Roadha Mihaaru
ރިޝްވަތު ދިނުމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފި

ފުލުހުންގެ ބަޔަކަށް ރިޝްވަތު ދިން ކަމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފި

04 ޖެނުއަރީ 2018

ފުލުހުންގެ ބަޔަކަށް ރިޝްވަތު ދިން ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ ބަޔަކަށް ރިޝްވަތު ދިން ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރަނީ ސަރުކާރުގައި އުޅުއްވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހޯދުމަށް، ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ދެ ފުލުހަކަށް އަދީބު ރިޝްވަތު ދިން ކަމަށް ބުނެ އެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް ކުރަނީ ރިޝްވަތު ހުށަހެޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކުރިއިރު، އޭނާގެ މައްޗަށް ދައުވާކުރާ ގިނަ މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ނުވަ ދައުވާ އަކާއި ޓެރަރިޒަމްގެ ދައުވާއެއްގެ އިތުރުން އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އެކެވެ.