Roadha Mihaaru
އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ޒަމާނީ މެޝިނެއް

އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް އެސްޓީއޯ އިން ޒަމާނީ މެޝިނެއް ދީފި

15 އެޕްރީލް 2018

ބަލި މީހުންގެ ޓެސްޓުތައް އަވަސް ކުރަން، އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ޒަމާނީ ފެންވަރުގެ މެޝިނެއް އެސްޓީއޯ އިން ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަލި މީހުންގެ ޓެސްޓުތައް އަވަސް ކުރަން، އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ޒަމާނީ ފެންވަރުގެ މެޝިނެއް އެސްޓީއޯ އިން ދީފި އެވެ.

ލެ އާއި ޔޫރިން ޓެސްޓުތަކަށް ޚާއްސަ އެ މެޝިނާ އެކު އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް އިތުރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މިހާރު ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ އެ ލެބޯޓްރީ އަށް އެސްޓީއޯ އިން ދިން ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ މެޝިނުގެ ސަބަބުން، ޓެސްޓުތަކުގެ ނަތީޖާ ލިބުން މިހާރަށް ވުރެ އެތައް ގުނައެއް އަވަސް ވާނެ އެވެ.

އެއާ އެކު، ޓެސްޓުތަކަށް ހުސްވެގެން ލެބޯޓްރީ ޓެކްނީޝަނުން ތިބެން ޖެހުމުގެ ބަދަލުގައި ވަރަށް ގިނަ ކަންކަން އަމިއްލަ އަށް އެ މެޝިނުން ކުރެވޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ތަނުގެ ސީނިއާ ކޮންސަލްޓަންޓް، ޕެތޮލޮޖީ މިލްޒާ ވިދާޅުވީ އާ މެޝިނަކީ އައިޖީއެމްއެޗުގެ މައިކްރޯބަޔޮލޮޖީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ކަލްޗާ ރިޕޯޓެއް ނިންމަން ބައެއް ފަހަރަށް ތިން ދުވަސް މިހާރު ނެގި ނަމަވެސް އާ މެޝިނާ އެކު އެ މުއްދަތު ވަރަށް ބޮޑަށް އަވަސްވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި މެޝިންގެ ސަބަބުން، މެނުއަލީ ކުރަމުން އައި ކަންކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ. ހަތް ދުވަހުން ނިމޭ ބްލަޑް ކަލްޗާ ރިޕޯޓްތައް ވެސް ދެން ލަހެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން އައިޖީއެމްއެޗަށް ހަދިޔާކުރި މެޝިން.

އެސްޓީއޯ އިން އައިޖީއެމްއެޗަށް ހަދިޔާކުރި މެޝިން.

ލެބޯޓްރީ ޓެސްޓުތަކުގެ ތަފާސްހިސާބުތައް ނެގުމުގައި ވެސް އެ މެޝިނާ އެކު ލުޔެއް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެސްޓީއޯގެ މެނޭޖަރު މުހައްމަދު ވިޝާމް ވިދާޅުވި ގޮތުގައި ސިއްޚީ ޚިދުމަތަށް އަންނަ ތަރައްގީއާ އެކު އައިޖީއެމްއެޗުން އަވަހަށް ޓެސްޓުތައް ނިމި ބަލި މީހުންނަށް ވީހާ ވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެން ދިއުމަކީ އެ ހޮސްޕިޓަލުގެ އުއްމީދު ކަމަށެވެ. މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ފަދަ މެޝިނެއް ދިނީ، އައިޖީއެމްއެޗުގެ އެ އުއްމީދުތައް ފުރިހަމަ ކުރަން އެހީތެރިވެދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވީ އެ މެޝިނަށް ބޭނުންވާ ކެމިކަލާއި އެހެން ވެސް ސާމާނު އެސްޓީއޯ އިން ފޯރުކޮށްދޭނެ ކަމަށެވެ.