Roadha Mihaaru
ބިލްގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާ ހިއްސާކުރަނީ

މީޑިއާ ކޮމިޝަންގެ ބިލްގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާ ހިއްސާ ކުރަނީ

26 ނޮވެމްބަރ 2017

ނޫސްވެރިކަން ހަނިކުރެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލުން ފާހަގަކުރެވޭ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނޫސްވެރިކަން ހަނިކުރެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލުން ފާހަގަކުރެވޭ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން ނިންމައިފި އެވެ.

އެ ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ މީޑިއާ ކޮމިޝަން ބިލް މަޖިލީހަށް ހުށަހެޅުމާއެކު، އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް އެމްއެމްސީގެ މެމްބަރުން ކުރެއްވި ކަމަށެވެ. އަދި އެ މެމްބަރުންނަށް ފާހަގަކުރެއްވޭ ކަންބޮޑުވުންތައް ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބިލާ މެދު މީޑިއާތަކުން ދެކޭ ގޮތް ބެލުމަށް، މީޑިއާގެ ވެރިންނާ ވަރަށް އަވަހަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެމްސީގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލާ ގުޅޭ ކަންބޮޑުވުންތައް މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރައްވާނީ ދެ ގޮތަކަށެވެ. އެގޮތުން ކައުންސިލް މެމްބަރުންގެ ކަންބޮޑުވުންތަކާއި މީޑިއާގެ ވެރިން މެދުވެރިކޮށް، ނޫސްވެރިންގެ ކަންބޮޑުވުންތައް ވަކިން މެމްބަރުންނާ ހިއްސާކޮށް، ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މީޑިއާގެ ދައުރެއް ނެތި ކޮމިޝަނަށް މެމްބަރުން އައްޔަންކޮށްފާނެތީ. އަޅުގަނޑު ދެކޭ ގޮތުގައި މީޑިއާގެ މީހުން ތިބެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ އެއް މުއައްސަސާއަކުން ހުރިހާ މީޑިއާއެއް ބެލެހެއްޓުމުގެ ނަމުގައި މަޖިލީހަށް ފޮނުވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ، މެމްބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަތުމުގެ ކުރިން އެ ބިލު ފާސް ކުރާނެ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުންނަމަ، މި މަސް ނިމުމާއެކު މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވާނެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށް ފަހު އަަލަށް އުފައްދާ މޯލްޑިވްސް މީޑިއާ ކޮމިޝަން ބިނާވަނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށް، ބިލްގައި ވަނީ ބުނެފަ އެވެ. އަދި ބިލް ވުޖޫދުވުމާއެކު، މީޑިއާ ކައުންސިލްގެ ގާނޫނު އުވި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ އެވެ.

ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިން އަމަލުކުރަންވީ ހަމަތަކާއި ސުލޫކީ މިންގަނޑު މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި ބެލެހެއްޓުމެވެ. މީޑިއާ ކޮމިޝަންގެ ބިލުގައި މީޑިއާތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު އެ ކޮމިޝަނަށް ވަނީ ދީފަ އެވެ.

ތަޖުރިބާކާރު ބައެއް ނޫސްވެރިން ސިފަ ކުރި ގޮތުގައި، ނޫސްވެރިން އޮބިއަޅުވަން ފާސްކުރި އަބުރުގެ ގާނޫނާ އެކު ރާއްޖޭގެ މީޑިއާތައް މިވަނީ "ނޭވާ ހޮޅި އަށް" އެޅިފަ އެވެ. އެހެންވެ، މީޑީއާ ކޮމިޝަނެއް ވުޖޫދު ކުރަން އުޅެނީ މިނިވަން ނޫސްވެރިކަން "މައިތިރިކުރަން" ކަމަށް އެ ނޫސްވެރިން ބުނެ އެވެ.