Roadha Mihaaru
އެމްއޭސީއެލްގެ މުވައްޒަފުންނަށް ފްލެޓް އަޅަނީ

އެމްއޭސީއެލްގެ މުވައްޒަފުންނަށް ފްލެޓް އަޅަނީ

11 ނޮވެމްބަރ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ފަސޭހައިން ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމަށް، ފްލެޓް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެ ކުންފުނީގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް "އެމްޑީ އެވޯޑު" ދިނުމަށް ބޭއްވި ހަފުލާގައި، އާދިލް ވިދާޅުވީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކައި ފްލެޓް އެޅުމުގެ އިދާރީ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ގިނަ މުވައްޒަފުންތަކަކަށް ފްލެޓް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިދާރީ ގިނަ ކަންކަން މިހާރު ނިމުމަކާ ހަމައަށް އައިސްފައި ހުރީ. މިއާ އެކު އެތައް 100 މުވައްޒަފުންނަށް ފަސޭހަކަމާ އެކު ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ،" އާދިލް ވިދާޅުވި އެވެ.

"މީގެ ތެރެއިން އެއްބަޔަކަށް އަންނަ އަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ."

"މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން އާދިލް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުންނަށް ޚާއްސަކުރާ ފްލެޓް އަޅާނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަ އެވެ.

"އިދާރީ ކަންކަން މިހާރު ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައި ހުރީ. އެކަމު އަދި އެއްވެސް ފަރާތަކާ އެކު އެއްޗެއްގައި ސޮއި ކުރެވުނު ވާހަކައެއް ނޫން މި ދެންނެވީ. މި އަހަރު ނިމުމުގެ ކުރިން މިކަމުގެ އިތުރު މައުލޫމާތު ހާމަކުރާނަން.،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލްގައި 2،700 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެ އެވެ.