Roadha Mihaaru
އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ފަށައިފި

އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ފަށައިފި

11 ޖެނުއަރީ 2018

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އައިޖީއެމްއެޗުން ފުރަތަމަ ފަހަރަށް ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އައިޖީއެމްއެޗުން ފުރަތަމަ ފަހަރަށް ފަށައިފި އެވެ.

މެޑިސިން ކިޔަވާ ކުދިންނަށް ޑޮކްޓަރު ކަމުގެ ފާސް ލިބެނީ މެޑިކަލް އިންޓާންޝިޕް ފުރިހަމަ ކުރުމުންނެވެ، އެއީ ފަހެއް ނުވަތަ ހަ އަހަރު ޑޮކްޓަރުކަން ކިޔެވުމަށް ފަހު، ތަމްރީނު ހޯދުމުގެ އެއް އަހަރުގެ ޕްރޮގްރާމެކެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް އަދި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެ ޕްރޮގްރާމްގައި ބައިވެެރިވި ހަ ދަރިވަރަކަށް މިއަދު އެކަމުގެ ލިޔުން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ރަޝިޔާ އާއި މެލޭޝިޔާ އާއި ޗައިނާ އާއި އަޔަލެންޑާއި ޔޫކްރެއިނާއި ނައިޖީރިއާއިން ޑޮކްޓަރުކަން ކިޔެވި ދަރިވަރުން ހިމެނެ އެވެ.

މީގެ ތެރޭގައި ނައިޖީރިއާގެ ދަރިވަރަކު ވެސް ހިމެނެ އެވެ.

އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ހަދާ ދަރިވަރަކަށް، މިނިސްޓަރު ނާޒިމް (ކ) އެކަމުގެ ލިޔުން ހަވާލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ހަދާ ދަރިވަރަކަށް، މިނިސްޓަރު ނާޒިމް (ކ) އެކަމުގެ ލިޔުން ހަވާލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ މެޑިކަލް ސާވިސްގެ ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ކޮންމެ އަހަރަކު ވެސް ޑޮކްޓަރުކަން ކިޔަވަން ބޭރު ގައުމުތަކަށް ދިޔަ ނަމަވެސް، މެޑިކަލް އިންޓާންޝިޕްގެ ފުރުސަތު ލިބެނީ އުނދަގުލުން ކަމަށެވެ. އަދި ބައެއް ޔުނިވަސިޓީތަކުން އެ ފުރުސަތު ލިބެން ނުހުންނާތީ، ދިވެހި ދަރިވަރުން ރާއްޖެ އައިސް، ފުރުސަތެއް ހޯދައިގެން އެހެން ގައުމަކަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ރާއްޖޭގައި މި ޕްރޮގްރާމް ފެށުން ވާނީ އެ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކުން ވެސް މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު އާއްމުކޮށް، ދެނީ އެ ގައުމެއްގެ ދަރިވަރުންނަށެވެ. އެހެންވެ، ކިޔެވުން ފުރިހަމަ ކުރުމަށް ފަހު، މެޑިކަލް އިންޓާންޝިޕްގެ ފުރުސަތު ހޯދުމަކީ ދަރިވަރުންނަށް އުނދަގޫކަމެއް ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އަލަށް ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމާ ގުޅޭގޮތުން ޑރ. ނަޒީމް މިއަދު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އައިޖީއެމްއެޗުގައި އަލަށް ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމާ ގުޅޭގޮތުން ޑރ. ނަޒީމް މިއަދު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

"ކިޔެވުން ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އައިސް، އިންޓާންޝިޕަށް އެހެން ގައުމަކަށް ދިއުމަކީ ވެސް ވަރަށް ބޮޑު ތަކުލީފެއް. އެކަމަށް ގިނަ ފައިސާ އާއި ވަގުތު ވެސް ހޭދަވޭ. އެހެންވެ، އެއްވެސް ފީއެއް ނުނަގާ ގޮތަށް އައިޖީއެމްއެޗުން މިއަދު މި ފެށީ ވަރަށް މުހިއްމު ހިދުމަތެއް،" ނަޒީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އިންޓާންޝިޕް ހަދާ ބައެއް ދަރިވަރުން ބުނީ އަމިއްލަ ގައުމުގައި ތިބެ، ތަމްރީނު ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރަސްމީކޮށް ހިދުމަތް ދޭން ފެށުމުގެ ކުރިން، ދިވެހިންގެ ތެރޭގައި މަސައްކަތްކޮށް، އާއްމުކޮށް ޖެހޭ ބަލިތައް ދެނެގަނެވުމަކީ އެ މީހުންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

ރާއްޖޭގައި މި އަހަރު މެޑިކަލް ކޮލެޖުގެ ޚިދުމަތް ފަށާއިރު، އައިޖީއެމްއެޗުގައި އިންޓާންޝިޕް ފެށުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ވަނީ ވިދާޅުވެފަ އެވެ.

މެޑިކަލް ކޮލެޖް ހިންގުމަށް، ދަރުމަވަންތަ ހޮސްޕިޓަލުން ދެ ބުރި ވަނީ ހަމަޖައްސާފަ އެވެ.