Roadha Mihaaru
ވިކްޓަރީ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް

ވިކްޓަރީ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް

19 މާޗް 2018

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓަރީ އަތުން ފަސޭހަކަމާ އެކު 3-0 އިން މޮޅުވެ ތާވަލުގެ ދެ ވަނަ އަށް ޗެމްޕިއަން މާޒިޔާ އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓަރީ އަތުން ފަސޭހަކަމާ އެކު 3-0 އިން މޮޅުވެ ތާވަލުގެ ދެ ވަނަ އަށް ޗެމްޕިއަން މާޒިޔާ އަރައިފި އެވެ.

ފުރަތަމަ ދެ މެޗުން މޮޅެއް ނުހޯދުނު ނަމަވެސް މާޒިޔާ މިވަނީ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ފޯމަކަށް އެޅިފަ އެވެ. އެ ޓީމު ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ އީގަލްސް އެވެ. ވިކްޓަރީ އޮތީ ތިން ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މިއަދުގެ މެޗުގައި މާޒިޔާ އަށް ކުރި ލިބުނީ 36 ވަނަ މިނެޓުގައި ވިކްޓަރީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަރިމަތިން ނެގި ހުރަސް ކޮންޓްރޯލްކޮށްލުމަށް ތޮއްޕެ ޖެއްސުމުން، މަޑުނުވެ ގޮސް ވަނީ ގޯލުގެ ތެރެއަށެވެ.

އޭގެ ކުރިން ދެ ޓީމަށް ވެސް ރަނގަޅު ދެ ފުރުސަތެއް އޮތީ ލިބި ބޭކާރުވެފަ އެވެ. 24 ވަނަ މިނެޓުގައި ވިކްޓަރީގެ ފޯވާޑް އަލީ ނާފިއު (ކަޅޭ) އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ މާޒިޔާގެ އިޓަލީ ގޯލްކީޕަރު މައުރޯ ބޮއެޗިއޯ މަތަކުރި އެވެ. އަދި 26 ވަނަ މިނެޓުގައި މާޒިޔާގެ ކޯނޭ އޭރިއާ ތެރެއިން ލިބުނު ބޯޅަ ފޮނުވާލުމުން ގޯލުގެ ކަނާ ދިމާލުން ދިޔައީ ބޭރަށެވެ.

މާޒިޔާ އިން ލީޑު ފުޅާކުރީ 41 ވަނަ މިނެޓުގައި ޔަސްފާދު ހަބީބް (މުލަކޭ) ޖެހި ގޯލުންނެވެ. އޭރިއާ ތެރެއިން އޭނާ މުޅިން ހުހަށް ހުރެ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން އަތުގައި ޖެހިފަ އެވެ. އޭރު މާޒިޔާގެ ކޯނޭ އޮފްސައިޑް މަގާމެއްގައި ކީޕަރު ކުރިމަތީ ހުރި ކަމަށް ބުނެ ވިކްޓަރީން ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ސިމޮން ޓިބޯ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބާރު ބޯޅަ މާޒިޔާ ކީޕަރު މަތަކުރީ އެވެ.

މާޒިޔާ އަށް ތަފާތު ބޮޑުކޮށްލަން 75 ވަނަ މިނެޓުގައި އިސްމާއިލް އީސާ އަށް ވަރަށް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަތުމަށް ފަހު ހުހަށް ހުރެ ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ވިކްޓަރީ ކީޕަރު ސަލާމަތްކުރި އެވެ. އެ ފުރުސަތު ކީޕަރަށް ލިބުނީ އޭނާ މާ މަޑުން ޖެހުމުންނެވެ.

މެޗުގެ ފަހުކޮޅު މާޒިޔާގެ ކޯނޭ ވެސް ރަނުގެ ފުރުސަތެއް ބޭކާރުކޮށްލި އެވެ. އޭނާ ބޯޅަ ހިފައިގެން އެކަނިމާއެކަނި އޭރިއާ ތެރެއަށް ވަދެ ހުސްކޮށް އޮތް ގޯލަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ދަނޑިއަށެވެ. އޭރު ބަދަލު ކުޅުންތެރިޔާ އާދަމް ނާސިހް (އާދަންނާ) ހުރީ މުޅިން ހުހަށެވެ. ދަނޑީގައި ޖެހިފައި ރީބައުންސް ވެގެން އާދަންނާ އަށް ލިބުމުން އޭނާ ވެސް ފުރުސަތެއް ތަނަވަސްކުރެވޭތޯ މަސައްކަތްކުރި އެވެ.

މާޒިޔާގެ ތިން ވަނަ ގޯލް ޖެހީ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ. ބަދަލު ކުޅުންތެރިޔާ އަބްދުﷲ ޖުނައިދު (ޖޭނޭ) ޖައްސާލި ބޯޅަ އިރޭ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އިރޭ އެވެ.

ބްރޭކަށް ދިއުމުގެ ކުރިން މޮޅެއް ހޯދުން މުހިއްމުކަން މެޗުގެ ކުރިން ވެސް ފާހަގަކުރި މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މި މޮޅާ އެކު ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ކަމަށެވެ.

"ކުރި މަސައްކަތާއި ޖުމްލަކޮށް ޕާފޯމަންސް ވެސް ވަރަށް ރަނގަޅު. މާބޮޑު ޕްރެޝަރަކަށް ނުގޮސް މެޗު މި ކާމިޔާބުކުރެވުނީ. އެއީ ވެސް ހިތްހަމަޖެހުމެއް. ކުރިއަށް މިއޮތީ ލީގުގެ ބްރޭކެއް. އޭގެ ކުރިން މި ލިބުނީ ވަރަށް މުހިއްމު މޮޅެއް،" އިންމަ ބުންޏެވެ.

ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ވަނީ ރެފްރީންގެ މައްސަލަ މިއަދު ވެސް ޖައްސައިފަ އެވެ. އޭނާ ބުނީ ވިކްޓަރީ އަބަދުވެސް ކުޅެން ޖެހެނީ 12 މީހުންނާ ދެކޮޅަށް ކަމަށާއި މާޒިޔާގެ ދެ ވަނަ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށެވެ.