Roadha Mihaaru
އެއާޕޯޓަށް ބިން ހިއްކަން މަހާޖައްރާފް ފުނަދޫގައި

މަހާޖައްރާފު ފުނަދޫގައި، އެއާޕޯޓަށް ބިން ހިއްކަން ފަށައިފި

14 ޖެނުއަރީ 2018

ށ. ފުނަދު އަށް މަހާޖައްރާފް އިއްޔެ ބަނދަރުކޮށް، އެއާޕޯޓު ހަދަން ބޭނުންވާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ށ. ފުނަދު އަށް މަހާޖައްރާފް އިއްޔެ ބަނދަރުކޮށް، އެއާޕޯޓު ހަދަން ބޭނުންވާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އެ ރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން 21 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖައްސައިފަ އެވެ. އެ ތަން ހިއްކުމަށް އެ އަތޮޅުގެ އެތެރެވަރީ ކަނޑުން ނަގައިގެން ގެންނަ ވެލިތައް، ހިއްކާ ސަރަހައްދަށް އެޅުމަށްޓަކައި މިހާރު ވަނީ ހޮޅި އަޅައި، މަހާޖައްރާފުގެ މަސައްކަތްތައް ފަށާފައި ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ ބަންޑުވޯލް ޖަހާފައި އޮތް ސަރަހައްދު، ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކާ ނިންމާލާނެ ކަމަށް އެއާޕޯޓް ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން މަހާޖައްރާފުން މިހާރު ކުރަމުން ދަނީ ބިން ހިއްކަން ބޭނުންވާ ވެލި ކަނޑުތެރެއިން ނެގުމުގެ މަސައްކަތެވެ.

ފުނަދޫ އެއާޕޯޓް ހަދާ ސަރަހައްދުގެ ހިއްކުމުގެ މަސައްކަތަށް ބަންޑުވޯލް ޖަހާފައި

ފުނަދޫ އެއާޕޯޓް ހަދާ ސަރަހައްދުގެ ހިއްކުމުގެ މަސައްކަތަށް ބަންޑުވޯލް ޖަހާފައި

"ރައްޔިތުން ވަރަށް ހިތްހަމަޖެހިފައި ތިބީ. މުޅި އަތޮޅުގެ އުއްމީދާ ގުޅިފައިވާ މަޝްރޫއެއް މިއީ،" އާބާދީގައި 2،500 އަށް ވުރެ ގިނަ މީހުން ހިމެނޭ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން އުފާވެފައި ތިބި މިންވަރު އެ ރަށުން އިއްޔެ ވަނީ ދައްކައިދީފަ އެވެ. މަހާޖައްރާފް އެ ރަށަށް ބަނދަރު ކުރި އިރު، ގިނަ އަދަދެއްގެ ބަޔަކު މަރުބާ ކިޔަން ނިކުމެ ތިބި ކަން އަހްމަދު ފާހަގަކުރެއްވި އެވެ.

ފުނަދޫ ރައްޔިތުން ބަނދަރުމަތީގައި. --ފޮޓޯ/ ފުނަދޫލައިވް

ފުނަދޫ ރައްޔިތުން ބަނދަރުމަތީގައި. --ފޮޓޯ/ ފުނަދޫލައިވް

އަހްމަދު ވިދާޅުވި ގޮތުގައި އެ ރަށުގެ އެއާޕޯޓް ވީހާ ވެސް އަވަހަށް ނިމުމަކީ މުޅި އަތޮޅަށް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ. ފުނަދޫގައި އެއާޕޯޓް ހެދުމުން، ކައިރި ރަށްތަކުން އެއާޕޯޓަށް ކުރަން ޖެހޭނީ 20 މިނެޓުގެ ލޯންޗު ދަތުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާޖައްރާފްގެ ފުނަދޫގައި: އެ ރަށަށް މި ބަނދަރުކުރީ ހދ. ކުޅުދުއްފުށިން 15 ހެކްޓަރު ހިއްކާ ނިންމާފައި. --ފޮޓޯ/

މަހާޖައްރާފްގެ ފުނަދޫގައި: އެ ރަށަށް މި ބަނދަރުކުރީ ހދ. ކުޅުދުއްފުށިން 15 ހެކްޓަރު ހިއްކާ ނިންމާފައި. --ފޮޓޯ/

ފުނަދުއާ ދުރު ރަށްތަކުގެ ގޮތުގައި، އެ އަތޮޅު ކަނޑިތީމާއި ގޮއިދު އާއި ބިލެތްފަހި ހިމެނޭއިރު އެ ރަށްތަކަށް ކައިރިވާނީ ހދ. ކުޅުދުއްފުށީގައި އަޅާ އެއާޕޯޓު ކަމަށް އަހްމަދު ވިދާޅުވި އެވެ.

"ދެ ގޮތުން ވެސް ވަރަށް ބޮޑު ލުއި ފަސޭހަކަމަކާއި ތަރައްގީއެއް މުޅި އަތޮޅަށް ލިބިގެން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

މަހާޖައްރާފުގެ ފަޅުވެރިން ފުނަދޫގައި: އެއާޕޯޓް އަޅާ ސަރަހައްދު ހިއްކަން ނަގާނީ މަހެއްހާ ދުވަސް ކަމަށް ކައުންސިލަށް ވަނީ މައުލޫމާތު ދީފައި. --ފޮޓޯ/ފުނަދޫލައިވް

މަހާޖައްރާފުގެ ފަޅުވެރިން ފުނަދޫގައި: އެއާޕޯޓް އަޅާ ސަރަހައްދު ހިއްކަން ނަގާނީ މަހެއްހާ ދުވަސް ކަމަށް ކައުންސިލަށް ވަނީ މައުލޫމާތު ދީފައި. --ފޮޓޯ/ފުނަދޫލައިވް

ފުނަދޫ އެއާޕޯޓު ހަދާ ބިން ހިއްކަން މި ފެށީ، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޖުލައި، 2017 ގައި، ކުއްލިއަކަށް ބިން ހިއްކަން ފަށައި އެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ. ފުނަދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަން އޭރު ހަވާލުކޮށްފައި އޮތީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ބްރީމަންއާ އެވެ.