Roadha Mihaaru
ހައްޖު ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރަނީ

ހައްޖު ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރަނީ

17 އެޕްރީލް 2018

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދު ކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދު ކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ ކުންފުނީގެ ބޯޑުން ނިންމައި މިދިޔަ ބުދަ ދުވަހު މުވައްޒަފުންނަށް ފޮނުވާފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ހަރަދުތައް ކުޑަކޮށް މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް ހެދުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާ ގުޅިގެން އެ ކުންފުނީގެ މަގާމުތަކަށް ބަދަލު ގެނެސް ބައެއް މަގާމުތައް އުވާލަން ނިންމާފައިވާކަން މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ. އަދި މިހާރު ވަނީ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިވެސް ކޮށްފަ އެވެ.

އެ ކުންފުނީގެ މެމޯގައި ބުނެފައިވަނީ ވަޒީފާ އިން ވަކި ކުރާ މުވައްޒަފުންނަށް ގާނޫނުގައި ބުނެފައިވާ ގޮތަށް ނޯޓިސް އާއި ފައިސާ ދޭނެ ކަމަށެވެ.

އެ ކުންފުނިން ވަކިކުރަނީ ކިތައް މުވައްޒަފުން ކަމާއި ގެންނަނީ ކޮން ބަދަލުތަކެއްތޯ ބެލުމަށް ގުޅުމުން އެ ކުންފުނިން ޖަވާބެއް ނުދެ އެވެ.

މިދިޔަ ޖެނުއަރީ މަހު ވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޔާމީން އިދްރީސް އާއި ބޯޑުގެ އެހެން މެމްބަރެއް ކަމަށްވާ ފަރުހާދު ދާއޫދު މަގާމުން ވަކި ކުރައްވައިފަ އެވެ.

މިހާރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އިދްރީސް އިސްމާއީލެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިއާސީ ގަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރު ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.

ހައްޖު ކޯޕަރޭޝަން އުފެއްދީ، ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ނުގެންގޮސް މައްސަލަ ބޮޑުވާން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.