Roadha Mihaaru
"އިޒްރޭލަކީ ލޭ އޮހޮރުވާ ޓެރަރިސްޓް ދައުލަތެއް"

އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް، އެމެރިކާއަކީ ލޭ އޮހޮރުވުމުގެ ބައިވެރިއެއް: އުރްދުޣާން

12 ޑިސެމްބަރ 2017

ފަލަސްތީނުގެ ބިމުގައި ގަދަބާރުން އުފައްދާފައިވާ އިޒްރޭލަކީ ފަލަސްތީނު މީހުންގެ ލޭއޮހޮރުވާ ޓެރަރިސްޓު ދައުލަތެއް ކަމަށާއި އެމެރިކާ އަކީ އިޒްރޭލުން ހިންގާ ލޭއޮހޮރުވުންތަކުގެ ބައިވެރިއެއް ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާން ވިދާޅުވެއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ފަލަސްތީނުގެ ބިމުގައި ގަދަބާރުން އުފައްދާފައިވާ އިޒްރޭލަކީ ފަލަސްތީނު މީހުންގެ ލޭއޮހޮރުވާ ޓެރަރިސްޓު ދައުލަތެއް ކަމަށާއި އެމެރިކާ އަކީ އިޒްރޭލުން ހިންގާ ލޭއޮހޮރުވުންތަކުގެ ބައިވެރިއެއް ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާން ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމުގައި އިޒްރޭލުން ނިންމާފައިވާ ނިންމުމަށް، އެމެރިކާ އިން ރަސްމީކޮށް އިއުތިރާފްވިކަން މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރެއްވި ފަހުން އެމެރިކާ އާއި އިޒްރޭލަށް އެންމެ ހަރުކަށި އިބާރާތުން ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅަކީ އުރްދުޣާނެވެ.

ފަލަސްތީނުގެ ބިންތައް އަޅުވެތިކުރުމަށާއި ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެމެރިކާ އިން މިހާރު ނިންމާފައިވަނީ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ވެސް ގުދުސަށް ބަދަލު ކުރުމަށެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލާ ދެކޮޅަށް މި މަހުގެ 8 ވަނަ ދުވަހު ކުރި މުޒާހަރާގައި ޓަޔަރުތަކެއްގައި ރޯކޮށްފައިވާ އިރު، އިޒްރޭލު ސިފައިންނަށް އޮއްގަލުން ހަމަލާ ދިނުމަށް ފަލަސްތީނުގެ ޒުވާނުން ތައްޔާރުވަނީ. ރޮއިޓާސް

ޓްރަމްޕުގެ މި ނިންމުމާ ގުޅޭ ގޮތުން، ތުރުކީގެ ވެރިކަން ކުރާ އަދާލަތު ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވީ 1947 ވަނަ އަހަރުން ފެށިގެން ފަލަސްތީނު އޮތީ އަޅުވެތިކުރެވިފައި ކަމަށެވެ. އަދި އިޒްރޭލަކީ ފަލަސްތީނުގެ ބިންތައް އަޅުވެތިކޮށްގެން އޮތް ޓެރަރިސްޓް ދައުލަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ ފަލަސްތީނުގެ ގުދުސާ ބެހޭ ގޮތުން މި މަހުގެ 6 ވަނަ ދުވަހު ޓްރަމްޕު ނިންމެވި ނިންމެވުމަކީ ތުރުކީގެ ކުރިމަތީގައި އެއްވެސް ހައިސިއްޔަތެއް އަދި އަގެއް ހުރި ނިންމުމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން މިދިޔަ އާދީއްތަ ދުވަހު ތުރުކީގެ ސީވާސް ސަހަރުގައި ބޭއްވި ބޮޑު އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވީ "އެމެރިކާ އަކީ ތުއްތުކުދިން ގަތުލުކުރާ ދައުލަތެއް" ކަމަށެވެ. އަދި "އިސްތިއުމާރީ ދައުލަތެއްގެ ބާރުގެ ދަށަށް ގުދުސް ދޫކޮށްނުލާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީ ވިލާތުން މިހާރު ނިންމާފައިވަނީ، ގުދުސްގެ މައްސަލައިގައި މަޝްވަރާ ކުރުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ މެމްބަރު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް، މާދަމާ އިސްތަންބޯލްގައި ބާއްވާށެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި ކައިރީގައި އޮތް ޔަހޫދީ އާބާދީއެއްގެ ކައިރީގައި އިޒްރޭލާ ދެކޮޅަށް މި މަހުގެ 7 ވަނަ ދުވަހު ކުރި މުޒާހަރާގައި އިޒްރޭލު ސިފައިން ކަރުނަގޭސް ޖެހުމުން ފަލަސްތީނުގެ ޒުވާނުންތަކެއް ދުވެފައި ދަނީ. ރޮއިޓާސް

ގުދުސްގެ މައްސަލައިގައި އެމެރިކާ އާއި އިޒްރޭލުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން، އިޒްރޭލާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ޖެހިދާނެ ކަމަށް އުރުދުޣާން ވަނީ މިދިޔަ ހަފުތާގައި އިންޒާރު ކުރައްވައިފަ އެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ފަލަސްތީނުން ގަބޫލުކުރާ އިރު، އިޒްރޭލުން ދެކެނީ ގުދުސްގެ އިރުމަތީ ބަޔަކާއި ހުޅަނގު ބައެއް ނޯންނާނެ ކަމަށެވެ. އަދި ގުދުސްއަކީ ބައިބައި ކުރެވޭނެ ސަހަރެއް ނޫން ކަމަށާއި ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މީގެ އެތައް އަހަރެއް ކުރިން ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ރަސްމީކޮށް ކަނޑައެޅުމުން އެކަމަށް އިޝާރާތް ކުރައްވައި އުރްދުޣާން ވިދާޅުވި ގޮތުގައި، އެމެރިކާގެ އެ ނިންމުމުން ދޭހަކޮށް ދެނީ، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނު ރައްޔިތުންގެ ލޭ އޮހޮރުވުމުގައި އެމެރިކާ ބައިވެރިވާ ކަމެވެ.

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނު މީހުން މުޒާހަރާ ކުރަން ފެށުމުން އިޒްރޭލު ސިފައިން މުޒާހަރާ ރޫޅައިލުމަށް ކަރުނަގޭހާއި ފެން ޖަހަނީ. ރޮއިޓާސް

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނު މީހުން މުޒާހަރާ ކުރަން ފެށުމުން އިޒްރޭލު ސިފައިން މުޒާހަރާ ރޫޅައިލުމަށް ކަރުނަގޭހާއި ފެން ޖަހަނީ. ރޮއިޓާސް

އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމުމުން، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލާ ދެކޮޅަށް ވަނީ ވަރުގަދަ މުޒާހަރާތަކެއް ފަށައިފަ އެވެ. އެ މުޒާހަރާތައް ރޫޅައިލުމަށް އިޒްރޭލުގެ ފުލުހުންނާއި ސިފައިން ހަތިޔާރުގެ ބޭނުންކޮށް ފަލަސްތީނުގެ ހަތަރު މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އެތައް ސަތޭކަ މީހަކު ވަނީ ޒަޚަމްވެފަ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް އަޅުވެތިކުރީ 1967 ގައި ކުރި އަރަބި-އިޒްރޭލު ހަނގުރާމައިގަ އެވެ. އެ ހަނގުރާމަ އަށް ފަހު، ގުދުސަކީ އިޒްރޭލުގެ ބިމެއް ކަމަށް އިޒްރޭލުން ނިންމާފައިވާ އިރު، އެމެރިކާ ފިޔަވައި އެހެން އެއްވެސް ގައުމަކުން އިޒްރޭލުގެ އެ ނިންމުން ބަލައިގެންފައެއް ނުވެ އެވެ.

އޭގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ، އިޒްރޭލުގެ އެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައި އެތައް ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އެމެރިކާ އާއި އިޒްރޭލުން އަމަލުކުރަމުން ދަނީ އެ ގަރާރުތަކާ ޚިލާފަށެވެ.