Roadha Mihaaru
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"

އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް: އޮސްކާ

11 މެއި 2018

އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު ސްޕެއިންގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު ސްޕެއިންގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީ ވަނީ ނިއު އަތުން 2-1 އިން މޮޅުވެފަ އެވެ. އެ މެޗުގައި ވިކްޓަރީން ވަނީ ލިބުނު ދެ ފުރުސަތުގެ ބޭނުން ހިފައި ނިއު ކޮޅަށް ގޯލު ޖަަހައިފަ އެވެ. ވިކްޓަރީގެ ފަރާތުން ޑިފެންސިވް ގޭމެއް ފެނުނު މި މެޗުގައި ނިއުގެ ކުޅުންތެރިން ހުއްޓުވުމުގައި އެ ޓީމުން ހިތްވަރު ގަދަ ކުޅުމެއް ދެއްކި އެވެ.

"ވަރަށް އުނދަގޫ މެޗެއް މިއީ. ވަރަށް ވާދަވެރި ޓީމަކާ ކުޅެން މި ޖެހެނީ. އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އެ މީހުންނަށް ލިބުނު މަދު ފުރުސަތެއްގެ ބޭނުން ހިފީ. ދެން އެ މީހުން ލަނޑު ޖަހައިފިއްޔާ ތަފާތު ފުޓްބޯޅަ އަށް ނުރަނގަޅު ޓެކްޓިސް ބޭނުންކޮށްގެން ބަލާނީ މެޗު ލަސްކުރަން. ރެފްރީއާ ވާހަކަ ދައްކާނެ. ސްޓެޗަރު ދަނޑަށް އަރުވާނެ 25 ފަހަރު. އަހަރެމެން ވިސްނަން ޖެހޭ. ފުރަތަމަ ކަމަކަށް މުހިއްމީ ސްކޯ ކުރުން. އެއީ އެންމެ މުހިއްމު ކަންތައް. ދެ ހަފްތާ ކުރިން ކުޅުނު މެޗު ހަނދާން އެބަހުރި." މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުންޏެވެ.

އޭނާ ބުނީ ނިއު އަކީ އަބަދުވެސް ހެދޭ ގޯސްތައް ތަކުރާރުވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާ ޓީމެއް ކަމަށެވެ. މި ވަގުތަށް ބަލާއިރު އޮތް އެއް ބޮލު ރިހުމަކީ ބައިކޮޅަށް ވަން ގޯލު ކަމަށް ބުންޏެވެ.

"ނިއު ރޭޑިއަންޓަކީ މިހާރު ކޮންމެ ފަހަރަކު ބަލިކުރަން ފަސޭހަ ޓީމެއް ނުވާނެ. އަހަރެމެންގެ ހަމައެކަނި ބޮލު ރިހުމަކީ ޑިފެންސް. އަހަރެމެން ކުޅޭ ސްޓައިލަށް ބަލާއިރު ކޮންމެ މެޗެއްގައި ދެ ގޯލު ޖެހޭ. އެކަމަކު ކޮޅަށް އަންނަ އެއްޗެހި ވެސް ދަނީ ވަރަށް ނުރައްކާކޮށް. އިދިކޮޅު ޓީމުން މާ ބޮޑު މަސައްކަތެއް ނުކޮށް ލަނޑެއް ޖެހެއްޏާ އެއީ އަހަރެމެންނަށް އޮތް ގެއްލުމެއް. ސީޒަން ފެށިގެން މިހާތަނަށް އަހަރެމެން ކޮޅަށް ލަނޑެއް ނުވަދެ ދިޔައީ ހަތަރު މެޗުން. މިއީ ރަނގަޅު ކުރަން ޖެހޭ ކަމެއް." އޮސްކާ ބުންޏެވެ.

އޭއެފްސީ ކަޕްގައި އަންނަ ބުދަ ދުވަހު އައިޒޯލާ ދެކޮޅަށް ކުޅޭ މެޗު އޮތުމުން މި މެޗުގައި ބައެއް ކުޅުންތެރިންނަށް އަރާމް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"ސީޒަނުގެ އެންމެ މުހިއްމު މެޗު ކުޅެން މި ދަނީ. އައިޒޯލްއާ ދެކޮޅަށް ކުޅޭ މެޗު ހުރިހާ ގޮތަކުން މުހިއްމީ. އެއީ އޭއެފްސީ ކަޕްގެ އަނެއް ބުރަށް ދިއުން ވަރަށް މުހިއްމު. އަހަންނަށް ނެތް ފޮރުވޭކަށް. ނިއު އަށް މުހިއްމީ މިހާލަތުގައި އޭއެފްސީ ކަޕް. އެހެންވެ މި މެޗުގައި ކުޅުންތެރިންނަށް އަރާމް ކުރަން ފުރުސަތު ދޭނަން." އޭނާ ބުންޏެވެ.

ނިއުގެ އެޓޭކުގައި ހިމެނޭ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި މުހައްމަދު އުމެއިރު ވަރަށް މޮޅަށް ކުޅެމުން އަންނަ ކަމަށާއި މި ކުޅުންތެރިންނަށް އެ ކުޅުން ދެއްކުމުގައި މުޅި ޓީމުގެ ދައުރު ބޮޑު ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"ނިއުގައި އެންމެނަށް ފާހަގަވާނީ ކުރީގައި ތިބި އެޓޭކިން ކުޅުންތެރިން އެކަމަކު މި ޓީމު ހޯދަމުން އަންނަ ކާމިޔާބީގައި އެންމެންގެ ދައުރު ބޮޑު. މިއީ އެއް ނޫން އަހަރެމެންގެ އެންމެ މަތީ ލެވެލަކީ މި އަށް ވުރެ އެތަށް ގުނައެއް މޮޅަށް ވެސް ކުޅެވޭނެ،" އޭނާ ބުންޏެވެ.

ނިއު މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ އަށް މެޗުން 19 ޕޮއިންޓާ އެކު އެވެ. ވިކްޓަރީ އޮތީ އަށް މެޗުން 15 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. މި މެޗުން ޕޮއިންޓެއް ހޯދައިގެން ނިއު އަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރެވޭނެ އެވެ.

ވިކްޓަރީގެ ކޯޗު ކިސް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ކޯޗު ކިސް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީ އެންމެ ފަހުން ނިއު ބަލިކުރި ދެ ފަހަރުގައި ވެސް އެ ޓީމުގެ ކޯޗަކަށް ހުރީ ލާޒްލޯ ކިސް އެވެ. މި ސީޒަނުގެ ކުރިން ކިސް ވަނީ 2016 ވަނަ އަހަރު ވެސް ނިއުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

"ނިއު އާއި ވިކްޓަރީ އެންމެ ފަހުން ކުޅުނު މެޗުގައި ވިކްޓަރީ މޮޅު ނިއު އަށް ވުރެ. ނިއުގައި އެބައޮތް ރާއްޖޭގެ ގައުމީ ޓީމަށް ކުޅެވޭ 11 ކުޅުންތެރިން. ގޯލްކީޕަރާއި ދެ ވަނަ ގޯލްކީޕަރު ވެސް. ވިކްޓަރީގައި ނެތް ގައުމީ ޓީމުގެ ކުޅުންތެރިއެއް. އެ ޓީމުގައި (ނިއުގައި) ދެން އެބަހުރި ދަގަނޑޭ ވެސް. ސެންޓޭ ވެސް އެންމެ ފަހުން މެޗު ވަރަށް މޮޅަށް ކުޅުނު." ކިސް ބުންޏެވެ.

ކިސް ބުނީ މި ވަގުތަށް ބަލާއިރު ވިކްޓަރީ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ.

"ވިކްޓަރީ ވަނީ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފައި. ވަރަށް ރަނގަޅު މަގާމެއްގައި މި އޮތީ. މިހާރު ވަރަށް މޮޅަށް އެބަކުޅޭ. އެންމެ ފަހުން މެޗުގައި ވެސް ވަރަށް މޮޅަށް ކުޅުނު. ނިއު މެޗު ވަރަށް އުނދަގޫވާނެ. ކޯޗު ހަނދާން ހުރޭ 15 އަހަރު ކުރިން ވިކްޓަރީ އާއި ނިއު ކުޅޭއިރު ސްޓޭޑިއަމް އޮންނާނީ ފުރިފައި. އެކަމަކު މިއަދު ނެތް އެކަކު ވެސް." ކިސް ބުންޏެވެ.

"ވަރަށް ކޮންފިޑެންސާ އެކު ކުޅުންތެރިން ތިބީ. ފަހަރެއްގައި މޮޅުވެވޭނެ މެޗެއް މިއީ. އެކަމު ނަސީބު އެހީވެސް ވެގެން."

މިރޭގެ މެޗަށް ކާޑު ހަމަވުމުގެ ސަބަބުން ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ޕެޑްރޯ ހެންރީކޭ ހުރީ ސަސްޕެންޝަނުގަ އެވެ. އަދި އަނިޔާގެ ސަބަބުން ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ނުފެންނާނެ އެވެ.

ނިއު އާއި ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.