09 އެޕްރީލް 2018
އދގެ ޖަމާއަތަކުން 2012 އިން ފެށިގެން ނެރެމުން އަންނަ ވޯލްޑް ހެޕިނެސް ރިޕޯޓުގައި މި އަހަރު، ހިޖުރަވެރިންގެ ހިތްހަމަޖެހުން އޮތް މިންވަރު ގެނެސްދީފައިވެ އެވެ. މާޗް މަހު ނެރުނު އެ ރިޕޯޓު ބުނާ ގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގައި ރަށްފުށު މީހުން، އުމްރާނީ ގޮތުން ތަރައްގީވެފައިވާ އާބަން ސަރަހައްދުތަކަށް ހިޖުރަކުރުން އާއްމުވެފައި އޮތަސް އެފަދަ މީހުންގެ ހާލަތު އެނގޭނެ މާ ގިނަ މައުލޫމާތެއް ނެތެވެ. އެކަމަކު ޗައިނާގެ ދިރާސާއަކުން އެކަން ވަރަށް ފުރިހަމަ އަށް ދެނެގެންފައިވާތީ، ވޯލްޑް ހެޕިނެސް ރިޕޯޓުގައި އެ ދިރާސާ އަށް ބަލައިލި އިރު، އެފަދަ ހިޖުރަވެރިންގެ އުފާވެރިކަން، ރަށްފުށުގައި ދިރިއުޅޭ މީހުންގެ އުފާވެރިކަމަށް ވުރެ ކުޑަކަން އެނގުނެވެ. އަދި އޭގެ ސަބަބުތައް ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.
އދގެ ޖަމާއަތަކުން 2012 އިން ފެށިގެން ނެރެމުން އަންނަ ވޯލްޑް ހެޕިނެސް ރިޕޯޓުގައި މި އަހަރު، ހިޖުރަވެރިންގެ ހިތްހަމަޖެހުން އޮތް މިންވަރު ގެނެސްދީފައިވެ އެވެ. މާޗް މަހު ނެރުނު އެ ރިޕޯޓު ބުނާ ގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގައި ރަށްފުށު މީހުން، އުމްރާނީ ގޮތުން ތަރައްގީވެފައިވާ އާބަން ސަރަހައްދުތަކަށް ހިޖުރަކުރުން އާއްމުވެފައި އޮތަސް އެފަދަ މީހުންގެ ހާލަތު އެނގޭނެ މާ ގިނަ މައުލޫމާތެއް ނެތެވެ. އެކަމަކު ޗައިނާގެ ދިރާސާއަކުން އެކަން ވަރަށް ފުރިހަމަ އަށް ދެނެގެންފައިވާތީ، ވޯލްޑް ހެޕިނެސް ރިޕޯޓުގައި އެ ދިރާސާ އަށް ބަލައިލި އިރު، އެފަދަ ހިޖުރަވެރިންގެ އުފާވެރިކަން، ރަށްފުށުގައި ދިރިއުޅޭ މީހުންގެ އުފާވެރިކަމަށް ވުރެ ކުޑަކަން އެނގުނެވެ. އަދި އޭގެ ސަބަބުތައް ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.
ޗައިނާގައި ރަށްފުށުން ބޮޑެތި ސިޓީތަކަށް ބަދަލުވާ މީހުން ގިނަކަމުން އެކަން ސިފަކުރެވިފައި ވަނީ "އިންސާނީ ތާރީޚުގެ އެންމެ ބޮޑު ހިޖުރަ"އިގެ ގޮތުގަ އެވެ. އޭގެ މާޒީ އަށް ބަލާ އިރު ރާއްޖެއާ އެއްގޮތް ކަންތައްތަކެއް ޗައިނާ އިން ފާހަގަކުރެވެ އެވެ. މާލެ އާއި އެހެން ރަށްރަށުގެ މީހުންނާ ދެމެދު ޒަމާނުއްސުރެ ގެންގުޅުނު ތަފާތުކުރުންތަކާއި ރަށްރަށުން އެތަކެއް ހާސް މީހުން މާލެ އަށް ހިޖުރަކުރުމުގެ މައްސަލައިންނެވެ. ޗައިނާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާރު ސިޓީތަކުގައި ދިރިއުޅޭ އިރު، މި ފަހުގެ އަހަރުތަކުގައި އެތައް ތަނެއް ސިޓީތަކުގެ ގޮތުގައި ތަރައްގީކޮށްފައިވެ އެވެ. އަދި ވެރިރަށް ބެއިޖިންގެ ބޮޑު ތޮއްޖެހުމަށް ލުޔެއް ގެނައުމުގެ ގޮތުން ކައިރީގައި މެގަ ސިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ.
ރާއްޖޭގައި މިހާރު އޮތީ ރަށްފުށުގައި ދިރިއުޅޭ އެންމެން "ގްރޭޓާ މާލެ" ސަރަހައްދަށް ބަދަލުކުރުމުގެ ސިޔާސަތެކެވެ. ރައީސް އަބްދުﷲ ޔާމީން 2015ގައި އިއުލާންކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް ހުޅުމާލޭގައި ވަޒަންވެރިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު އެ މަނިކުފާނު ވަނީ އެ ރަށުގައި 80،000 މީހުންނަށް ފްލެޓް އެޅުމުގެ މަޝްރޫއުއެއް ފައްޓަވައިދެއްވައި، ރާއްޖޭގެ އެންމެން މާލެ/ހުޅުމާލެ އަށް ހިޖުރަކުރަން ދައުވަތު ދެއްވައިފަ އެވެ. އެހެންވީމާ ޗައިނާގެ ހިޖުރަވެރިންގެ ތަޖުރިބާއަކީ ދިވެހިންނަށް ޝައުގުވެރި ވާހަކައަކަށް ވެދާނެ އެވެ.
ހެޕިނެސް ރިޕޯޓުން އެނގޭ ގޮތުގައި، ޗައިނާގެ ރަށްފުށު ސަރަހައްދުތަކުން ސިޓީތަކަށް ބަދަލުވިތާ ހަތް އަހަރާއި ބައި ފަހުން ވެސް، ހިޖުރަވެރިންގެ އުފާވެރިކަން ހުރީ ރަށްފުށުގައި ދިރިއުޅޭ މީހުންނާއި ސިޓީތަކަށް ނިސްބަތްވާ މީހުންނާ އަޅާބަލާ އިރު ކުޑަކޮށެވެ.
ތާރީޚަށް ޖެހިލާ އިރު، ވެރިކަމަށް އައިތާ ކުރީކޮޅު ކޮމިއުނިސްޓް ޕާޓީން ރައްޔިތުން ދެ ދަރަޖައަކަށް ބަހާލި އެވެ. ރަށްފުށާއި އާބަން ސަރަހައްދުތަކާ ދެމެދު "ނުފެންނަ ބޮޑު ފާރެއް" ލީ ގޭބިސީތައް ރަޖިސްޓްރީކުރުމުގެ ނިޒާމެއްގެ ތެރެއިންނެވެ. ރަޖިސްޓްރީ ދޫކުރުމުގައި، އުފަންވީ ތަނަށް ބިނާކޮށް، ރަށްފުށު މީހުންނާއި ސިޓީތަކުގެ މީހުންނަކީ ތަފާތު ދެ ދަރަޖައެއް ކަމަށް ކަނޑައެޅި އެވެ. އެއަށް ފަހު ރަށްފުށުން ސިޓީތަކަށް ހިޖުރަކުރުން އޮތީ ވަރަށް ބޮޑަށް ހިފަހައްޓައި ކޮންޓްރޯލްކޮށްފަ އެވެ.
އިގްތިސޯދު ރަނގަޅުކުރުމުގެ ފިޔަވަޅުތައް 1978ގައި އަޅަން ފެށި ފަހުން، އިތުރު މަސައްކަތްތެރިން ބޭނުންވެގެން، ވަގުތީ ހިޖުރަ ހުއްދަކުރި ނަމަވެސް އެ ގޮތަށް ރަށްފުށުން ބަދަލުވި މީހުންނަށް ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހި، ދިރިއުޅެމުން ގެންދިޔައީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގަ އެވެ. ރަށްފުށުގެ ހިޖުރަވެރިންނަށް ސިޓީތަކުގައި ރަށްވެހިކަމުގެ ހައިސިއްޔަތެއް ނުލިބެ އެވެ. އެހެންވެ، އެ މީހުން ތިބީ އަމިއްލަ ގެދޮރު ފަދަ، ސަރުކާރުން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކުން މަހުރޫމްވެފަ އެވެ. އެކަމަކު ވެސް ސަރުކާރުގެ ކޮންޓްރޯލް ދޫކޮށްލުމާ އެކު ހިޖުރަކުރުން އިތުރުވެ، އަވަށްތަކުން މިހާތަނަށް އެތައް ސަތޭކަ މިލިއަން މީހުން ޓައުންތަކަށާއި ސިޓީތަކަށް ބަދަލުވެފައިވެ އެވެ. (ހިޖުރަވެރިންނަށް ސިޓީތަކުން ރަށްވެހިކަން ދިނުމުގެ އާ ސިޔާސަތެއް 2016ގައި ތައާރަފްކޮށް ލަސް ދުވެއްޔެއްގައި އަންނަނީ ތަންފީޒުކުރަމުންނެވެ.)
ހެޕިނެސް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޗައިނާގެ ރަށްފުށު ސަރަހައްދުތަކުން މި ގޮތަށް ހިޖުރަކުރާ މީހުންގެ އުފާވެރިކަން ހުރި މިންވަރު އެ މީހުންގެ އާމްދަނީއާ އަޅާކިޔާލާ އިރު ލިބެނީ ހައިރާންކަމެކެވެ. އެގޮތުން ސިޓީތަކަށް ބަދަލުވި ފަހުން އާމްދަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވި ނަމަވެސް، ރަށްފުށުގައި ދިރިއުޅުން ކުރިއަށް ގެންދާ މީހުންނަށް ވުރެ ހިޖުރަވެރިންގެ އުފާވެރިކަން ކުޑަ އެވެ. ދިރާސާ އިން އެނގޭ ގޮތުގައި، އުފަން ރަށަށް ނުވަތަ އާއިލާ އަށް ފައިސާ ފޮނުވަން ޖެހޭތީ އެ މީހުން ކަންބޮޑުވަނީއެއް ނޫނެވެ. އަދި ހިޖުރަވެރިންނަކީ ތޮބީއީ ގޮތުން އުފަލުގައި ނޫޅެވޭ ބަޔަކަށް ވަނީއެއް ވެސް ނޫނެވެ. އެކަމަކު، އާބަން ސަރަހައްދުތަކުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެވުމުގެ ފުރުސަތު ކުޑަވެފައި އެއީ ރަހުމަތްތެރިން މަދު އަދި ތަފާތުކުރުން ބޮޑު ދިރިއުޅުމަކަށް ވަނީ ކަމަށް ވެދާނެ އެވެ.
ވެރިރަށް ބެއިޖިންގެ ބޭރުމަތި: ބެއިޖިންއަކީ ތޮއްޖެހުން ބޮޑު، ވައި ނުސާފު ސިޓީއެއް.
ހެޕިނެސް ރިޕޯޓު ލިޔުއްވި މާހިރުން ނިންމަވާފައިވާ ގޮތުގައި، ރަށްފުށުން ސިޓީތަކަށް ބަދަލުވި ޗައިނާ މީހުންގެ އުފާވެރިކަން ކުޑައީ މައިގަނޑު ތިން ސަބަބަކާ ހެދި އެވެ. ފުރަތަމަ ކަމަކީ، އެ މީހުންނަށް އުއްމީދުކުރެވުނު ގޮތް ގޯސްވުމެވެ; އެއީ، އާބަން ސަރަހައްދުގައި ދިރިއުޅުމުގެ ކަންކަން ހުންނާނެ ގޮތާއި އަމިއްލަ އަށް ހާސިލްކުރަން ބޭނުންވާ ކަންކަމާ މެދު ވެސް މެ އެވެ. އުއްމީދުކުރި ގޮތާއި ހަގީގަތް ދިމާނުވަނީ ސިޓީ އަށް ބަދަލުވީމާ ކަންތައް ވާނެ ގޮތް ކުރިން ނޭނގި ނުވަތަ އެ ކަމާ ބެހޭ ގޮތުން ގޯސް ތަސައްވުރެއް ލިބި، ހަގީގަތް އޮޅިފައި އޮންނާތީ ކަމަށް ބެލެވެ އެވެ. ދެވަނަ ސަބަބަކީ ދަރިންގެ އުފަލަށްޓަކައި އަމިއްލަ އުފާ ގުރުބާންކުރުން ނުވަތަ ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅުވާނެ ކަމަށް ބަލައިގެން ތިބުމެވެ. އަދި ތިންވަނަ ކަމަކީ ރަށްފުށުގެ ދިރިއުޅުމުގައި އޮތް އިޖުތިމާއީ ގުޅުންތައް ސީޓީތަކަށް ބަދަލުވާ ހިސާބުން ގެއްލިދިޔުމެވެ.
ރިޕޯޓުގައި ހައްލުތަކެއް ވެސް ހުށަހަޅާފައިވެ އެވެ. އެއް ކަމަކީ ސިޓީތަކުގައި އުޅޭ ހިޖުރަވެރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރުވާ ސިޔާސަތުތަކާއި މުއައްސަސާތައް އިސްލާހުކުރުމެވެ. އޭގެ އިތުރުން، ހިޖުރަވެރިންނަށް އަމިއްލަ އަށް ކުރެވިދާނެ ކަމެއް ވެސް އޮތްކަން ފާހަގަކޮށްފައިވެ އެވެ. އެއީ އެއް ހިސާބަކަށް ނިސްބަތްވާ މީހުން ސިޓީތަކަށް ހިޖުރަކުރާ އިރު، ކުރީގެ އިޖުތިމާއީ ގުޅުންތައް ދެމެހެއްޓުމެވެ.
ހެޕިނެސް ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ގޮތަށް، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ރަށްފުށު މީހުން ރާސްލާފައި ސިޓީތަކަށް ހިޖުރަކުރުމުގެ ސަބަބުން އިޖުތިމާއީ އެތައް ބަލިމަޑުކަމަކަށް މަގުފަހިވެ، އެ ތަނެއްގައި ދިރިއުޅޭ އެންމެންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރަ އެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ފަގީރުކަން އިތުރުވުމާއި ސްލަމްސް ނުވަތަ ޖިފުޓިތަކުގައި އުޅެން ޖެހުމާއި އިންފްރާސްޓްރަކްޗާ އަށް ބާރު ބޮޑުވުމުގެ އިތުރުން ވަޒީފާ ނުލިބުމާއި ކުށްކުރުން އިތުރުވުން ހިމެނެ އެވެ.
ރާއްޖޭގެ އެންމެ ފަހުގެ ބޯހިމެނުން ދައްކާގޮތުން އާބާދީގެ 38 ޕަސެންޓް ދިރިއުޅެނީ މާލޭގަ އެވެ. އަދި މާލޭގެ ގިނަ އަދަދެއްގެ ގެދޮރަކީ "އދ.ގެ ސްލަމްސް ނުވަތަ ޖިފުޓީގެ މިންގަނޑުން ބަލާ އިރު ވަރަށް ރަނގަޅަށް ސްލަމްސް ނުވަތަ ޖިފުޓީގެ ގިންތި އަށް ފެތޭނެ ތަންތަން" ކަމަށާއި "އެހެންކަމުން މާލެއަކީ ގައުމުތަކުގެ ތެރެއިން ސްލަމްސް ނުވަތަ ޖިފުޓީގެ ނިސްބަތް އެންމެ ގިނަވާނެ ވެރިކަންކުރާ ރަށް ހިމެނޭ ގައުމަކަށް ވުން އެކަށީގެންވާ" ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން 2008ގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ތޮއްޖެހުން ބޮޑުވެ، ވަޒަންވެރިންނަށް އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ މާލޭގައި މިހާރު ވެސް ގިނައީ (55 ޕަސެންޓް) އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. އަދި ހުޅުމާލޭގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު އާއި އެ ރަށަށް އެންމެން ޖަމާކުރުމުގެ ސިޔާސަތާ އެކު ބެލެވެނީ ރަށްފުށުން އިތުރު މީހުން ހިޖުރަކޮށް "ގްރޭޓާ މާލެ" އާބަން ސަރަހައްދުގެ އާބާދީ މި އަށް ވުރެ ވެސް ބޮޑުވެގެންދާނެ ކަމަށެވެ. ސުވާލަކީ މިހާރުގެ ހިޖުރަވެރިންނަށް ވުރެ އާ ހިޖުރަވެރިންގެ ނަސީބު ރަނގަޅުވެދާނެ ހެއްޔެވެ؟ ރަށްފުށަށް ވުރެ އުފާވެރި ދިރިއުޅުމެއް އެ މީހުންނަށް ހުޅުމާލެ އިން ލިބިދާނެ ހެއްޔެވެ؟ އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރާ އިރު، ހިޖުރަކުރާ މީހުންނަށް އުފާވެރިކަން ކަށަވަރުކޮށްދޭނީ ކިހިނެއް ހެއްޔެވެ؟
ވިސްނާ! ކުލި ކޮންޓްރޯލްކުރުމާއި ބައިވަރު ވާހަކަ
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
މާލޭގެ ރައްޔިތަކީ ކާކު؟
މާލޭ ރަށްވެހިން ކަމަށް ބަލާ މިންގަނޑާ ގުޅިގެން ކޯޓަށް
ހިޔާ މަޝްރޫއުން މާލޭ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
މިއަށް ކިޔާނީ ނިކަމެތިންގެ އިހުސާސްތަކާ ކުޅުން!
ވިސްނާ! ސިންގަޕޫރު، ޓޯކިޔޯ، ސްވިޓްޒަލެންޑްގެ ނަމޫނާ
ވިސްނާ! އަހާލުމެއް ކަހާލުމެއް ނެތް!