Roadha Mihaaru
ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާ ދައްކައިފި

ޖޫރިމަނާގެ ގޮތުގައި ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާ ދައްކައިފި

05 ނޮވެމްބަރ 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ، ރާއްޖެ ޓީވީ އަށް ޖޫރިމަނާ ގޮތުގައި ދައްކަން އެންގި ފަސް ލައްކަ ރުފިޔާ އެ ސްޓޭޝަނުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ދައްކައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ، ރާއްޖެ ޓީވީ އަށް ޖޫރިމަނާ ގޮތުގައި ދައްކަން އެންގި ފަސް ލައްކަ ރުފިޔާ އެ ސްޓޭޝަނުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ދައްކައިފި އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ރާއްޖެ ޓީވީ 500،000ރ. އިން ޖޫރިމަނާ ކުރީ ރައްޔިތުން ނުކުމެ ރައީސް އަބްދުﷲ ޔާމީން އެ މަގާމުން ދުރުކުރުމަށް، އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުވާލާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވި ވާހަކަ ބްރޯޑްކާސްޓް ކުރުމުންނެވެ.

މިއީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރި ތިން ވަނަ ފަހަރެވެ. އެ ޓީވީ ތަކުރާރުކޮށް ޖޫރިމަނާ ކުރަމުން އަންނާތީ "އަބުރުފުޅު ފަންޑު" ނަމުގައި ވަނީ ފަންޑެއް ހުޅުވައިފަ އެވެ.

އެންމެ ފަހުން ކުރި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީގެ ވެރިން ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ވަޑައިގަތީ އެ ފަންޑު ފޮށިތަކާ އެކު އެވެ.

ފިޔާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފިޔާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖޫރިމަނާ ފައިސާ ހަވާލުކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ އެ ސްޓޭޝަންގެ ހުރިހާ މުވައްޒަފުން ނުކުމެ، އެ ފައިސާ ހޯދީ ދެ ހަފުތާ ތެރޭގައި ކަމަށެވެ. އެގޮތުން ހުރިހާ ފިކުރެއްގެ މީހުންނާއި ބައެއް ކުންފުނިތަކާއި ރަށްރަށުގައި އަމިއްލަ އަށް ފޮށި ބަހައްޓައިގެން ރާއްޖެ ޓީވީ އަށް އެހީތެރިވެދިން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ފިޔާޒް ވިދާޅުވި ގޮތުގައި އެ ސްޓޭޝަން ޖޫރިމަނާ ކުރުމުން، މާލީ ގޮތުންނާއި ޓީވީގެ އުފެއްދުންތެރިކަމަށް ވެސް ގެއްލުން ލިބުނެވެ. އެގޮތުން "ނުހައްގު އަދަބެއްގެ" ސަބަބުން އެތައް ތަކުލީފެއް އުފުލަން ޖެހި މިދިޔަ މަހެއްގެ ތެރޭގައި ރާއްޖެ ޓީވީގެ ކޮންޓެންޓަށް ވަރަށް ބޮޑު އުނިކަމެއް އައި ކަމަށް ފިޔާޒް ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ "ސަލާން ޖަހަން ޖެހޭ ދަރަޖަ އަށް" ދުއްވާލުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެ، ފިޔާޒް ވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ ގާނޫނާ އެއްގޮތަކަށް ނޫނެވެ. އަދި އެކަމުގައި ކޮމިޝަން މެމްބަރުން ޖަވާބުދާރީވެވަޑައި ނުގަންނަވާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ރާއްޖެ ޓީވީ އަށް ނުހައްގުން އަދަބު ނުދިނުމަށް ތަކުރާރުކޮށް ފިޔާޒް އެދިވަޑައިގަތެވެ.

"އަބުރުގެ ގާނޫނުގައި ގައުމީ ސަލާމަތުގެ ވާހަކަ އޮތަސް، އެކަން ކަނޑައަޅާނީ ބްރޯޑްކާސްޓިން ކޮމިޝަނުންނެއް ނޫން. އެއީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހަކުން ގޮތެއް ނިންމަން ޖެހޭ ކަމެއް،" ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތުތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ކޮމިޝަންގެ މެމްބަރުން އަދާކުރެއްވުމަށް ގޮވާލައްވައިފަ އެވެ. އަދި ކިތަންމެ ބޮޑު އަދަދަކުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރިޔަސް، ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން "ސައިޒް" ކުރުމަށް ކުރަން ޖެހޭ ކަންކަން ގާނޫނީ ޓީމުން ކުރަމުން އަންނަ ކަމަށާއި ގާނޫނާ ހިލާފު އަމަލުގެ ޒިންމާ އުފުލަން ޖެހޭ ދުވަސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެ ޓީވީ އަށް އިންސާފު ލިބޭ ދުވަސް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު ވެސް އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.