Roadha Mihaaru

އަނަސްގެ މަރާ ގުޅިގެން ހޯދަން އިއުލާންކުރި އެކަކު ހައްޔަރުކޮށްފި

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހިންގި މާރާމާރީގައި މުހައްމަދު އަނަސް މަރާލި މައްސަލާގައި ހޯދަން ފުލުހުން އިއުލާންކުރި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި އެވެ.

އަނަސްގެ މަރާ ގުޅިގެން ހޯދި އެކަކު ހައްޔަރުކޮށްފި

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހިންގި މާރާމާރީގައި މުހައްމަދު އަނަސް މަރާލި މައްސަލާގައި ހޯދަން ފުލުހުން އިއުލާންކުރި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒް 21، މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ ވަޅި ހަރައި މަރާލި އަނަސްގެ މަރާލި މައްސަލާގައި ހޯދަން ދެން ފުލުހުން އިއުލާން ކޮށްފައި ވަނީ މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާގު 21، އެވެ. އޭނާ އަދިއެއް ނުފެނެ އެވެ.

އަނަސްގެ މަރާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ދިން ވަޅީގެ ހަަމަލާގައި އޭނާގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރާފައިވެ އެެވެ.