Roadha Mihaaru
ފޮތްތައް ނުލިބިގެން ގޭޓްވޭ ބެލެނިވެރިން ރުޅިގަދަވެއްޖެ

ބައެއް ގްރޭޑްތަކުގެ ފޮތްތަކާއި ޔުނިފޯމް ނުލިބިގެން ގޭޓްވޭ ސްކޫލުގެ ބެލެނިވެރިން ރުޅިގަދަވެއްޖެ

10 ޖެނުއަރީ 2018

ސްކޫލުތައް ހުޅުވެން ތިން ދުވަހަށް ވެފައިވާއިރު ވެސް ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ބައެއް ގްރޭޑްތަކުގެ ފޮތްތަކާއި ޔުނިފޯމު ނުލިބޭތީވެ ބެލެނިވެރިން ރުޅިގަދަވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތައް ހުޅުވެން ތިން ދުވަހަށް ވެފައިވާއިރު ވެސް ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ބައެއް ގްރޭޑްތަކުގެ ފޮތްތަކާއި ޔުނިފޯމު ނުލިބޭތީވެ ބެލެނިވެރިން ރުޅިގަދަވެއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ ގޭޓްވޭ ސްކޫލުގެ ބައެއް ބެލެނިވެރިން "މިހާރު" އަށް ބުނީ ގްރޭޑް ހަތަރަކުން ދަށުގެ ބައެއް ދަރިވަރުންނަށް ފޮތްތައް ލިބުނަސް މަތީ ގްރޭޑްތަކުގެ ދަރިވަރުންގެ ފޮތްތައް ނުލިބޭ ކަމަށެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ބެލެނިވެރިން ބުނެ އެވެ.

ލާލޭ ސްކޫލު ކުރިން ހިންގި އިމާރާތުގެ މުއްދަތު ހަމަވުމުން އެޑިއުކޭޝަން މިނިސްޓްރީން އެ އިމާރާތް ބީލަމަށް ލީ އެވެ. އެ ބީލަން ކާމިޔާބުކޮށް މިދިޔަ އަހަރުން ފެށިގެން ގޭޓްވޭގެ ނަމުގައި އެ ސްކޫލު ހިންގަނީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ.

ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ބައެއް ބެލެނިވެރިން ބުނިގޮތުގައި މިދިޔަ އަހަރު ވެސް އެ ސްކޫލުން ފޮތްތަކާއި ޔުނިފޯމް ހަވާލުކުރީ ސްކޫލް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި އޮއްވަ އެވެ. އެގޮތަށް ދިމާވީ، ސްކޫލުގެ އިންތިޒާމުތައް ހަމަޖައްސަން ލިބުނު މުއްދަތު ލަސްވުމުން ކަމަށް އޭރު ބުނި ކަމަށް ބެލެނިވެރިން ބުންޏެވެ.

"މިދިޔަ އަހަރު އެހެންވީ ސްކޫލާ ހަވާލުވެ އިންތިޒާމްތައް ހަމަޖައްސަން ލިބުނު މުއްދަތު ކުޑަވެގެން ކަމަށް ބުނީ. އެކަމަކު މުޅި އަހަރު ލިބުނު އިރު ވެސް އެކަމަށް ހައްލެއް ނުލިބުނު. ސްކޫލް ފެށޭއިރު ވެސް ފޮތްތަކެއް ޔުނިފޯމެއް ނުލިބޭ،" ބެލެނިވެރިޔަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ ސްކޫލު ހިންގަން ކޮލިޓޭޓް އެޑިއުކޭޝަނުން ހަވާލުވި ފަހުން، ސްކޫލުގެ ހާލަތު ވަނީ ދަށްވެފަ އެވެ. ޓީޗަރުންގެ ފެންވަރާއި ކިޔަވައިދިނުން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ދަރިވަރުންގެ ފޮތްތައް ގަންނަން ހުރިހާ ބެލެނިވެރިންގެ އަތުން ވެސް ވަނީ ފީ ނަގައިފަ އެވެ. އެކަމަކު އިސްލާމާއި ދިވެހި މާއްދާގެ ފޮތް ގަންނަން ޖެހެނީ ބެލެނިވެރިން އަމިއްލައަށް ކަމަށާއި އެކަން ވެސް ސްކޫލުން ރަސްމީކޮށް ނާންގާ ކަމަށް ބެލެނިވެރިން ބުންޏެވެ.

"ފުލް ޕޭމަންޓް ދައްކާފައި މިވަނީ ފޮތްތަކާއި ޔުނިފޯމަށް. އެކަމަކު އިސްލާމާއި ދިވެހި ފޮތް ގަންނަން ޖެހޭނީ ވަކިން. ބައެއް ބެލެނިވެރިންނަށް އަދި ވެސް އެކަމެއް ނޭނގޭ. އެހެންވީމަ ސްކޫލު ފެށެން ވާއިރަށް އެއްވެސް ތާއްޔާރީއެއް ވެވިފައެއް ނެތް،" ބެލެނިވެރިއަކު ބުންޏެވެ.

ބެލެނިވެރިންގެ ޝަކުވާތަކާ ގުޅޭގޮތުން ގޭޓްވޭ ސްކޫލުގެ ބަހެއް އަދި ނުލިބެ އެވެ.