Roadha Mihaaru
7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައިފި

7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައިފި

25 މާޗް 2018

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައި، ތަފްސީލުތައް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އާއްމު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައި، ތަފްސީލުތައް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އާއްމު ކުރައްވައިފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ނިންމެވުމަކީ، ހުޅުމާލޭގައި އަޅާ 7،000 ފްލެޓް އެކި ކެޓަގަރީތަކަށް ޚާއްސަކުރުން ކަމަށެވެ. ސަރުކާރުގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންނާއި ޑޮކްޓަރުންނާއި ނަރުހުން އަދި އާއްމުންގެ އެކި ގިންތިތައް ހިމެނޭ ގޮތަށް ކެޓަގަރީތަކެއް ކަނޑައަޅާފައިވާ އިރު، ފްލެޓްތަކަށް ކުރިމަތިލާން ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ގިނަވެގެން ދެ ހަފުތާ ތެރޭގައި ހުޅުވާލާނަން،" މުއިއްޒު ވިދާޅުވި އެވެ.

މި ފްލެޓްތަކަށް ކުރިމަތިލާން ޖެހެނީ އާ ފޯމަކުންނެވެ. އެކަމަކު އެ ފްލެޓްތައް ދޭ އުސޫލަށް މި ބަދަލު ގެނައީ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ކުރިމަތިލީ 15،000 މީހުންގެ ތެރެއިން ފުރަތަމަ ބުރުން ފްލެޓް ނުލިބުނު މީހުން، އެ 7،000 ފްލެޓުގެ ތެރޭގައި ހިމެނޭނެ ކަމުގެ ޔަގީންކަންދީ، އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވުމަށް ފަހު އެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ، އެ މީހުން އޮޓޮމެޓިކުން ދެ ވަނަ ބުރަށް ގޮސްފައިވާ ކަމަށާއި އެ މީހުން ކުރަން ޖެހޭނެ ކަމަކީ ދިރިއުޅުމުގެ ހާލަތުން ބަދަލުވި ކަންކަމުގެ މައުލޫމާތު ފޯމުގައި ހިމެނުން ކަމަށެވެ.

ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލީ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.

ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ނުދީ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކުރިން ފޯމު ލާފައި ތިބި މީހުން ވެސް އާ ފޯމަކުން ފްލެޓަށް ކުރިމަތިލާން ޖެހޭ ގޮތަށް ބަދަލު ގެނައީ، ކުރިން ފޯމު ލާފައިވާ އެތައް ބައެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ކުދިންގެ އަދަދު ވެސް އިތުރުވުން އެކަށީގެންވެފައިވާތީވެ އެންމެ އިންސާފުވެރި އުސޫލަކުން ފްލެޓްތައް ދިނުމަށް ކަމަށެވެ.

މިނިސްޓަރު މުއިއްޒު: ބޯހިޔާވަހިކަމުގެ މައްސަލަ އަށް މި ސަރުކާރުން ބޮޑު ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވި.

މިނިސްޓަރު މުއިއްޒު: ބޯހިޔާވަހިކަމުގެ މައްސަލަ އަށް މި ސަރުކާރުން ބޮޑު ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވި.

7،000 ފްލެޓް ބެހި ކެޓަގަރީތައް:

- ސިވިލް ސާވިސް: 1،000

- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ ރައްޔިތުންނަށް: 1،000

- މާލޭގެ ރަށްވެހިންނަށް: 1،000

- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044

- ޑޮކްޓަރުންނާއި ނަރުހުންނަށް: 475

- ޓީޗަރުންނަށް: 625

- ފުލުހުންނާއި ސިފައިންނަށް: 600

- އެކަނިވެރި މައިންނާއި ބަފައިންނަށް: 400

- ނުކުޅެދޭ އާއިލާތަކަށް 200

- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300: (މިނިސްޓަރު ވިދާޅުވީ މި އަދަދު މަދުވެދާނެ ކަމަށް)

- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

މިނިސްޓަރު މުއިއްޒު ވިދާޅުވީ، 7،000 ފްލެޓް ލިބޭ މީހުން ކަނޑައަޅައި އަންނަ އޮގަސްޓު މަހުގެ ކުރިން ލިއުން ހަވާލުކުރާނެ ކަމަށެވެ. އެއާއެކުު ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް އިއުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޮގަސްޓުގެ ކުރިން ލިއުން ހަވާލުކުރާއިރު، ހުޅުމާލޭގައި އަޅާ 7،000 ފްލެޓް ނިމޭނެ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މާލޭގެ މާފަންނުކޮޅުގައި ތިބި ބަޔަކަށް ފްލެޓް ދޭން ނިންމީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަރަށް ނިކަމެތި ހާލުގައި އުޅުނު ނަމަވެސް، ޝަރުތުތައް ކަނޑައެޅިފައި ހުންނަ ގޮތުން އެއްވެސް ސްކީމަކުން އެ މީހުންނަށް ފްލެޓް ލައްވާ ނުލާތީ ކަމަށެވެ. އެ މީހުންނަށް ފްލެޓް ދިނުމަށް ފަހު، އެ މީހުންނަށް މިހާރު ލިބިފައިވާ ބިންކޮޅު ދައުލަތަށް ނަގަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސޯޝަލް ހައުސިން ސްކީމުގައި މި ދޫކުރާ ފްލެޓްތަކުގެ އިތުރުން، މަތީ ފެންވަރުގެ ފްލެޓްތަކެއް ވެސް އަންނަނީ އިމާރާތް ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ބޮޑު މުސާރަ ލިބޭ މީހުންނަށް އަމާޒުކޮށްފައިވާ އެ ފްލެޓްތަކުން ވެސް ނަރުހުންނާއި ޑޮކްޓަރުންނަށް 200 ފްލެޓް އަދި އާންމުންނަށް 1،220 ފްލެޓް އިމާރާތް ކުރާނެ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކަކުން އެއް ކޮޓަރީގެ ފްލެޓްތަކެއް ވެސް އިމާރާތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ ފްލެޓްތަކުން ޒުވާނުންނާއި އަލަތު ކައިވެނިކުރާ މީހުންނަށް ވެސް ފްލެޓްތަކެއް ކަނޑައަޅާނެ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީނަކީ ވައުދެއް ވެވަޑައިގެންފި ނަމަ ފުއްދަވާނެ ބޭފުޅެއް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ވައުދު ފުއްދެއްވުމަށް ރައީސް ޔާމީން ވަނީ، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއެއް ފައްޓަވައިދެއްވައިފަ އެވެ. މި މަޝްރޫއުގައި ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި އަންނަ އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ ހައްލަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.