Roadha Mihaaru
ކްރޫޒްތަކަށް އިއްޒުއްދީން ފާލަން ދޫކުރުން ހުއްޓާލައިފި

ކްރޫޒް ލައިންތަކަށް އިއްޒުއްދީން ފާލަން ދޫނުކުރަން ނިންމައިފި

22 ޖެނުއަރީ 2018

ރާއްޖެ އަންނަ ކްރޫޒް ލައިނާތަކުން ޓޫރިސްޓުން މާލެ ފޭބުމަށް ބޭނުންކުރަމުން އަންނަ އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދު އެ ބޭނުމަށް ދޫކުރުން ހުއްޓާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އަންނަ ކްރޫޒް ލައިނާތަކުން ޓޫރިސްޓުން މާލެ ފޭބުމަށް ބޭނުންކުރަމުން އަންނަ އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދު އެ ބޭނުމަށް ދޫކުރުން ހުއްޓާލައިފި އެވެ.

މާލެއަށް އަންނަ ކްރޫޒް ލައިންތަކުން ފައިބާ ޓޫރިސްޓުންގެ ރެޖިސްޓްރޭޝަނާއި ސެކިއުރިޓީ ޗެކްކުރުންފަދަ ކަންކަން ކުރުމަށް ހާއްސަ ޕޯސްޓްތައް އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގައި ހަދައެވެ.

ކްރޫޒް ލައިންތަކުގެ އެޖެންޓެއް ކަމަށްވާ އެލަޔަންސް މެނޭޖަމްނަޓް ސާވިސަސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޖަލީލް ވިދާޅުވީ ކްރޫޒް ލައިންތަކުން މީހުން ބޭލުމަށް އެއް ނަމްބަރާއި ދެ ނަމްބަރު ޖެޓީ ބޭނުން ނުކުރެވޭނެ ކަމަށް އެ ސަރަހައްދު ބަލަހައްޓާ އެމްޓީސީސީން އަންގާފައިވާ ކަމަށެވެ.

ކްރޫޒް ލައިންތަކުން އެޖެޓީތައް ބޭނުން ކުރަމުން އަންނަނީ ދުވާލަކު 8،000 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.

"އެމްޓީސީސީން ބުނީ ހައުސިން އިން އެންގިކަމަށް ކުއްޔަށް ނުދިނުމަށް. އަޅުގަނޑު މިއަދު ހައުސިން މިނިސްޓްރީއަށް ދިއުމުން އެ ބޭފުޅުން ވިދާޅުވީ ކުއްޔަށް ނުދޭ ގޮތަށޭ އޮތީ. ސަބަބެއް ވިދާޅެއްނުވޭ،" ޖަލީލް ވިދާޅުވި އެވެ.

ރާއްޖެ އައި ކުރޫޒް ލައިނެއް މާލެ ބޭރުގައި އަޅާފަ-- މިހާރު ފޮޓޯ

ރާއްޖެ އައި ކުރޫޒް ލައިނެއް މާލެ ބޭރުގައި އަޅާފަ-- މިހާރު ފޮޓޯ

މިކަމާ ބެހޭ ގޮތުން ހައުސިން އިން އަދި އެމްޓީސީސީން ވެސް ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ޖަލީލް ވިދާޅުވީ އިއްޒުއްދީން ފާލަން އެސަރަހައްދު ނޫނީ ޓޫރިސްޓުން ފައިބަން އެކަށީގެންވާ ސަރަހައްދެއް މާލޭގައި ނެތް ކަމަށާއި މިއީ ކްރޫޒް ލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓިދާނެ ސަބަބެއް ކަމަށެވެ.

"2000 ފަސިންޖަރުން ފައިބާއިރު ސެކިއުރިޓީ ހަމަޖައްސަން ޖެހޭ. މާލޭގެ އެހެން ސަރަހައްދަކަށް ބަލާނަމަ ސީދާ މަގަށް މި ޖެހެނީ ފައިބަން،" ޖަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން ހައްލުކޮށްދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީގައި ވެސް އެދިފައިވާނެ ކަމަށާއި ވަކި ޖަވާބެއް ނުލިބޭ ކަމަށެވެ.

ކްރޫޒް ލައިނާ ތަކުން ގިނަ އަދަދެއްެ ޓޫރިސްޓުންނެއް މާލެ ފައިބައި ވިޔަފާރިކުރެ އެވެ. އަންނަ ބުދަ ދުވަހާއި ހުކުރު ދުވަހު ވެސް ކްރޫޒް ލައިނެއް މާލެ އަންނަން ވަނީ ހަމަޖެހިފަ އެވެ.