Roadha Mihaaru
ސްޓެވާޓް ފެއިލްވުމުގައި ގިނަ ސަބަބުތަކެއް

ސްޓެވާޓް ފެއިލްވުމުގައި ގިނަ ސަބަބުތަކެއް

16 މާޗް 2018

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓަށް މަގާމު ގެއްލުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެފްއޭއެމުން ބުނީ އޭނާ އަށް ހަވާލުކުރި އެންމެ ބޮޑު ޓާގެޓް ކަމަށްވާ އަންނަ އަހަރުގެ އޭޝިއަން ކަޕުން ރާއްޖެ އަށް ފުރުސަތު ހޯދައިނުދެވުމެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓަށް މަގާމު ގެއްލުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެފްއޭއެމުން ބުނީ އޭނާ އަށް ހަވާލުކުރި އެންމެ ބޮޑު ޓާގެޓް ކަމަށްވާ އަންނަ އަހަރުގެ އޭޝިއަން ކަޕުން ރާއްޖެ އަށް ފުރުސަތު ހޯދައިނުދެވުމެވެ.

އެކަމަކު ގައުމީ ޓީމުގެ ކޯޗަކަށް ޖަރުމަނުގެ ޕީޓަ ސެގާޓް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ހަމައެކަނި އިހުމާލު އޮތީ ސްޓެވާޓްގެ ނޫން ކަމަށެވެ.

"މީގެ ހަމައެކަނި ކޯޗުގެ ކުށެއް ވެސް ނޫން. އަޅުގަނޑުމެންގެ ފަރާތުން ހަމަ ބައެއް ކަހަލަ ރާވަންޖެހޭ ކަންތައްތައް ނުރޭވި ދިޔައީ. ދެން ކުޅުންތެރިންގެ ފަރާތުން އެ ލިބެންވާ މެކްސިމަމް ވެސް ނުލިބުނީ ކަންނޭނގެ. އެ ހުރިހާ އެއްޗެއް އެެއްވެގެން ކަންނޭނގެ އަޅުގަނޑުމެންނަށް ކާމިޔާބަށް ދެވޭނީ. އެހެންވީމަ ނާކާމިޔާބުގައި ވެސް މި ހުރިހާ އެއްޗެއް އަންނާނެ،" ބައްސާމް ވިދާޅުވި އެވެ.

ސްޓެވާޓް އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ވާދަވެރި މެޗުތަކަށް ނުކުންނައިރު އެކުވެރިކަމުގެ މެޗުތައް ނުލިބުމުގެ ޝަކުވާ އެވެ. އަދި ބައެއް މެޗުތަކަށް ވަގުތު އޮއްވައި ދުރާލާ ތައްޔާރުނުވެވުމުގެ މައްސަލަ އަކީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ކޮލިފައިންގައި ފަލަަސްތީނާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗަށް ދިގު ދަތުރެއް ކުރަން ޖެހުމުން އެ މެޗުގައި ރަނގަޅަށް ނުކުޅެވުނު ކަމަށް ސްޓެވާޓް ކުރިން ބުންޏެވެ. ސްޓެވާޓަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ރަށުންބޭރުގައި އޮމާނާއި ފަލަސްތީން އަތުން ތަފާތު ބޮޑުކޮށް ބަލިވުމުންނެވެ. އޮމާން އަތުން 6-0 އިން ބަލިވިއިރު، ފަލަސްތީނުން ވަނީ 8-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.

"އަޅުގަނޑަށް ހީވަނީ ތައްޔާރުވުމުގައި މައްސަލައެއް އުޅެނީހެން. އެއީ މިދިޔަ އަހަރުގައި ބައެއް ކަހަލަ މެޗުތަކަށްދާއިރު ކޯޗު ބޭނުންވާ ގޮތަށް ބައެއް ޓްރެއިނިން މެޗުތައް ވެސް ހަމަނުޖެހިދިޔައީ. އޭގެ ބައެއް ކަހަލަ ކަންތައްތަކެއް ވެސް ދިމާވި ފުރިހަމަ ނުވުމުގައި. މިސާލަަކަށް ރާއްޖެ އަށް ދިމާވި ބަލިމަޑުކަމެއްގެ ސަބަބުން ދަތިތަކެއް ދިމާވެގެންދިޔަ މެޗުތައް ހަމަޖައްސަން،" ބައްސާމް ވިދާޅުވި އެވެ.

ގައުމީ ޓީމަށް ވަގުތު ދިނުމަށް މިދިޔަ އަހަރު ފުޓްބޯޅަ ސީޒަނުގައި ގިނަ ބްރޭކްތަކެއް ވަނީ ނަަގައިފަ އެވެ. އެކަމުގެ ސަަބަބުން ކްލަބްތަކަށް ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. ބައްސާމް ވިދާޅުވީ ސްޓެވާޓްގެ ވިސްނުމުގައި ކުޅުންތެރިންނާ އެކު އޭނާ އަށް ހޭދަކުރަން ލިބުނު ވަގުތު މަދެވެ.

"އަޅުގަނޑުމެންގެ ސީޒަން މި އޮންނަ ގޮތުން އަޅުގަނޑުމެންނަކަށް ނޯވޭ އެހާ ބޮޑު ޖާގައެއް ދެވޭކަށް. ރާއްޖެ އެކަންޏެއް ނޫން ދުނިޔޭގައި ވެސްް ވަރަށް ބޮޑު ޑިބޭޓެއް (ބަހުސެއް) މީ ކްލަބް ވާސަސް ކަންޓްރީ (ކްލަބާއި ގައުމުގެ ވާދަވެރިކަން)ގެ ކަންތައް. ދެން އެ ކަންތައް ރާއްޖޭގައި ވެސް އޮވޭ. ކްލަބްތަކުގެ ޝަކުވާ ވެސް އާދޭ ހަމަ. ބްރޭކްތައް ނަގާތީ އެ ޝަކުވާ ވެސް އާދޭ. މީގެ ބެލެންސެއް ހޯދުން މުހިއްމީ،" އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް ސްޓެވާޓާ އެކު އިތުރަށް ކުރިއަށްނުދާން ނިންމާ ވަރަށް ވިސްނުމަށް ފަހު ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދުކުރީ އެ ގްރޫޕުން އަޅުގަނޑުމެންނަށް އޭޝިއަން ކަޕަށް ދިއުމަށްޓަކާ ހަމަ އެންމެ ރަނގަޅު ފުރުސަތު ކަންނޭނގެ މިދިޔަ އަހަރު ލިބިގެންދިޔައީ. އަޅުގަނޑުމެން އޮތް ގްރޫޕަށް ބަލައިފިއްޔާ. އެހެން ނަމަވެސް އަޅުގަނޑުމެން އުއްމީދުތައް ހާސިލްނުވެ މިދިޔައީ. އެހެންވުމުން ނިންމީ ޑަރެން (ސްޓެވާޓް)އާ އެކު ކުރިއަށްނުދާން،" އޭނާ ވިދާޅުވި އެވެ.

އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމުގެ އިތުރުން ސްޓެވާޓަށް ދިން އަނެއް ޓާގެޓަކީ ސާފް ޗެމްޕިއަންޝިޕް އެވެ. އެހެން ނަމަވެސް އެ މުބާރާތް ފަށާ ތާރީހު މި އަހަރަށް ފަސްކޮށްލުމުން އޭގެ ކުރިން ވަނީ ސްޓެވާޓްގެ އެއްބަސްވުން ހަމަވެފަ އެވެ.