Roadha Mihaaru
ނޫސްވެރިކަމަށް ހުރަސްއެޅޭ ބިލް ހޯމަދުވަހު ފާސްކުރަނީ

ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމަށް ހުރަސްތައް ކުރިމަތިވާ ގޮތަށް އޮތް އަބުރުގެ ބިލް ހޯމަ ދުވަހު ފާސްކުރަނީ!

23 ޖުލައި 2016

ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާގޮތަށް އެކުލަވާލާފައިވާ، އަބުރުގެ ރައްކާތެރިކުރުމުގެ ބިލް އަންނަ ހޯމަ ދުވަހު ފާސްކުރަން ނިންމާފައިވާ ކަމުގެ އަޑު ފެތުރިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާގޮތަށް އެކުލަވާލާފައިވާ، އަބުރުގެ ރައްކާތެރިކުރުމުގެ ބިލް އަންނަ ހޯމަ ދުވަހު ފާސްކުރަން ނިންމާފައިވާ ކަމުގެ އަޑު ފެތުރިއްޖެ އެވެ.

ހޯމަ ދުވަހު ބިލް ފާސްކުރާނެ ކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެމްބަރަކު ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއްވި އެވެ. އެކަމަކު "މިހާރު"އާ ވާހަކަ ދެއްކެވި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވަނީ ހޯމަ ދުވަހު ބިލްފާސްކުރަން ނިންމާފައިވާ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ "މާ ލަސްތަކެއް ނުވެ އެ ބިލް ފާސްކުރާނެ" ކަމަށެވެ.

މީގެއިތުރުން، މި ބިލް ފާސްކުރުމާ ގުޅޭގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންތަކެއް ވައިބަ ގްރޫޕެއްގައި ދައްކަވާފައިވާ ވާހަކަތަކެއްގެ ސްރީންޝޮޓްތަކެއް ވަނީ އާންމުވެފަ އެވެ.

އެ ގްރޫޕްގައި، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ ބިލުގެ ބަހުސް ހޯމަ ދުވަހު ނިންމައި ހަމަ އެ ދުވަހު ކޮމެޓީ އަށް ފޮނުވަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮމެޓީން ވެސް އެ ދުވަހު ބިލް ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި މެމްބަރުންތަކެއް ބައިވެރިވަނީ: އަބުރު ރައްކާތެރިކުރުމުގެ ބިލް ހޯމަ ދުވަހު ފާސްކުރަން ނިންމާފައިވާއިރު، އެ ބިލުގައި ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ހިމަނާފައިވޭ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި މެމްބަރުންތަކެއް ބައިވެރިވަނީ: އަބުރު ރައްކާތެރިކުރުމުގެ ބިލް ހޯމަ ދުވަހު ފާސްކުރަން ނިންމާފައިވާއިރު، އެ ބިލުގައި ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ހިމަނާފައިވޭ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ރިޔާޒްގެ އެ ވާހަކަ އަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވަނީ ތާއީދުކުރައްވައި ރިޔާޒުގެ ހިތްވަރާއި ކެރުމަށް "ސާބަސް" ދެއްވައިފަ އެވެ.

އަބްދުއްރަހީމަށް ފަހު ވިލިނގިލީ ދާއިރާގެ ސައުދު ރިޔާޒްގެ ވާހަކަ އަށް ތާއީދުކުރެއްވުމުން، ބިލް ފާސްކުރުން "އެއީ ސީރިއަސް ވާހަކައެއް" ކަމަށާއި "މިކަން ވާނެ މިގޮތަށް ގެންދަން" ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އަބުރު ރައްކާތެރިކުރުމުގެ ބިލަށް އިސްލާހުތަކެއް ގެނެސް އަލުން މަޖިލީހަށް ހުށަހެޅީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުށަހެޅުއްވި ބިލުން "ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އެކީ ނިގުޅައިގެންފައިވާތީ" މީޑީއާތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުންނެވެ.

މިހާރު ހުށަހަޅާފައި އޮތް ބިލްގައި ވެސް ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އިސްލާހުކޮށްފައި ފޮނުވި ބިލުގައި ވެސް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް ކުޑައެއް ނޫނެވެ.

މީގެ ކުރިން ނިހާން ހުށަހެޅުއްވި ބިލާ ދާދި އެއްގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގައި އެތައް ހުރަސްތަކެއް އަދިވެސް ކުރިމަތިކޮށްފައިވެ އެވެ. އެ ބިލުގައި ވެސް އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ ހޯމް މިނިސްޓްރީއަށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހޯމް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

އަދި ވަކި ހަބަރުތަކެއް މީޑިއާތަކުން ރިޕޯޓް ނުކުރެވޭނެ ގޮތް ހަދާފައިވުމުގެ އިތުރުން ހިޔާލުފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓައިފަ އެވެ.