Roadha Mihaaru
ފޭދޫ އިއްބެ އާއި ސައްޓު: މަގެއް ކޮށައިދީފި!

ފޭދޫ އިއްބެ އާއި ސައްޓު: މަގެއް ކޮށައިދީފި!

14 ޖެނުއަރީ 2018

މީގެ ދެ އަހަރު ކުރިއަށް ބަލާއިރު ސ. ފޭދޫ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ބ. އޭދަފުށީ އިޝާން އިބްރާހިމް (ސައްޓު) އަކީ ހަމައެކަނި އަތޮޅުތެރޭގެ ފުޓްބޯޅައިގައި މަގުބޫލު ދެ ނަމެވެ. އޭރު ފުރަތަމަ ޑިވިޝަނުގައި މި ކުޅުންތެރިންގެ ތަޖުރިބާއެއް ނެތުމުން ގިނަ ބަޔެއް އިންތިޒާރު ކުރަމުންދިޔައީ ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަންތިއަށް މިި ދެ ކުޅުންތެރިން އަންނާނެ ދުވަހަކަށެވެ. މިދިޔަ ސީޒަނަކީ އެކަން ފެނިގެންދިޔަ އަހަރެވެ. ޓީސީ ސްޕޯޓްސް ކްލަބަށް ފޭދޫ އިއްބެ މޮޅު ކުޅުމެއް ދެއްކިއިރު، ށ. މިލަންދޫ އަށް މަދު މެޗުތަކެއްގައި ކުޅެ ސައްޓު ވަނީ ގިނަ ބަޔެއްގެ ހިތް އަތުލައިފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މީގެ ދެ އަހަރު ކުރިއަށް ބަލާއިރު ސ. ފޭދޫ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ބ. އޭދަފުށީ އިޝާން އިބްރާހިމް (ސައްޓު) އަކީ ހަމައެކަނި އަތޮޅުތެރޭގެ ފުޓްބޯޅައިގައި މަގުބޫލު ދެ ނަމެވެ. އޭރު ފުރަތަމަ ޑިވިޝަނުގައި މި ކުޅުންތެރިންގެ ތަޖުރިބާއެއް ނެތުމުން ގިނަ ބަޔެއް އިންތިޒާރު ކުރަމުންދިޔައީ ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަންތިއަށް މިި ދެ ކުޅުންތެރިން އަންނާނެ ދުވަހަކަށެވެ. މިދިޔަ ސީޒަނަކީ އެކަން ފެނިގެންދިޔަ އަހަރެވެ. ޓީސީ ސްޕޯޓްސް ކްލަބަށް ފޭދޫ އިއްބެ މޮޅު ކުޅުމެއް ދެއްކިއިރު، ށ. މިލަންދޫ އަށް މަދު މެޗުތަކެއްގައި ކުޅެ ސައްޓު ވަނީ ގިނަ ބަޔެއްގެ ހިތް އަތުލައިފަ އެވެ.

ފޭދޫ އިއްބެ އެންމެ ފުރަތަމަ ގިނަ ބަޔެއްގެ ލޯ އަމާޒުވީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގދ. ފަރެސްމާތޮޑާ ކޮޅަށް އޭނާ ޖެހި މޮޅު ގޯލާ އެކު އެވެ. އެ އަހަރަށް ފަހު ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން ފޭދޫ އިއްބެ އަށް ޝައުގުވެރިވި އެވެ. އަދި އޭނާ އަށް އެކި ގެންނަން ވެސް ބޭނުންވި އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ވަގުތު އޭނާ ފުރަތަަމަ ޑިވިޝަންގެ ކްލަބަކާ ނުގުޅެ އެވެ.

އެކަމަކު މިދިޔަ ސީޒަނުގައި އޭނާ ޓީސީއާ ގުޅުނެވެ. އަދި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޓީސީގައި ހުރެ ހޯދުމަށް ފަހު އަލީ ފާސިރު (ސެންޓޭ) އެ ޓީމު ދޫކޮށްލުމުން އުފެދުނު ބާގަނޑު ފޫބެއްދި އެވެ. ބަންގްލަދޭޝްގައި އޮތް ޝެއިހު ކަމާލް ކަޕް ޓީސީން ކާމިޔާބުކުރިއިރު، ފޭދޫ އިއްބެ އޭނާގެ ބައިނަލްއަގްވާމީ ފުރަތަމަ ތަޖުރިބާގައި ވެސް ތަފާތު ދެއްކި ތަނެވެ.

މިދިޔަ ސީޒަނުގައި ލަނޑު ޖެހުމާ އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓި މަދު ކުޅުންތެރިންގެ ތެރޭގައި ފޭދޫ އިއްބެ ހިމެނެ އެވެ. އޭނާ ސީޒަން ނިންމާލީ 17 ގޯލާ އެކު އެވެ. މިއީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ކުޅުންތެރިޔަކާ ބަލާއިރު ވަރަށް ރަނގަޅު އަދަދެކެވެ.

މިދިޔަ ސީޒަނުގެ މާލޭ ލީގުގެ މެޗެއް ކުރިން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ފޭދޫ އިއްބެ ކާމިޔާބީ އަކީ އޭނާގެ ޑިސިޕްލިން ކަމަށެވެ.

"ވަރަށް ގިނައިން ފެނޭ އަލަށް އަންނަ ކުޅުންތެރިން ހުނަރު ހުއްޓަސް ރަނގަޅަށް ޑިސިޕްލިން ނުހިފެހެއްޓިގެން ކައްސާލައިގެންދާ މަންޒަރު. އެކަމަކު އިއްބެ އެހެނެއް ނޫން. ހަގީގަތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އެ ހޯދަމުންދާ ކުރިއެރުމުގައި އެންމެ ބޮޑަށް ފާހަގަވަނީ ޑިސިޕްލިން،" ނިޒާމްބެ ބުންޏެވެ.

ޓީސީ މެޗެއްގެ ތެރެއިން އިއްބެ ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ މެޗެއްގެ ތެރެއިން އިއްބެ ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޭދޫ އިއްބެ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގައުމީ ފުޓްބޯޅަ ޓީމުން އޭނާ އަށް ފުރުސަތު ލިބުނެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު މަދު މެޗެއް ކުޅެ ގައުމީ ޓީމުން ފުރުސަތު ހޯދި ކުޅުންތެރިންގެ ތެރޭގައި އިއްބެ ހިމެނެ އެވެ.

ފުރަތަަމަ ޑިވިޝަނުގައި އެއް ރަށަކުން އެންމެ ގިނަ ކުޅުންތެރިން ގައިމުވެސް ފެންނާނީ އޭދަފުށިންނެވެ. ގައުމީ ޓީމުގައި ވެސް އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިން ގިނަ އެވެ. އެހެން ނަމަވެސް އޭދަފުށީގައި ނަން ހިނގާ ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން ފުރަތަމަ ޑިވިޝަނުގައި ނުކުޅެ ވެސް ގިނަ ކުޅުންތެރިން ތިބެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ސައްޓު އެވެ. އެކި ފަހަރު މަތިން އެކި ކްލަބްތަކުން ސައްޓު ހޯދަން ކުރި މަސައްކަތް މީގެ ކުރިން އޮތީ ކާމިޔާބު ނުވެފަ އެވެ.

އެހެން ނަމަވެސް މިދިޔަ ސީޒަނުގައި މިނިވަން ޗެމްުޕިއަންޝިޕުން އައިސް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ށ. މިލަންދޫ ޓީމުން ސައްޓު އަށް ފުރުސަތު ދިނުމުން އޭނާ ބޭނުން ހިފި އެވެ. ސައްޓު އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ރަށުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަގުތު ނުލިބޭތީ މިލަންދޫގެ ޕްރެކްޓިސްތަކުގައި ބައިވެރިނުވެވުމެވެ. އެހެން ނަމަވެސް އެ ހިސާބުން ވެސް ބަދަލުނުވެ އޮތީ އެއް ކަމެކެވެ. ސައްޓު ދައްކަމުން އައި މޮޅު ކުޅުމެވެ. އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ދެއްކި ތަފާތު ސައްޓު ވަނީ ދިވެހި ޕްރިމިއާ ލީގުގައި ވެސް ތަކުރާރުކޮށްފަ އެވެ. މުހިއްމު ލަނޑުތަކެއް ޖަހައި، ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.

"ޕްރެކްޓިސް ނުކޮށް އައިސް ސައްޓު ސީދާ މެޗަށް މި އަރަނީ. ހަގީގަތުގައި ޓީމުގައި ތިބި ކުޅުންތެރިން ވެސް ގަބޫލުކުރޭ ސައްޓު އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔެއްކަން. އޭނާ ޕްރެކްޓިސް ނުކޮށް ވެސް ވަރަށް މޮޅަށް އެބަކުޅޭ. މީގެއިން އެބަ ސާބިތުވޭ އޭނާގެ ހުނަރު،" މިލަންދޫ ޓީމުގެ ކޯޗު މުހައްމަދު ނާސިރު މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗަކަށް ފަހު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ޝާފީ (ވ) ކައިިރިން މިލަންދޫގެ ސައްޓު ބޯޅަ ހޯދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ޝާފީ (ވ) ކައިިރިން މިލަންދޫގެ ސައްޓު ބޯޅަ ހޯދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސައްޓު މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރާއްޖޭގެ ބޮޑެތި ކްލަބްތަކުން އޭނާގެ ސޮއި ހޯދަން މަސައްކަތް ފެށި އެވެ. އެހެން ނަމަވެސް އެ ކްލަބްތައް ފަހަތަށް ޖައްސާލުމަށް ފަހު ސައްޓު ގެންދިޔައީ ޓީސީންނެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާނީ އަތޮޅުތަކަށް ފުޓްބޯޅަ ފުޅާކޮށްގެން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެހެން ނަމަވެސް މި ކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަން ކުރުމަށް އެކަށީގެންވާ ވަރުގެ ވަސީލަތްތަކެއް ނޫނީ އިންތިޒާމްތަކެއް ހަމަޖެހިފައިނެތުމެވެ. މި ވަގުތު އޮތް ހައްލަކީ އަތޮޅުތަކުގެ ހުނަރުވެރި ކުޅުންތެރިން ބޮޑެތި ކްލަބްތަކަށް ބަދަލުވުމެވެ. އެއީ މި ވަގުތުގެ ހާލަތެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އަތޮޅު ތެރޭގެ ހުނަރުވެރި ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް ދާން ބޭނުމެއް ނުވެ އެވެ. މުސާރަ އާއި އެ ނޫން ސަބަބުތަކާ ހުރެ އެވެ.

އަތޮޅު ތެރޭގައި އޮތް ފުޓްބޯޅަ ހުނަރު ވަރަށް މުއްސަންޖެވެ. އެހެން ނަމަވެސް އޭގެ ބޭނުން ހިފޭނީ ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުން ހޯދާ ކާމިޔާބުންނެއް ނޫނެވެ. އެ އަށް ވުރެން ދުރަށް ވިސްނަން ޖެހެ އެވެ. ހަގީގީ ކާމިޔާބީ އަކީ ގައުމީ ފެންވަރާއި ބައިނަލްއަގްވާމީ ފެންވަރުގަ އެވެ. މިދިޔަ ސީޒަނަށް ބަލާއިރު، އަތޮޅު ފުޓްބޯޅައިގެ ދެ ހުނަރު މި ވަނީ ގައުމީ ފެންވަރުގެ މަގުބޫލު ދެ ކުޅުންތެރިންނަށް ވެފަ އެވެ. ފޭދޫ އިއްބެ އާއި ސައްޓު އެ ދައްކައިދިނީ މަދު ވަގުތު ކޮޅަކުން ވެސް ތަފާތު ދެއްކޭނެ ކަމެވެ. އެ ދެއްކި މަގުން ހިތްވަރު ލިބިގެން ދެން ތިބި ކުޅުންތެރިން ވެސް އައުމަކީ ދިވެހި ފުޓްބޯޅަ ކުރިއަށް ދިއުމަށް އެޅޭނެ ފިޔަވަޅެކެވެ.