26 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސިޔާސީ ބޭފުޅުން މިނިވަންކޮށް ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަ ނުވާ ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ކައުންސިލުން މިއަދު ދީފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސިޔާސީ ބޭފުޅުން މިނިވަންކޮށް ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަ ނުވާ ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ކައުންސިލުން މިއަދު ދީފި އެވެ.
ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި، ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް ދިނުމަށް ގޮވާލާފައިވެ އެވެ. ސިޔާސީ ބޭފުޅުން ހައްޔަރުކުރަމުން ދާތީ އެކަން ކުށްވެރިކުރަމުން، އެ ހުރިހާ ބޭފުޅުން ވަގުތުން މިނިވަން ކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
"...ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ" ކަމަށް ބުނެފައި ވާއިރު އެއީ ވަކި ފަރާތްތަކަކަށް އަމާޒުކޮށް އަޅާނެ ފިޔަވަޅުތަކެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
އެ ކައުންސިލުން ބުނީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ނިޒާމެއްގެ ހަމަތަކާ އެއްގޮތަށް ރާއްޖޭގައި ކަންތައް ހިނގާ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިދިކޮޅު ފަރާތްތަކާ އިހްލާސްތެރިކަމާ އެކު މަޝްވަރާ ކުރުމަށް ގޮވާލައި އަދި އެފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގައި އެހީވާން ތައްޔާރަށް އޮތް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ނުކުރާ މައްސަލަ ވެސް ފާހަގަކޮށްފަ އެވެ. ޖަލުގައި ތިބި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ހިންގާފައިވާ ގޮތާ މެދު އެ އަމުރުގައި ސުވާލު އުފައްދާފައިވާ ކަމާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ، ރާއްޖޭގެ ގާނޫނީ ހަމަތަކުގެ މަތިން ހިންގުމުގެ ފުރުސަތު ދޭން ޖެހޭކަން ފާހަގަކުރަމުން ކައުންސިލުން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި އަސާސީ އަދި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތް ރާއްޖޭގެ މުއައްސަސާތަކުން ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމާ އެކު އިންސާފުވެރިކަމާ އެކު ޝަރީއަތް ހިންގަން ޖެހޭކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ސުޕްރީމް ކޯޓާއި ފަނޑިޔާރުންނާއި ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ ކަންކަން ވަނީ އީޔޫން ކުށްވެރިކޮށްފަ އެވެ.
"އިންސާފުވެރި، އެންމެންނަށް ބައިވެރިވެވޭ ރިޔާސީ އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ސިޔާސީ އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން އިހްލާސްތެރިކަމާ އެކު މަޝްވަރާކުރުމަށް ކައުންސިލުން ގޮވައިލަމެވެ. އަދި އދ. މެދުވެރިވެގެން ބާއްވާ މަޝްވަރާތަކުގައި އެހީވާން އީޔޫ އޮތީ ތައްޔާރަށެވެ،" ގަރާރުގެ ނިންމުމުގައި ބުނެފައިވެ އެވެ.
އީޔޫގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މިއަންމާ އާއި ކެމްބޯޑިއާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ގުޅިގެން އެ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ.
އެކި ގައުމުތަކުގައި ހިންގާ އިިންސާނިއްޔަތާ ހިލާފު އަމަލްތަކާއި އަނިޔާވެރިކަމާއި ހުދުމުހުތާރުކަމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން، ވަކި ބަޔަކަށް އަމާޒުކޮށް އަޅާ ފިޔަވަޅުތަކުގައި ހިމެނޭނީ އެ ގައުމުތަކުގައި އެފަދަ އަމަލްތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވާ، ނުސީދާކޮށް އެހީތެރިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މީހުންނާއި ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިތުރުން ސިފައިންނާއި ފުލުހުންގެ ތެރެއިން ހޮވާލެވޭ މީހުން ވެސް އަމާޒަކަށްވެ އެވެ. އަދި އެފަދަ ސަރުކާރުތަކަށް އެހީތެރިވާ ވިޔަފާރިވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުން ވެސް އެކަށީގެންވެ އެވެ.
އާންމު ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި މާލީ ގޮތުން ދަތިކުރުން ހިމެނެ އެވެ. އަދި ފިޔަވަޅު އަމާޒުވާ ފަރާތްތަކާ އެކު އީޔޫގެ ގައުމުތަކުގެ އެކި ފަރާތްތަކުން ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ވެސް ކަނޑާލެވެ އެވެ.
މުޅި ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން ގިނަ ފަހަރަށް ފިޔަވަޅު އަޅަނީ އެ ގައުމުތަކުގެ ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެންނެވެ.
ރާއްޖޭގެ މިހާރުގެ ހާލަތު ރަނގަޅު ނުވެއްޖެ ނަމަ ވަކިވަކި މީހުންނަށް އަމާޒުކޮށް ފިޔަވަޅު އަޅާނެ ކަމަށް އީޔޫން ބުނުމަކީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފަދަ ނުރައްކަލަކާ ދިމާވުމުގެ އިންޒާރު އައުމެވެ.
އީޔޫއިން ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެ: ރާއްޖެ
އީޔޫގެ ވަފުދާ ބައްދަލުކުރަން ސަރުކާރުން ބޭނުމެއް ނުވި
އީޔޫގެ އިސް ވަފުދެއް ރާއްޖެ އަތުވެއްޖެ
ހަރުކަށި ފިކުރާ ދެކޮޅަށް 43 މިލިއަންގެ ޕްރޮޖެކްޓެއް
އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫ އިން ފިޔަވަޅު އަޅާ ލިސްޓުގައި 41 ނަމެއް ހިމެނޭ