Roadha Mihaaru
ޖަލްސާ ބާއްވަން ދިން ހުއްދަ ބާތިލްކޮށްފި

ކާނިވާ ސަރަހައްދު ބޭނުންކުރަން ދިން ހުއްދަ، އިއްތިހާދުގެ ނަމުގައި ޖަލްސާ ބާއްވާތީ ބާތިލްކޮށްފި

14 ޖުލައި 2016

މިރޭ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދިނީ އެމްޑީޕީ އަށް ކަމަށާއި އެކަމަކު އިދިކޮޅު އިއްތިހާދު ނަމުގައި ޖަލްސާ ބާއްވާތީ އެ ހުއްދަަ ހައުސިން މިނިސްޓްރީން ބާތިލްކޮށްފި ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ. ޖަލްސާ ބާއްވަން އެމްޑީޕީން ހުއްދަ ހޯދީ އިދިކޮޅު އިއްތިހާދުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށެވެ.

މިރޭ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދިނީ އެމްޑީޕީ އަށް ކަމަށާއި އެކަމަކު އިދިކޮޅު އިއްތިހާދު ނަމުގައި ޖަލްސާ ބާއްވާތީ އެ ހުއްދަަ ހައުސިން މިނިސްޓްރީން ބާތިލްކޮށްފި ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ. ޖަލްސާ ބާއްވަން އެމްޑީޕީން ހުއްދަ ހޯދީ އިދިކޮޅު އިއްތިހާދުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށެވެ.

ހައުސިން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ އެ ހުއްދަ ބާތިލްކުރީ "ގައިރު ގާނުނީ ކަމަކަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ޖަލްސާ ބާއްވަން އުޅޭތީ" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާނިވާ ސަރަހައްދު މިރޭ ދޫކުރީ އެމްޑީޕީގެ ޖަލްސާއެއް ބާއްވަން އެ ޕާޓީއަށެވެ. އަދި އިދިކޮޅު އިއްތިހާދު ކިޔާ ބަޔަކަށް އެ ތަން ދޫކޮށްފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގައުމުގެ ހަމަޖެހުން ނަގާލަން އުޅޭ ބަޔަކަށް ފުރުސަތެއް ނުދޭނަން، ގައުމު ހަލާކުކުރަން ފުރުސަތެއް ނުދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ޖަލްސާ ބާއްވަން ހުއްދަ ދިން ސިޓީގައި، ހުއްދަ ދިން ފަރާތް ނޫން އެހެން ބައެއްގެ ހަރަކާތަކަށް ތަން ބޭނުންކުރާ ނަމަ ހުއްދަ ބާތިލްކުރާނެ ކަމަށް ބުނެފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ކުއްލި މި ބައްދަލުވުމުގައި ސުވާލުކުރުމުގެ އެއްވެސް ފުރުސަތެއް މިނިސްޓަރު ނުދެއްވަ އެވެ.

ސަރުކާރާ ދެކޮޅަށް، އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ޖަލްސާ ބާއްވަން މާލެ އިން ތަނެއް ހޯދަން އެދުނީ އެމްޑީޕީގެ ފަރާތުންނެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެކަމަށް އެދިގެން މަސައްކަތް ކުރި ނަމަވެސް އިއްޔެ އެ ހުއްދަ ލިބުނީ ސިޓީގެ ޖަވާބު ނުދެނީސް ހައުސިން މިނިސްޓްރީން ނުނިކުންނަަވާނެ ވިދާޅުވެ އެތަނުގައި އިދިކޮޅު ބައެއް ބޭފުޅުން ތިން ގަޑިއިރު ވަންދެން ތިއްބެވި ފަހުންނެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވެސް ފަހުން ބުނެފައި ވަނީ ކާވިނާ ސަރަހައްދު ދޭން އެދުނީ އެމްޑީޕީ އަށް ކަމަށެވެ. އެކަމަކު ޖަލްސާ ބާއްވަނީ އިދިކޮޅު އިއްތިހާދުން ކަމަށް ބުނެ ޕްރޮމޯޓްކުރާތީ ހުއްދަ އަނބުރާ ގެންދިޔަސް މައްސަލައެއް ނެތް ކަމަށް އިލެކްޝަންސް އިން ބުނެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީ އަށް ކާނިވާ ސަރަހައްދު ދޫކުރަން އިއްޔެ އިލެކްޝަންސް އިން ވަނީ ހައުސިންގައި އެދިފަ އެވެ. އަދި އެ ހުއްދަ ލިބުމާ އެކު، އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް ބާއްވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އިތުރުން ޕިކަޕްގައި ވެސް ގޮވާފައިވެ އެވެ. އެކަމަކު އެ ޕިކަޕް ވަނީ ފުލުހުން ހުއްޓުވައިފަ އެވެ.

މުއިއްޒު ވިދަޅުވީ ތަންތަން ދޫކުރަނީ ސުލްހަވެރިކަމާ އެކު ހަރަކާތްތައް ހިންގަން ކަމަށެވެ. އަދި ގަވާއިދާ ހިލާފު ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، އެ ދޫކުރި ބިމެއް އަތުލުމުގެ ބާރު މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްތިހާދުގެ ޖަލްސާ ގައިރުގާނޫނީ ކަމަކަށް ވަނީ ކީއްވެގެން ކަމެއް އަދި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އިދިކޮޅު ފަރާތްތަކުން ކުރަން އުޅެނީ ކޮން ކަމެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.