Roadha Mihaaru
ނާސިރުގެ ކުރީގެ އަނބިކަނބަލުން އަވަހާރަވެއްޖެ

ނާސިރުގެ ކުރީގެ އަނބިކަނބަލުން އަވަހާރަވެއްޖެ

26 އެޕްރީލް 2018

ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރުގެ ކުރީގެ އަނބިކަނބަލުން އަދި ކުޅަދާނަ ޅެންވެރިޔާ މ. ބަގީޗާގޭ މަރިޔަމް ސައީދު މިއަދު އަވަހާރަވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރުގެ ކުރީގެ އަނބިކަނބަލުން އަދި ކުޅަދާނަ ޅެންވެރިޔާ މ. ބަގީޗާގޭ މަރިޔަމް ސައީދު މިއަދު އަވަހާރަވެއްޖެ އެވެ.

އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ ލަންކާގައި އުޅުއްވާތާ ދުވަސްތަކަކަށް ފަހު، އުމުރުފުޅުން 85 އަހަރުގަ އެވެ. އެކަމަނާގެ ހަޔާތްޕުޅުގެ ފަހުކޮޅުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ ލަންކާގަ އެވެ.

މަރިޔަމް ސައީދަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޅެންވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. މަރިޔަމް ސައީދަކީ ދިވެހި ބަހުގެ އަދީބު ހުސައިން ސަލާހުއްދީންގެ ދަރިކަނބަލެކެވެ.

ނާސިރަށާއި މަރިޔަމް ސައީދަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެއީ މުހައްމަދު ނާސިރާއި އަލީ ނާސިރެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އަވަހާރަވެފަ އެވެ.

މަރިޔަމް ސައީދުގެ ބޭބޭފުޅުންނަކީ އިބްރާހިމް ޝިހާބާއި އަދުނާން ހުސައިނެވެ. ދައްތާފުޅު ފާތިމަތު ސައީދަކީ އެކަމަނާގެ ފިރިކަލުން، އަދި ކުރީގެ ރައީސް މުހައްމަދު އަމީން އުފެއްދެވި ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ނަރުގިސްމަލެވެ.

މަރިޔަމް ސައީދުގެ އާއިލާ އިން ބުނީ މަރިޔަމް ސައީދުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގައި ކަމަށެވެ. އަދި އެ ކަމަނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ބައްޕާފުޅާއި ބޭބޭފުޅު ޝިހާބު ފަސްދާނުލާފައި އޮތް ކޮޕިއަވައްތޭ މުސްލިމް ސަހަރާގައި ކަމަށް އާއިލާ އިން ބުނެ އެވެ.

މަރިޔަމް ސައީދުގެ ޅެންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އަސަރުކުރުވި ޅެމަކީ "އަސްރު ދިޔައީ ގެއްލިގެން" މި ޅެމެވެ. އެކަމަނާ ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް ދޫކުރެއްވި އެތައް ޅެންތަކެއް މިއަދު ވެސް ރާއްޖޭގައި ތާޒާކަންމަތީގައި ދެމި އެބަ ހުއްޓެވެ.

މަރިޔަމް ސައީދުގެ ޅެންވެރިކަމުގެ މުދައްރިސަކީ އަމީން ދީދީ އެވެ. އެކަމަނާ ވަނީ ޅެން ހެއްދެވުމުގައި ބައްޕާފުޅު ހުސައިން ސަލާހުއްދީނާއި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ، އައިމިނަތު ފާއިޒާގެ ފަރާތުން ހިތްވަރު ހޯއްދަވައިފަ އެވެ. އާއިލާގައި ދެން ތިއްބެވީ ވެސް އަދީބުންނާއި ޅެންވެރިންނެވެ.