Roadha Mihaaru
އީގަލްސް ކަޓުވާލުމަށް ފަހު ނިއު ސެމީ އަށް

އީގަލްސް ކަޓުވާލުމަށް ފަހު ނިއު ސެމީ އަށް

30 ނޮވެމްބަރ 2017

ޒުވާން ޓީމަކާ އެކު ނުކުތް ކްލަބް އީގަލްސް އަތުން 1-5 އިން މޮޅުވެ އެފްއޭ ކަޕް ސެމީ ފައިނަލުން ނިއު ރޭޑިއަންޓް މިރޭ ޖާގަ ހޯދައިފި އެވެ.

ޒުވާން ޓީމަކާ އެކު ނުކުތް ކްލަބް އީގަލްސް އަތުން 1-5 އިން މޮޅުވެ އެފްއޭ ކަޕް ސެމީ ފައިނަލުން ނިއު ރޭޑިއަންޓް މިރޭ ޖާގަ ހޯދައިފި އެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ނިއު ކުޅެން ޖެހޭނީ މާދަމާ ހަވީރު ގްރީން ސްޓްރީޓްސް އާއި ކޮންފެރޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. މިރޭގެ މެޗަކީ ނިއު ޖެހިޖެހިގެން މޮޅުވި 13 ވަނަ މެޗެވެ.

ނިއު އިން މި މެޗަށް ނުކުތްއިރު އެ ޓީމަށް ދިމާވި އެންމެ ބޮޑު ކަންބޮޑުވުމަކީ ކާޑު ހަމަވުމުގެ ސަބަބުން އަލީ ފާސިރު (ސެންޓޭ) ސަސްޕެންޑްވެފައިވުމެވެ. ނިއު އިން މި މެޗުގައި ވަނީ ކުރިން އީގަލްސް އަށް ވެސް ކުޅުނު ހަސަން އަދުހަމް (ސަޑޭ) ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަދި އެންމެ ފަހުން މާޒިޔާ މެޗުގައި ނުފެނުނު އިމްރާން މުހައްމަދު ވަނީ އަލުން ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

އަންނަ މަހު ފަށާ ޔޫތު ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް އީގަލްސް އިން މި މުބާރާތަށް ނެރެން ނިންމީ ޒުވާން ޓީމެކެވެ. އެ ޓީމުގެ ފުރަތަމަ އެގާރައިގައި މިރޭ ހިމެނުނު ކުޅުންތެރިންނަށް ބަލާއިރު އީގަލްސްގެ ސީނިއާ ޓީމުން ގަވައިދުން ޖާގަ ލިބޭ ތިބީ މަދު ކުޅުންތެރިންތަކެކެވެ. އީގަލްސް ޓީމަށް އިރުޝާދުދިނީ ކުރިން އެސިސްޓެންޓް ކޯޗަކަށް ހުރި އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.

މެޗުގެ ފުރަތަމަ 20 މިނިޓްގައި އީގަލްސް އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ނިއުގެ ގޭމް ކުޅުނަ ނުދެން ވަރަށް މަސައްކަތްކުރި އެވެ. ނިއު އަށް އެ ވަގުތުގެ ތެރޭގައި މާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.

އޭގެ ދެ މިނިޓް ފަހުން މެޗުގެ 22 ވަނަ މިނިޓްގައި ނިއު އަށް ލީޑުނަގައިދޭން އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. ލިބުނު ޕެނަލްޓީ އަކުން ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ނިއު އަށް މެޗުގެ 23 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަރިމަތިން ރިލްވާން ވަހީދު (ރިލޭ) ހުރަސްކޮށްލި ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށްހުރި ހަމްޕު އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެެރެއަަށް ބޯޅަ ފޮނުވާލައިފަ އެވެ.

އީގަލްސްގެ ސިފާއު (ކ) ކައިިރިން ނިއުގެ އަދުހަމް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އީގަލްސްގެ ސިފާއު (ކ) ކައިިރިން ނިއުގެ އަދުހަމް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނިއު އިން ލީޑުފުޅާކުރީ މެޗުގެ 33 ވަނަ މިނިޓްގައި ލުބުނާންގެ ޑިފެންޑަރު ހުސެން އެލްޑޯ ޖެހި ގޯލުންނެވެ. އޭނަ މި ލަނޑު ޖެހީ ލިބުނު ކޯނަރަކުން ބޮލުންނެވެ. އެ ބޯޅަ އެލްޑޯ އަށް ލިބުނީ އީގަލްސްގެ ޒުވާން ކީޕަރު މުހައްމަދު އަޝްވާން އަތްމަތިން ގޮހެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު އިން ކުރިއަށް ޖެހި ތިބި ވަގުތު ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި އީގަލްސް އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު މެޗުގެ 44 ވަނަ މިނިޓްގައި ކާމިޔާބުކުރީ މުސައްނިފު މުހައްމަދު އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ކީޕަރު އިމްރާން ކައިިރިން ނައްޓާލައިފަ އެވެ.

ނިއު އިން ދެ ވަނަ ހާފު ފެށީ ސްޓެފަން މާކޮވިޗްގެ ބަދަލުގައި އަކުރަމް އަބްދުލް ގަނީ (އަކޫ) އަރުވައިގެންނެވެ. ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ ދިހަ މިނިޓް ތެރޭ އީގަލްސް އޭރިއާ ތެރެއިން އިބްރާހިމް ފަޒީލް (އޮއްޕޮ) ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، ސަޑޭ ޖެހި ބޯޅަ ދިޔައީ އަރިމަތިންނެވެ.

ނިއުގެ ތިން ވަނަ ލަނޑު ޖެހީ ސަޑޭ އެވެ. އޭރިއާ ތެެރެއިން އަބްދުﷲ މިދުހަތު (ބިޗަޑް) ދިން ބޯޅަ ސަޑޭ ވަނީ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. ލަނޑަށް ފަހު ސަޑޭ ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި އެރީ މުހައްމަދު ސާދިން އެވެ.

އަނިޔާވުމުގެ ސަބަބުން ދަގަނޑޭ ވަނީ މެޗުގެ 70 ވަނަ މިނިޓްގައި ބަދަލުކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން ނިއުގެ ހަތަރު ވަނަ ލަނޑު ޖެހީ އެލްޑޯ އެވެ. އޭނާ މި ގޯލު ވެސް ޖެހީ ކަންޑޭލާ ނަަގައިދިން ކޯނަރަކުންނެވެ.

ނިއުގެ ފަސް ވަނަ ލަނޑު އޮއްޕޮ ޖެހީ މެޗުގެ 83 ވަަނަ މިނިޓްގަ އެވެ. އޭރިއާ ބޭރު ރޮނގުކައިރިން އީގަލްސް ކުޅުންތެރިއަކު ކައިިރިން ނައްޓާފައި އޮއްޕޮ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ޑިފެންޑަރަކު ގައިގައި ޖެހިފަ އެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ޓީމަށް ބަދަލުތަކެއް ގެނެސްގެން ވެސް އެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"އަހަރެމެން ބަދަލުތަކެއް ގެނެސްގެން ވެސް ބޭނުންވީ މި އޮތް ފޯމު ދަމަހައްޓަން. އެކަން މިކުރީ ވަރަށް ބޮޑަށް މެޗު ކޮންޓްރޯލް ކޮށްގެން. އަހަރެން ވަރަށް ހިތްހަމަ ޖެހޭ މި މެޗާ މެދު،" ބުރޮޒޮން ބުންޏެވެ.

މާދަމާ ގްރީން ސްޓްރީޓްސް އާއި ކޮންފެރޭ ކުޅޭ މެޗު ފަށާނީ ހަވީރު 15:50 ގަ އެވެ.

ނިއު އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ތިން ވަނަ ޓީމެވެ. މިދިޔަ އަހަރުގެ ސެމީން ކެޓީ ޓީސީ އަތުންނެވެ. ނިއު ތިން ވަނަ ހޯދީ ޔުނައިޓެޑް ވިކްޓަރީ ބަލިކުރުމަށް ފަހު އެވެ.