Roadha Mihaaru
އުއްމީދާއި ޔަގީންކަންދީ 7،000 ފްލެޓަށް ހުޅުވާލައިފި

އުއްމީދާއި ޔަގީންކަން ދެމުން 7،000 ފްލެޓަށް ފުރުސަތު ހުޅުވާލައިފި

06 މެއި 2018

ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެންމެ ނިކަމެތި އާއިލާތަކަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން ދެމުން، 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކަށް މިއަދު މެންދުރު 2:00 އިން ފެށިގެން ފޯމު ދޫކުރާނެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެންމެ ނިކަމެތި އާއިލާތަކަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން ދެމުން، 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކަށް މިއަދު މެންދުރު 2:00 އިން ފެށިގެން ފޯމު ދޫކުރާނެ އެވެ.

ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުމްލަ 17 ކެޓަގަރީއަކަށް ބަހާލައިގެން ދޫކުރާ ފްލެޓްތަކަށް މިއަދުން ފެށިގެން ޖުލައި 31ގެ ނިޔަލަށް ފޯމު ދޫކުރާނެ ކަމަށެވެ. ފޯމު ބަލައިގަންނަން ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޖުލައި 31 އަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ، ރައްޔިތުންނަށް މިކަމުގައި އުނދަގުލެއް، ތަކުލީފެއް އުފުލަން ޖެހޭ ގޮތަކަށް ވާން. މިއަދު މި ފެށީ މި ތަނުން [ދަރުބާރުގެ އިން] ފޯމު ދޫކުރުމާއި ފޯމު ޑައުންލޯޑްކުރުން. ޖުލައި 31 އާ ހަމަ އަށް ފޯމު ދޫ ކުރާއިރު، އެ ތާރީހުގައި ވެސް ފޯމު ބަލައިގަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

HIYAA 2018

HIYAA 2018

Hiyaa

ފްލެޓަށް އެދޭ ފޯމު މި ލިންކުން ޑައުންލޯޑްކުރެވޭނެ.

މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ފްލެޓް ފޯމަށް ކިޔޫ ޖެހިގެން ތިބޭކަށް މި ފަހަރަކު ނުޖެހޭނެ އެވެ. ދަރުބާރުގެ އިން ބޭނުން ވަރަކަށް ފޯމު ދޫކުރާ އިރު، ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ވެސް ފޯމު ލިބޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ފޯމު ދޫކުރުމަށް ދަރުބާރުގޭގައި ބަހައްޓާފައިވާ މޭޒެއްގެ ކައިރީގައި މިނިސްޓަރު މަޑުކޮށްލައްވައިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފޯމު ދޫކުރުމަށް ދަރުބާރުގޭގައި ބަހައްޓާފައިވާ މޭޒެއްގެ ކައިރީގައި މިނިސްޓަރު މަޑުކޮށްލައްވައިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފްލެޓް ފޯމު ދޫކުރުމަށް މިއަދުން ފެށިގެން 31 ޖުލައިގެ ނިޔަލަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ޚާއްސަ ކޮށްފައިވާ އިރު، އެތަނުން މި މަޝްރޫއުގެ ހުރިހާ މައުލޫމާތެއް ވެސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. ކޮންމެ ކެޓަގަރީއަކަށް ވަކިން ޚާއްސަ މޭޒެއް ބަހައްޓައި، މައުލޫމާތު ދޭން މިނިސްޓްރީގެ މުވައްޒަފުން ތިބެ އެވެ. މިނިސްޓްރީގެ ވެބްސައިޓުން ވެސް ފޯމު ލިބެން ހުންނާނެ އެވެ.

މި މަޝްރޫއު ހުޅުވާލުމުގެ ކުރިން، އެންމެ ބޮޑު އެއް ޝަކުވާއަކަށް ވީ ކެޓަގަރީތަކަކަށް ފްލެޓް ބަހާލުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ އުސޫލުން ފްލެޓް ދޫކުރަން ނިންމީ، އެއްވެސް ބަޔަކު މަހްރޫމް ނުވާ ގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށެވެ. ޒުވާނުންނާއި އަލަތު ކައިވެނިކުރާ މީހުންނާއި އެކި ދާއިރާތަކުގައި ތިބި ޚިދުމަތްތެރިންނާއި އާއްމު ރައްޔިތުން ހިމެނޭ ގޮތަށް ފްލެޓް ބަހާލީ އެންމެންނަށް ވެސް އިންސާފުވެރިވާނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެވެސް އެއް ކެޓަގަރީއަކުން، ގިނަ އާއިލާތަކަކަށް ފްލެޓް ކަށަވަރުވާ ގޮތަށް މި ސްކީމް ކުރިއަށް ގެންދަން ރާވާފައި މިއޮތީ. އެއްވެސް ރައްޔިތަކު މި މަޝްރޫއުން ބާކީއެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިއަދު ހުޅުވާލި މަޝްރޫއުގައި ފްލެޓްތައް ބަހާލާފައިވާ ކެޓަގަރީތައް.

މިއަދު ހުޅުވާލި މަޝްރޫއުގައި ފްލެޓްތައް ބަހާލާފައިވާ ކެޓަގަރީތައް.

ސިވިލް ސާވިސް

ސިވިލް ސާވިސް އަށް ކަނޑައެޅި 1،000 ފްލެޓަށް ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 2،000 މީހުން ވަނީ ކުރިމަތިލައިފަ އެވެ. އެ ފްލެޓަށް ހޮވުނު މީހުން ލަސްތަކެއް ނުވެ އިއުލާންކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ސިވިލް ސާވިސް އަށް ފްލެޓް ކަނޑައެޅީ، އެ މުވައްޒަފުންނަކީ ސަރުކާރުގެ އެންމެ ޚިދުމަތްތެރި މީހުންނަށް ވާތީ، އެ މީހުންނަށް ވެސް އެންމެ ބޮޑު މައްސައެއްގެ ގޮތުގައި އޮތް ބޯހިޔާވަހިކަމަށް ހައްލު ހޯދުމެވެ.

- ކައިވެނިކޮށްގެން އުޅޭ 18-40 އަހަރުގެ މީހުންނަށް 1،000 ފްލެޓް

މި ކެޓަގަރީން ދޫކުރަން ހަމަޖައްސާފައި ވަނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތަކެވެ. މި ފްލެޓްތައް ދޫކުރަން ހަމަޖައްސާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 30 އަށް 40 އަހަރު ނުފުރޭ ކައިވެނިކޮށްގެން އުޅޭ މީހުންނަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭ އުމުރެއް ކަމަށް އުމުރުން 21 އަހަރު ކުރިން ކަނޑައަޅާފައި އޮތަސް މި ފަހަރު 18 އަހަރަށް ބަދަލުކޮށްލީ ޒުވާނުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ހަމައެކަނި އުމުރުފުރައެއް ކަނޑައެޅި ކެޓަގަރީ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ކެޓަގަރީ އަށް ޝަރުތު ހަމަނުވާ މީހުންނަށް ބާކީ ހުރި ކެޓަގަރީތަކުން ކުރިމަތިލެވޭނެ ކަމަށެވެ. މި ކެޓަގަރީ އަށް ކުރިމަތި ނުލެވުނަސް އެ މީހަކު ބޯހިޔާވަހިކަމުން މަހްރޫމް ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

- މާލޭގެ ރަށްވެހިންނަށް 1،000 ފްލެޓް

މާލޭގެ ރަށްވެހިންނަށް ވެސް ދޫކުރަނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތަކެވެ. މި ފްލެޓްތަކަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރި، ކައިވެނިކޮށްގެން އުޅޭ މާލޭގެ ރަށްވެއްސަކަށް ވުމާއި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހަކަށްނުވުން ހިމެނެ އެވެ.

އެއާއެކު އާއިލާ އަށް މަހަކު 7،000ރ.ގެ އާމްދަނީއެއް ލިބުމާއި 600 އަކަ ފޫޓު ނުވަތަ އެއަށް ވުރެން ބޮޑު ގޯއްޗެއް، ފްލެޓެއް އަދި ރޯހައުސްއެއް ލިބިފައިވާ ނަމަ ސަރުކާރަށް އެތަން ދޫކޮށްލުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ދެމަފިރިންނަށް ފްލެޓަށް ކުރިމަތިލެވޭ އިރު، ދެ މީހުންނަށް ފްލެޓް ލިބިއްޖެ ނަމަ ކޮންމެވެސް އެކަކު ފްލެޓް ދޫކޮށްލަން ޖެހެ އެވެ.

- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1،044 ފްލެޓް

މި ކެޓަގަރީ އަށް ދެ ކޮޓަރީގެ ފްލެޓްތައް ޚާއްސަކޮށްފައިވާ އިރު، މައިގަނޑު ޝަރުތަކީ މާލޭގެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވުމެވެ. ކައިވެނިކޮށްގެން އުޅޭ މީހުންނަށް ކުރިމަތިލެވޭ މި ކެޓަގަރީން ވެސް ފްލެޓް ލިބޭ އިރު، 600 އަކަ ފޫޓު ނުވަތަ އެ އަށް ވުރެ ބޮޑު ގޯއްޗެއް އޮތް ނަމަ ސަރުކާރަށް އެ ތަން ދޫކޮށްލަން ޖެހެ އެވެ.

- ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް

ދެ ކޮޓަރީގެ ފްލެޓްތައް ޚާއްސަކޮށްފައިވާ މި ކެޓަގަރީ އަށް ކުރިމަތިލެވޭނީ ސިއްހީ ދާއިރާގައި ޑޮކްޓަރެއް ނުވަރަ ނަރުހެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށެވެ.

މި ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތަކުން، ފްލެޓާ ހަވާލުވުމަށް ފަހު މަދުވެގެން 10 އަހަރު ސިވިލް ސާވިސްގެ ވަޒީފާގައި ދެމިހުރުމަށް ޝަރުތުކޮށްފައިވެ އެވެ. ފޯމު ހުށަހަޅާ ފަރާތަކީ 10 އަހަރުވުމުގެ ކުރިން ވަޒީފާ އިން މުސްކުޅި ކުރެވޭ އުމުރުގެ މީހެއް ނަމަ ވަޒީފާ އިން މުސްކުޅި ކުރުމާ ހަމައަށް ސިވިލް ސާވިސްގައި ދެމިހުންނަން ޝަރުތުކޮށްފައިވެ އެވެ.

ޓީޗަރުންނަށް 625 ފްލެޓް

ޓީޗަރުންގެ ކެޓަގަރީން ދޫކުރާ ދެ ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލާން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގެ ސްކޫލެއްގައި ދާއިމީ ވަޒީފާއެއް އަދާކުރުމާއި ފްލެޓް ލިބޭ މީހުން މަދުވެގެން 10 އަހަރު ތައުލީމީ ދާއިރާގެ ވަޒީފާއެއްގައި ދެމިހުރުން ހިމެނެ އެވެ.

ފޯމު ހުށަހަޅާ ފަރާތަކީ 10 އަހަރުވުމުގެ ކުރިން ވަޒީފާ އިން މުސްކުޅި ކުރެވޭ އުމުރުގެ މީހެއް ނަމަ ވަޒީފާ އިން މުސްކުޅި ކުރުމާ ހަމައަށް ސިވިލް ސާވިސްގައި ދެމިހުންނަން ޝަރުތުކޮށްފައިވެ އެވެ.

- ފުލުހުންނާއި ސިފައިންނަށް 600 ފްލެޓް

ފުލުހުންނާއި ސިފައިންނަށް ފްލެޓަށް އެދޭ ފޯމު ދޫކުރާނީ އެ ދެ މުއައްސަސާ އިންނެވެ.

- އެކަނިވެރި މައިންނާއި ބަފައިންނަށް 400 ފްލެޓް

ދެ ކޮޓަރި ޚާއްސަކޮށްފައިވާ މި ކެޓަގަރީގައި އެކަނިވެރި މައެއް ނުވަތަ ބަފައެއްގެ ގޮތުގައި ބަލާނީ އެޕްރީލް 30، 2018 އާ ހަމަ އަށް ކޯޓުން ވަރި ސާބިތުކުރެވި ދަރިއެއް ބަލަމުންދާ މީހުންނާއި އެ މުއްދަތާ ހަމައަށް ބައްޕައަކު ނެތް ނުވަތަ މަންމަ/ބައްޕަ މަރުވެފައިވާ ތިމާގެ އުފަން ދަރިއެއް ބަލަމުން އަންނަ މީހުންނަށެވެ.

އަލަތު ކައިވެނީގެ ފްލެޓްތައް

މި ކެޓަގަރީ އަށް ފޯމު ހުށަހަޅާ ތާރީހުގައި އަލަތު ކައިވެންޏެއް ކޮށްގެން އުޅޭ، އެ ކައިވެންޏަކީ ދެމަފިރިންގެ ވެސް އަލަތު ކައިވެނި ކަމުގައި ވާން ޖެހެ އެވެ. އަލަތު ކައިވެނި ކަމުގައި ބަލަނީ ނޮވެމްބަރު 11، 2013 އިން ޖުލައި، 18، 2018 އާ ދެމެދުގެ ކައިވެނިތަކެވެ.

- ނުކުޅެދޭ އާއިލާތަކަށް 200 ފްލެޓް

މި ކެޓަގަރީ އަށް ކުރިމަތިލެވޭނީ ފޯމު ހުށަހަޅާ ތާރީޚުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައި ވުން ނުވަތަ އެ އެޖެންސީގައި ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ބަލަމުންދާ މީހަކަށް ވުމެވެ.

މީގެއިތުރުން ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނާއި މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ވެސް ފްލެޓް ޚާއްސަކޮށްފައިވެ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އެހެން ފަހަރުތަކާ ޚިލާފަށް، ފޯމު ފުރުމުގައި ވެސް މިފަހަރު އުނދަގޫތަކަކާ ކުރިމަތިލާކަށް ނުޖެހޭނެ އެވެ. ކުރިއާ އަޅާބަލާއިރު، ފުރަން ޖެހޭ މައުލޫމާތު މަދުކޮށް، އެކަމަކު އެ މީހަކު ދިރިއުޅޭ ހާލަތު ތަފްސީލުކޮށް ފޯމުގައި ބަޔާން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.