިން ޒޯން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

30 އޯގަސްޓް 2017

ސޮނޭވާފުށި އަތުން ބަދަލުހިފައި އަންނަންތަރާ ކިހާވަށް ވިލާސް އިން އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން މިއަދު ހޯދައިފި އެވެ.

ސޮނޭވާފުށި އަތުން ބަދަލުހިފައި އަންނަންތަރާ ކިހާވަށް ވިލާސް އިން އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން މިއަދު ހޯދައިފި އެވެ.

މި ދެ ޓީމަކީ ޒޯން ފަހެއްގެ ފައިނަލުގައި ވެސް ވާދަކުރި ދެ ޓީމެވެ. މައްސަލަ ބޮޑުވެގެންދިޔަ އެ ފައިނަލް މެޗުން މޮޅުވީ ސޮނޭވާ އެވެ. މިއަދުގެ މެޗުގައި ވެސް އެ ވާދަވެރިކަން ފެނިގެންދިޔައިރު، މި މޮޅަކީ އަނަންނަތަރާ އިން ދެކޭ ގޮތުގައި ބަދަލު ހިފުމެކެވެ.

މިއަދުގެ ފައިނަލުން އަނަންތަރާ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-15، 25-20، 23-25 އަދި 25-17 އިންނެވެ.

މެޗަށް ފަހު އަނަންތަރާ ޓީމުގެ މެނޭޖަރު މުހައްމަދު އަމްދާން ބުނީ މިއީ ވަރަށް ކުރިން ވެސް އުއްމީދު ކޮށްގެން ހުރި ކާމިޔާބެއް ކަމަށެވެ.

"ހަގީގަތުގައި ޒޯން ފަހެއްގެ ފައިނަލުން ވެސް އަޅުގަނޑުމެން ބަލިކޮށްލީ. އޭގެ އަށް ވެސް ވިސްނައިގެން އަޅުގަނޑުމެން ނުކުތީ ބަދަލު ހިފުމަކަށް. އިރާދަކުރެއްވިއްޔާ ޒޯން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްގެން އަޅުގަނޑުމެން އެކަން ވެސް މި ހާސިލްކުރީ،" އޭނާ ބުންޏެވެ.

ސޮނޭވާގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ މެޗު ކުޅުނު ވަގުތާ ދިމާވި ކަންތައްތައް ފެނިގެން ހިނގައްޖެ ކަމަށާއި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސްދޭ ކަމަށެވެ.

"މެޗަށް އަޅުގަނޑުމެން އައި ގޮތާ މެޗު ދިޔަ ގޮތާއި އެ ހުރިހާ ކަމެއް މީޑިއާ އާއި މެޗު ބެލި އެންމެހާ ފަރާތްތަކަށް ފެނިގެންދާނެ. ދެން އަޅުގަނޑު މަރުހަބާ ކިޔަން ޗެމްޕިއަން ޓީމަށް. މި ވަގުތުގައި ކުޅެން ޖެހި ކުރަން ޖެހުނު ކަންތައްތައް ފެންނާނެ. މެޗާ ބެހޭ ގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް،" ސަތޯ ބުންޏެވެ.

މެޗުގެ ތެރެއިން ސަތޯ ވަނީ ވަރަށް ބޮޑަށް ރެފްރީންގެ ނިންމުންތަކާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި މެޗަށް ފަހު އެކަމާ ބެހޭގޮތުން ސަތޯ ވަނީ ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ކުޅުނު މެޗު ފެށިގެން އަނަންތަރާ އިން ދިޔައީ ރަނގަޅު ފޯމެއްގައި ކުޅެ ސޮނޭވާ އަށް ޕްރެޝަރު ބޮޑުކުރަމުންނެވެ. ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު މި ސެޓުގެ ބޮޑުބައިގައި އަނަންތަރާ އިން ކުރީގައި އޮތްއިރު، އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އިޝާން މުހައްމަދު (ބަޓިސް) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސެޓު އަނަންތަރާ އިން ގެންދިޔައީ 25-15 އިންނެވެ.

ކުޑަކާއްޓޭ (ކ) ފޮނުވާލާ ޝޮޓް ބްލޮކް ކުރަން ސޮނޭވާ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޑަކާއްޓޭ (ކ) ފޮނުވާލާ ޝޮޓް ބްލޮކް ކުރަން ސޮނޭވާ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ސެޓު ފަށައިގެން ސޮނޭވާ އިން ކޮންމެވެސް ވަރަކަށް ކުޅެން މަސައްކަތް ކުރި އެވެ. އަދި ސެޓުގެ ކުރީކޮޅުގައި ހަތަރު ޕޮއިންޓުގެ ލީޑެއްގައި އޮއްވައި އަނަންތަރާގެ ބިދޭސީ ކުޅުންތެރިއާ ދިމުތު އާއި ކުޑަކާއްޓޭގެ މޮޅު ކުޅުމަށް ފަހު އަނަންނަތަރާ އިން ސެޓު އަނބުރާލި އެވެ. މި ސެޓު އަނަންތަރާ އިން ގެންދިޔައީ 25-20 އިންނެވެ.

ތިން ވަނަ ސެޓު ފެށިގެން ސޮނޭވާ އިން ދިޔައީ އަނަންތަރާ އަށް އެއްވެސް ފުރުސަތެއް ނުދީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަލީ ހުޒާމް އާއި ޒުވާން ކުޅުންތެރިއާ ހުސެއިން ރައްޒާންގެ މޮޅު ކުޅުމާ އެކު ސޮނޭވާ އިން މި ސެޓުގެ ކުރީކޮޅުގައި ހަތް ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އެހެން ނަމަވެސް ފަސޭހަ ކޮށްލައިގެން ތިއްބައި އަނަންތަރާ އިން ފަހަތުން އަރައި ސެޓުގެ މެދުތެރެއިން 16-16 އިން އެއްވަރުކުރި އެވެ. އެހެން ނަމަވެސް ފަހު ވަގުތުލި ހިތްވަރާ އެކު ސޮނޭވާ އިން 23-25 އިން މި ސެޓު ގެންދިޔަ އެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ބަޓިސް އާއި ކުޑަކާއްޓޭ ދިޔައީ ވަރަށް ބޮޑަށް ތަޖުރިބާގެ ބޭނުންކޮށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މި ސެޓުގައި ސޮނޭވާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ހުޒާމަށް ވަރުބަލިކަމުގެ ސަބަބުން އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުމެވެ. އަނަންތަރާ އިން މެޗުން މޮޅުވީ މި ސެޓު ގެންދިޔައީ 25-17 އިންނެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަކާއްޓޭ އެވެ. އޭނާ އަކީ މިދިޔަ އަހަރު ބަނޑޮހުން މި މުބާރާތް ކާމިޔާބުކުރިއިރު ވެސް މުބާރާތުގެ މޮޅު ކުޅުންތެރިއާ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ހޮވިފައިވަނީ ސޮނޭވާގެ ހުޒާމާއި މުހައްމަދު އަގީލާއި ހުސެއިން ރައްޒާނާއި ގްރޭންޑް ޕާކްގެ އާދަމް ނަސީރާއި އަހުމަދު ހުސެއިނާއި ބަނޑޮހުގެ އަލީ އާމިރު އަދި އަނަންތަރާގެ ބަޓިސް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ އަނަންތަރާގެ މުހައްމަދު އަލީ އެވެ.

މި ފަހަރުގެ މުބާރާތަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ކޮންމެ ރިސޯޓަކަށް ކުޅެވޭ ގައުމީ ޓީމުގެ ކުޅުންތެރިންގެ އަދަދު މަދުކުރުމެވެ. އެ ގޮތުން މި އަހަރު ކޮންމެ ޓީމަކަށް ވެސް ގިނަވެގެން ކުޅެވެނީ ގައުމީ ޓީމުގެ ދެ ކުޅުންތެރިއަކަށެވެ.