Roadha Mihaaru
އަމާޒަކީ މާލެ، ޓޯކިޔޯ ގޮތަށް ތަރައްގީކުރުން: މުއިއްޒު

އަމާޒަކީ މާލެ، ޓޯކިޔޯ ގޮތަށް ތަރައްގީކުރުން: މިނިސްޓަރު މުއިއްޒު

30 މާޗް 2018

މާލޭގެ ފަސް ސަރަހައްދެއް ހުސްކޮށް، ޖަޕާނުގެ ޓޯކިޔޯ މިސާލަކަށް ބަލައިގެން ތަރައްގީ ކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގެ ފަސް ސަރަހައްދެއް ހުސްކޮށް، ޖަޕާނުގެ ޓޯކިޔޯ މިސާލަކަށް ބަލައިގެން ތަރައްގީ ކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މިހާރު ވަނީ މާފަންނު ހުޅަނގުން ހަތް ބްލޮކެއް ހުސްކޮށް އެ ގޭތަކުގައި ދިރިއުޅޭ 256 އާއިލާއަށް ހުޅުމާލެއިން ފްލެޓް ދޭން ނިންމާފަ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މާފަންނުން ހުސްކުރަން ނިންމާފައިވަނީ ދަތި ތަންކޮޅުކޮޅުގައި "މަތިމައްޗަށް" އިމާރާތްކޮށްގެން ވަރަށް ހާލުގައި މީހުން ދިރިއުޅޭ އިމާރާތްތަކެއް ކަމަށެވެ.

އެފަދަ އިތުރު ހަތަރު ސަރަހައްދެއް މާލޭގައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެތަންތަން ހުސްކުރަން އެތަންތަނުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ސަރަހައްދުތަކެއް ކަމެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.

މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފައިލް ފޮޓޯ މިހާރު

މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފައިލް ފޮޓޯ މިހާރު

މިނިސްޓަރު ވިދާޅުވީ ހުސްކުރާ ބިންތައް އަލުން ޑިޒައިންކޮށް ޕާކްތަކާއި މަގުތައް ހަދައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައިވަނީ އެތަންތަން ރީ ޑިވެލޮޕްކުރަން. ޑީޓެއިލް ސާވޭ ކުރެވި ޕްލޭން ވަނީ ހެދިފައި، އެތަންތަން ތަރައްގީކުރަން އެތަންތަން ހުސްކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ސަރަހައްދުތައް އަލުން ތަރައްގީ ކުރާއިރު ތޮއްޖެހިފައިވާ ސިޓީއެއް ޑިޒައިން ކުރުމުގައި ނަމޫނާ ދައްކާފައިވާ ޓޯކިޔޯ މިސާލަކަށް ބަލައިގެން ތަރައްގީ ކުރުމަކީ އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތޮއްޖެހިފައިވާ މާލެއަކީ ހިތްފަސޭހަތަނަކަށް ހެދުމަށް ރަސްފަންނާއި ޕާކްތަކުގެ އިތުރުން ހިނގާފައި އުޅޭ ގޯޅިތައް މިސަރުކާރުން ހަދާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.