Roadha Mihaaru
އިޖުރާއާތުގެ ގާނޫނަށް ހޭލުންތެރި ކުރަން ކެމްޕެއިނެއް

ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ހޭލުންތެރިކުރަން ކެމްޕެއިނެއް ފަށައިފި

30 ޖެނުއަރީ 2018

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕެއިނެއް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕެއިނެއް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ފަށައިފި އެވެ.

"ޖިނާއީ އިޖްރާއާތުގެ ގާނޫނު ދެނެގަތުން" ގެ ނަމުގައި ފެށި ކެމްޕެއިނަކީ މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ހޭލުންތެރި ކުރުވުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ކެމްޕެއިނެކެވެ.

ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިން ލޯންޗްކޮށް ދެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.

މި ކެމްޕެއިން އަންނަ މާޗް މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ މައުލޫމާތު ހިމެނޭ މައުލޫމާތު ޕެކެއް ވެސް ނެރުނެވެ. އެ މައުލޫމާތު ޕެކްގައި ޖިނާއީ އަދުލުގެ ނިޒާމުގެ މަރުހަލާތަކާއި ލިބިދޭ ހައްގުތަކާއި ގާނޫނު ތަންފީޒު ކުރުމުގައި މުއައްސަސާތަކުން އަމަލުކުރަން ޖެހޭ ގޮތް ހިމެނޭ އަތްމަތީ ފޮތަކާއި ގާނޫނާ ބެހޭ މައުލޫމާތު ދައްކުވައިދޭ ޓިއުޓޯރިއަލްތަކާއި ޕޯސްޓަރުތައް ވެސް ހިމެނެ އެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެ ގާނޫނުގެ މައުލޫމާތު ފޯރުކޮށް ދިނުމަށްޓަކައި، ނެރުނު މައުލޫމާތު ޕެކްގައި ހިމެނޭ މައުލޫމާތުތައް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންނާއި ތަންފީޒީ އިދާރާތަކުން ސޯޝަލް މީޑިއާ އާއި އޮފީސްތަކުގައި އާންމު ކުރުން ވެސް ކެމްޕެއިންގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން ކެމްޕެއިންގެ ރަސްމީ މީޑިއާ ޕާޓްނަރުން މެދުވެރިކޮށް އެ މައުލޫމާތުތައް އާންމު ކުރުމާއި ގާނޫނާ ބެހޭ މައުލޫމާތު ހިމެނޭ ލިޔުންތައް ކޮންމެ ހަފުތާއަކު ޝާއިއުކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ކެމްޕޭންގެ އޮންލައިން ޕާޓްނަރަކީ "މިހާރު" އެވެ. ދެން ހިމެނެނީ ޕީއެސްއެމް އާއި ޗެނެލް 13 އެވެ.

އިޖްރާއާތުގެ ގާނޫނު ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ ބައްދަލުވުމެއްގައި އޭޖީ އަނިލް ބައިވެރިވަޑައިގަންނަވަނީ--ފޮޓޯ/އޭޖީ އޮފީސް

އިޖްރާއާތުގެ ގާނޫނު ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ ބައްދަލުވުމެއްގައި އޭޖީ އަނިލް ބައިވެރިވަޑައިގަންނަވަނީ--ފޮޓޯ/އޭޖީ އޮފީސް

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ހޭލުންތެރިކުރުވަން މިހާތަނަށް ކުރި މަސައްކަތް

ޑިސެމްބަރު، 2016: ދައުލަތުގެ ކަމާ ބެހޭ ފަސް މުއައްސަސާއަކާއިި ޔޫއެންޑީޕީ ހިމެނޭ ގޮތަށް ސްޓިއަރިން ކޮމެޓީއެއް އެކުލަވާލި.

ޖެނުއަރީ، 2017: ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ޓްރެއިނިން މެނުއަލްއެއް ކޮމެޓީން އެކުލަވާލައި، ޓްރެއިނަރުންނާ ހިއްސާކުރި.

ފެބްރުއަރީ، 2017: ފުރަތަމަ ފިޔަވަހީގެ ދަށުން، ޓްރެއިނަރުންގެ ތަމްރީނުތައް ހިންގައި، 54 ޓްރެއިނަރަކު ތަމްރީނުކުރި. އެގޮތުން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އޭސީސީ އާއި އެޗްއާރުސީއެމާއި އެންއައިސީ އާއި މީރާގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފުން ހިމެނޭ.

އޭޕްރީލް، 2017: ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެއްގޮތަށް އޭސީސީގެ އާންމު ގަވާއިދު އިސްލާހުކޮށް، އަމަލުކުރަން ފެށި.

ޖުލައި، 2017: ޖިނާއީ އިޖްރާއާތުގެ ގާނޫނާ ގުޅޭ މައުލޫމާތު ހިމެނޭ ހަ ކަރުދާހެއް އޭޖީ އޮފީހުގެ ލީގަލް ސެކްޓާ ރިސޯސް ސެންޓަރުން އާންމުކުރި.

އޮކްޓޫބަރު، 2017: ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ޕްރޮސެކިއުޓް ކުރުމުގެ އިޖްރާއާތުގެ ގަވާއިދާއި މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައި ދިނުމުގެ އުސޫލު ޝާއިއުކޮށް، އަމަލު ކުރަން ފެށި.

: ނޮވެމްބަރު، 2017: ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު، ކަމާ ބެހޭ މުއައްސަސާތަކަށް ސްޕެޝަލައިޒްޑް ޓްރެއިނިންތަކެއް އޭޖީ އޮފީހުން ހިންގި. ބޭރުގެ ކޮންސަލްޓެންޓެއް ކަމަށްވާ ނިކް ސްޓަނާޖް ހިންގި އެ ތަމްރީނުގައި މުއައްސަސާތަކުން ޖުމްލަ 130 މީހުން ތަމްރީންކުރި.

ޖެނުއަރީ، 2018: އާންމުން ހޭލުންތެރި ކުރުވުމުގެ ކެމްޕެއިން ފެށި.

އިޖްރާއާތުގެ ގާނޫނަށް ތަމްރީން ދޭން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގައި ހިންގި ޕްރޮގްރާމްގެ ތެރެއިން --ފޮޓޯ/އޭޖީ އޮފީސް

އިޖްރާއާތުގެ ގާނޫނަށް ތަމްރީން ދޭން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގައި ހިންގި ޕްރޮގްރާމްގެ ތެރެއިން --ފޮޓޯ/އޭޖީ އޮފީސް

ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި އިޖްރާއާތުގެ ގާނޫނަކީ ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު އެކުލަވާލައި، އަމަލުކުރަން ފެށި ގާނޫނެކެވެ. އެ ގާނޫނުގައި ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމާ ބެހޭ އިޖްރާއާތުތައް ތަފްސީލުކޮށް ބަޔާން ކޮށްދީފައިވެ އެވެ.