13 މާޗް 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގައި ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި މުހިންމު ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގައި ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި މުހިންމު ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސަށް ކުރާ އެ ދައުވާގައި ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ބަލައިނުގަތުމަށް ނިންމީ ރިޝްވަތުގެ މުއާމަލާތުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ އަހުމަދު ޝާފިއު އެހެން މީހަކާ ދެއްކި ވާހަކައެއްގެ އޯޑިއޯ އެނަލިސިސް ރިޕޯޓާއި އޭގައި ދައްކާފައި ހުރި ވާހަތަކުގެ ސްކްރިޕްޓާއި އެ ރިޕޯޓް ހެދި މީހާގެ އިތުރުން ޝާފިއު ތަހުގީގަށް ދިން ބަޔާނެވެ.
އޯޑިއޯ އެނަލިސިސް ރިޕޯޓް ބަލައިނުގަތުމަށް ނިންމީ އެ ރިޕޯޓާ ގުޅޭގޮތުން ފާރިސްގެ ވަކީލުން ފާހަގަކުރެއްވި ނުކުތާއަކާ ގުޅިގެންނެވެ. ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ އެ އޯޑިއޯއަކީ ކިހިނެއް ހޯދާފައިވާ އޯޑިއޯއެއް ކަން އެނގެން ނެތް ކަމަށާއި އެކަމާ ގުޅޭ އެއްވެސް ލިޔުމެއް ދިފާއީ ވަކީލުންނާ ދައުލަތުން ހިއްސާ ކޮށްފައިނުވާ ކަމަށެވެ. އަދި މީހުންގެ ޒާތީ މުއާމަލާތްތައް ކޯޓު އަމުރެއް ނެތި ނުހޯދޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެ އޯޑިއޯ ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ޝަމީލް ވިދާޅުވި އެވެ. އަދި އެ ރިޕޯޓް ބަލައިނުގަނެވޭއިރު، އެ ރިޕޯޓް ހެދި މީހާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފުލުހުންގެ ލޯންޗުގައި ފާރިސް މާލެ އަށް ފައިބާވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެކަމާ ގުޅިގެން ގާޒީ އަހުމަދު ހައިލަމް ވަނީ ދައުލަތާ ސުވާލު ކުރައްވައިފަ އެވެ. އެގޮތުން އެ އޯޑިއޯ ލިބުނު ގޮތް އެނގޭނެ ލިޔުމެއް ހުށަހެޅިންތޯ އާއި އެއީ ކޯޓު އަމުރެއް އޮވެގެން ހޯދި މުއާމަލާތްތަކެއްތޯ ގާޒީ ހައިލަމް ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އޯޑިއޯ ލިބުނު ގޮތުގެ ލިޔުން ކޯޓާ ކުރިން ހިއްސާކުރި ކަމަށާއި އެކަމަކު އެއީ ކޯޓު އަމުރެއް އޮވެގެން ހޯދި މައުލޫމާތެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
އެހެންވެ، ގާޒީ ނިންމެވީ އޯޑިއޯ އެނަލިސިސް ރިޕޯޓާއި އޭގެ ސްކްރިޕްޓް ވެސް ބަލައިނުގަތުމަށެވެ. އަދި އެ ރިޕޯޓް ބަލައިނުގަތުމަށް ނިންމާފައިވާތީ، އެ ރިޕޯޓް ހެދި މީހާގެ ހެކިބަސް ވެސް ނަގަން ނުޖެހޭނެ ކަމަށް ގާޒީ ހައިލަމް ނިންމެވި އެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ދައުލަތުން ހުށަހަޅަން ގަސްދުކުރާ ހުރިހާ ލިޔުމެއް ދައުވާއާ އެކު ހެކީގެ ގޮތުގައި ހުށަހަޅަން ޖެހޭއިރު އެ އޯޑިއޯ ލިބުނު ގޮތް ބަޔާންކުރާ ލިޔުން އޭރު ހުށަހަޅާފައި ނެތުމެވެ.
ޝާފިއު ތަހުގީގަށް ދީފައިވާ ބަޔާން ބަލައިނުގަތުމަށް ގާޒީ ނިންމެވީ ވެސް ފާރިސްގެ ވަކީލުން ނެންގެވި ނުކުތާއަކާ ގުޅިގެންނެވެ. ފާރިސްގެ ވަކީލް ޝަމީލް ވިދާޅުވީ އެ ބަޔާން އޮތީ ދައުލަތުން އެދިގެން ސިއްރު ކޮށްފައި ކަމަށާއި އެހެންވެ އެ ބަޔާނުގައި އޮތް އެއްްޗަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ފާރިސަށް މިހާރު ނެތް ކަމަށެވެ. އަދި ޝާފިއުގެ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރެވޭނީ ހެއްކެއްގެ ގޮތުގައި ޝާފިއު ހާޒިރުކޮށްގެން ކަމަށްވާއިރު، ހެއްކެއް ގޮތުގައި ޝާފިއުގެ ނަން ދައުލަތުން ހުށަހަޅާފައި ނެތުމުން އެ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރެވެން ނޯންނާނެ ކަމަށް ޝަމީލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ދައުލަތުން ބުނީ ދައުވާ އުފުލިއިރު ހެއްކެއްގެ ގޮތުގައި ޝާފިއުގެ ނަން ހުށަނޭޅީ އޭރު އޭނާއަކީ އެކަމުގައި ތުހުމަތު ކުރެވޭ މީހަކަށް ވާތީ ކަމަށެވެ. އެކަމަކު އޭނާގެ ބަޔާން ޝަރީއަތަށް ބަލައިގަނެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.
އެކަމާ ގުޅިގެން ގާޒީ ހައިލަމް ނިންމެވީ ޝާފިއުގެ ބަޔާން ވެސް ބަލައިނުގަތުމަށެވެ.
ފާރިސްއާ ދެކޮޅަށް ހުށަހެޅި އޯޑިއޯ އެނަލިސިސް ރިޕޯޓާއި އިތުރު ހެކިތަކެއް ބަލައިނުގަތުމަށް ކޯޓުން ނިންމިއިރު އިއްޔެ އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ ފާރިސްއާ ދެކޮޅަށް ހުށަހެޅި ލިޔުމަކާއި އެ ލިޔުމާ ގުޅިގެން ހުށަހެޅި ދެ ފުލުހެއް ވެސް ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ނިންމައިފަ އެވެ. އިއްޔެ ބަލައިނުގަތުމަށް ނިންމީ ފާރިސް ދިރިއުޅުއްވާ ގެއިން ފެނުނު ކަރުދާސް ގަނޑަކާއި އެގެ ފާސްކުރި ދެ ފުލުހެކެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފާރިސް މާލޭގައި---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ފާރިސްއާ ދެކޮޅަށް ހުށަހެޅި ތިން ހެއްކެއް ބަލައިނުގަތުމަށް ކޯޓުން ނިންމުމުން ފާރިސްގެ ވަކީލުން ނިންމެވީ ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި 62 ހެކިވެރިންގެ ތެރެއިން އެއްވެސް މީހެއްގެ ހެކިބަސް ނުނަގައި، ދޫކޮށްލުމަށެވެ. އެކަމަކު ދިފާއުގައި ހުށަހެޅި ބައެއް ލިޔުންތަކާ ބެހޭގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ވަކީލުން އެދުނެވެ. އެހެންވެ ގާޒީ ހައިލަމް ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.
އެ މައްސަލާގައި ޝާފިއުގެ ފޯނުން ފެނުނު ފޮޓޯތަކަކާ ގުޅިގެން ދައުލަތުން ހުށަހެޅި މޮބައިލް ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓާ ގުޅޭގޮތުން ދައުލަތުން ހުށަހެޅި އެ ރިޕޯޓް ހެދި ފުލުސް މީހާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ފާހަގަކުރެއްވީ އެ ރިޕޯޓުގައި އޮތް ތާރީޚާއި ފޮރެންސިކް ތަހުލީލަށް އެދުނު ލިޔުމުގައި އޮތް ތާރީޚު ދިމާ ނުވުމެވެ. އެކަމަކު ދައުލަތުން ބުނީ އެ ލިޔުމުގެ ކުށެއް ކަމަށް ބެލެވޭ ކަމަށާއި ރިޕޯޓް ހެދި މީހާގެ ހެކިބަސް ނެގުމުން އެކަން ސާފުވާނެ ކަމަށެވެ. އެހެންވެ. ގާޒީ ހައިލަމް ނިންމެވީ އެ ފުލުސް މީހާގެ ހެކިބަސް ނެގުމަށެވެ.
ހެކިބަސް ދެމުން، އެ ފުލުސް މީހާ ބުނިގޮތުގައި ފޮރެންސިކް ރިޕޯޓުގައި އޮތް ތާރީޚާއި އެ ފޯނުގެ ފޮރެންސިކް ތަހުލީލަށް އެދުނު ކަމުގެ ލިޔުމުގައި އޮތް ތާރީޚާ ދިމާނުވަނީ ލިޔުމުގެ ކުށެއްގެ ސަބަބުން ކަމަށެވެ.
ޝާފިއު: އޭނާއަކީ ރިޝްވަތުގެ މުއާމަލާތުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ތުހުމަތު ކުރެވުނު މީހާ --ފޮޓޯ/ސޯޝަލް މީޑިއާ
ޝާފިއުގެ ފޯނުން ފެނުނު މައުލޫމާތުތަކާ ގުޅިގެން ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި އެ ފޯނު ފޮރެންސިކް ޑިޕާޓްމެންޓުން ޗެކް ކުރިއިރު އެއިން މައްސަލައާ ގުޅޭ ފޮޓޯތަކެއް ފެނުނެވެ. އެ ފޮޓޯތަކަކީ ވައިބާއިން އެ ފޯނަށް ލިބިފައިވާ ފޮޓޯތަކެއް ކަމަށާއި އެކަމަކު އެއީ ކާކު ފޮނުވި ފޮޓޯތަކެއްތޯ ނުބަލާ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
އެ ފޮޓޯތަކަކީ މައްސަލައާ ގުޅުންހުރި އެއްޗެއް ކަން ކަނޑައެޅީ ކިހިނެއްތޯ ފާރިސްގެ ވަކީލުން ސުވާލު ކުރެއްވުމުން އެ ފުލުސް މީހާ ބުނީ އެގޮތަށް ކަނޑައެޅީ މައްސަލަ ތަހުގީގުކުރާ ފުލުހުންނާ ވެސް ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. އަދި ފޮރެންސިކް ރިޕޯޓުގައި ހިމަނާނީ ފޯނުން ފެންނަ މައުލޫމާތުތަކުގެ ތެރެއިން ހަމައެކަނި މައްސަލައާ ގުޅުންހުރި އެއްޗެހި ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް މާދަމާ ވެސް ބާއްވާނެ އެވެ. އެ އަޑުއެހުމަކީ ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ބައެއް ލިޔުންތަކާ ބެހޭގޮތުން ވާހަކަ ދައްކަން ބާއްވާ އަޑުއެހުމެކެވެ.
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް އަށް ހުކުމް ކުރުމުން ޑޯރިސް ކަންބޮޑުވެއްޖެ
ފާރިސް އަށް ދައުވާ ކުރީ ނާއިންސާފުން، އަޒުމަށް ސާބަސް
ވަކީލުން އެދުމުން ފާރިސްގެ އަޑުއެހުން ފަސްކޮށްފި
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ފާރިސް އާއި ސިޔާދު ވެސް ބަންދު
ފާރިސްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި
ފާރިސްގެ މައްސަލައަށް ދެން ވާނީ ކިހިނެއް؟
ފާރިސްގެ އަޑުއެހުން ފަސްކޮށްދޭން ވަކީލުން އެދެފި
ފާރިސްގެ ފަރާތުން ޝަކުވާ ކުރުމުން ގާޒީ ބަދަލުކޮށްފި