Roadha Mihaaru
ސައުދީއާ އެކު ސާބިތުކަންމަތީ ދެމިތިބޭނަން: ރައީސް

ސައުދީއާ އެކު ރާއްޖެ އިން ސާބިތުކަންމަތީ ދެމިތިބޭނަން: ރައީސް

07 ނޮވެމްބަރ 2017

ސަރަހައްދީ ހަމަޖެހުން ގާއިމްކުރަން ކުރާ މަސައްކަތްތަކުގައި ރާއްޖެ އިން ސައުދީ އަރަބިއްޔާ އެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ރައީސް އަބްދުﷲ ޔާމީން މިއަދު މެސެޖެއް ފޮނުއްވައިފި އެވެ.

ސަރަހައްދީ ހަމަޖެހުން ގާއިމްކުރަން ކުރާ މަސައްކަތްތަކުގައި ރާއްޖެ އިން ސައުދީ އަރަބިއްޔާ އެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ރައީސް އަބްދުﷲ ޔާމީން މިއަދު މެސެޖެއް ފޮނުއްވައިފި އެވެ.

ސައޫދީ އަރަބިއްޔާގެ އާއްމު ރައްޔިތުންނާއި އިމާރާތްތަކަށް އަމާޒުކޮށް ޔަމަންގެ ހޫތީ ސިފައިން، އިއްޔެ ރިޔާޒަށް އަަމާޒުކުރި މިސައިލް ހަމަލާ ކުށްވެރިކުރައްވައި ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާ އެކުގައި ކަމަށެވެ. އަދި ހޫތީ ހަނގުރާމަވެރިންގެ އެ އަމަލާއާ މެދު ނަފްރަތު ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ސައުދީ އަރަބިޔާގެ ވެރިރަށް ރިޔާޒަށް ހަމަލާ ދޭން ޔަމަނުގެ ހޫތީން ފޮނުވާލި ބެލިސްޓިކް މިސައިލް، ސައުދީ ސިފައިން ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ.

އެއީ، ޓެރަރިޒަމްގެ ފިނޑި އަމަލެއް ކަމަށާއި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރައްވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ އެވެ. އަދި ސައުދީ އަރަބިއްޔާ އާއި ބައިނަލްއަގުވާމީ ދުނިޔެއާ އެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ހޫތީން ވަނީ މިދިޔަ މެއި މަހު ވެސް ރިޔާޒަށް މިސައިލް ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ފަހަރު ހަމަލާދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަށް ވަޑައިގަތުމަށް އެއް ދުވަހަށް ވެފައި ވަނިކޮށެވެ. އެ މިސައިލް ވައްޓާލީ ރިޔާޒާ 200 ކިލޯ މީޓަރު ދުރުންނެވެ.

ޔަމަނުގެ ހޫތީން ކުރިން ފޮނުވާލި މިސައިލްތައް ވެސް ސައުދީ ސިފައިން ވަނީ ވައްޓާލައިފަ އެވެ. ހޫތީންގެ އެއްވެސް މިސައިލެއް ސައުދީގައި މީހުން ދިރިއުޅޭ ހިސާބަކަށް އަރައިފައެއް ނުވެ އެވެ.