Roadha Mihaaru
ލިބެން ޖެހޭ ފައިސާ ހަތަރު ބިލިއަނަށް ވުރެ މަތި

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ހަތަރު ބިލިއަނަށް ވުރެ މަތި: ރިކަވަރީ ކޮމިޝަން

06 މާޗް 2018

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ހަތަރު ބިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ހަތަރު ބިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ގިނަ އަދަދެއްގެ ފައިސާއަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ އެވެ.

އެގޮތުން ޓޫރިޒަމްގެ މަސައްކަތަށް ދައުލަތުން ދޫކޮށްފައިވާ ރަށްތަކާ ގުޅުން ހުރި މުއާމަލާތްތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ޖުމްލަ 3,629,473,520.32ރ. އަށް އަރާ ކަމަށާއި ޖީއެސްޓީގެ ގޮތުގައި ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ އަށް ވުރެ މަތީގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ އަދަދު، 7,522,267.81ރ. އަރާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

މިގޮތުން މި ފައިސާގެ އަދަދުތައް އެކުލެވޭ މައްސަލަތަކަކީ މިހާރު ޝަރުއީ މަރުހަލާ ފެށިގެން ކުރިއަށްދާ މައްސަލަތައްކަން ވެސް މި ކޮޝަނުން ފާހަގަކޮށްފައި ވެއެވެ.

ޓޫރިޒަމްގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކާ ގުޅުން ހުރި މުއާމަލާތްތަކުން ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ލިބެން ޖެހޭއިރު، އެމްއެމްޕީއާރްސީގެ ތެރެއިން ވަނީ ފައިސާގެ ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތަކެއް ވެސް ހިންގައިފަ އެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ދައުލަތަށް ފައިސާ ލިބެން ޖެހޭ ކަމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޖުލައި، 20، 2017 ގައި އުފެއްދެވި ކޮމިޝަނެކެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް އުފެއްދި މި ކޮމިޝަންގައި ތިއްބަވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު މުޖުތާޒާއި ހަދީޖާ ހުސައިނާއި އިބްރާހީމް މަހްފޫޒް އަދި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ. ކޮމިޝަންގެ ރިއާސަތު ބަލަހައްޓަވަނީ މިނިސްޓަރު އަޒްލީނެވެ.