Roadha Mihaaru
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް

ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް

22 މެއި 2018

އެސްޓީއޯ މާލޭ ލީގުގައި މިރޭ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ހެޓްރިކާ އެކު 4-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މިރޭ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ހެޓްރިކާ އެކު 4-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ޓީސީ ތިން ވަނަ އަށް އެރީ ކުޅުނު 10 މެޗުން 18 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ވެސް 10 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. މިރޭގެ މެޗުގެ ނަތީޖާއާ އެކު މާޒިޔާ ވަނީ ލީގުގެ ހަތަރަކަށް ވެއްޓިފަ އެވެ. އެ ޓީމަށް 10 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. އެއް ވަނައިގައި އޮތީ 22 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓެވެ.

މި ބައްޔާ އެކު ވެލެންސިއާ ލީގުގެ ފުލުގައި އޮތީ 10 މެޗުން އެއް ޕޮއިންޓާ އެކު އެވެ. ލީގުގެ ގަދަ ހަޔަކަށް ވަނުމުގެ ފުރުސަތު ވެލެންސިއާ އަށް އޮތީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އެ ޓީމަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ދެން ކުޅޭ ހުރިހާ މެޗަކުން މޮޅުވެ، އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

މި މެޗަށް ނުކުތްއިރު ކާޑު ހަމަވުމުގެ ސަބަބުން ޓީސީގެ އަބްދުﷲ ހަނީފު (ބެންޖޯ) އާއި އަހުމަދު ރިލްވާން (ބެން) ތިބީ ސަސްޕެންޝަނުގަ އެވެ. އެ ޓީމުގެ ފުރަތަމަ އެގާރައިން ވަނީ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ ނިޝާމް މުހައްމަދު ރަޝީދު އާއި މުހައްމަދު މާޒިން އަދި މުހައްމަދު އަޖުފާން އަށް ފުރުސަތު ދީފަ އެވެ. އަދި ލައިބީރިއާގެ ފޯވާޑް ޑިއޯ ވިލިއަމްސް ވެސް ފުރަތަމަ އެގާރައިގައި ކުޅުނެވެ.

ވެލެންސިއާގެ ފުރަތަމަ ފުރުސަތު ލިބުނީ އިބްރާހިމް އަފްލާހު އަށެވެ. މެޗުގެ 21 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އަފްލާހަށް ލިބުނު ބޯޅަ އޭނަ ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ދެ މިނިޓް ފަހުން އެ ޓީމުގެ ރިޝިން ވަލޭރީ ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 28 ވަނަ މިނިޓްގައި ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ބޯޅަ ވެލެންސިއާ ކީޕަރު ޖުން ކޮޗީ ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ އިން ވަނީ މެޗުގެ 33 ވަނަ މިނިޓްގައި އަބްދުﷲ އިބްރާހިމް (ކްރެސްޕޯ) އަށް އަނިޔާވުމުން އޭނަގެ ބަދަލުގައި އަންސަރު އިބްރާހިމް (އަންކޮ) ކުޅެން އަރުވައިފަ އެވެ.

ފުރަތަމަ ހާފު އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅުނު ޓީސީ އަށް މެޗުގެ މި ހާފުގެ ވަގުތުގައި ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ކީޕަރު ޖުން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ފުރުސަތު ލިބުނީ ވެސް ފޭދޫ އިއްބެ އަށެވެ. އޭނާ މި ފަހަރު ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވެސް ކީޕަރު ޖުން އެވެ.

އެހެން ނަމަވެސް މެޗުގެ 56 ވަނަ މިނިޓްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ފޭދޫ އިއްބެ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ވެލެންސިއާގެ އޮފްސައިޑް މަޅިން ސަލާމަތްވެ އޭރިއާ ތެރެއަށް ވަދެ ފޭދޫ އިއްބެ ވަނީ ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ޓީސީން ލީޑުނެގުމާ އެކު ވެލެންސިއާ އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި ރަނގަޅު ފުރުސަތުތަށް ތަނަވަސްކުރަން ފެށި އެވެ. އޭރިއާ ތެރެއިން އަންކޮ ފޮނުވާލި ބޯޅައެއް ކީޕަރު ރިކޫ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ އައިދަރު އަށް ލިބުނު ބޯޅަ ފޮނުވާނުލެވުނީ ރަނގަޅަށް ފައިގައި ލައްވައިނުލުމުންނެވެ.

ޓީސީގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައި ފޭދޫ އިއްބެ އެވެ. ސާމިރު އަރިމަތިން ނަގައިދިން ހުރަހަކުން ފޭދޫ އިއްބެ މި ގޯލު ޖެހީ ބޮލުންނެވެ. އޭނާ ހުއްޓުވަން ވެލެންސިއާ ކުޅުންތެރިންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އޭގެ ހަ މިނިޓް ފަހުން ލިބުނު ޕެނަލްޓީ އަކުން ފޭދޫ އިއްބެ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިރޭގެ މެޗުގައި ޓީސީ ކެޕްޓަނަކަށް ކުޅުނު ޔާމީން އިބްރާހިމް (ޔާމްބެ) އަށް އޭރިއާ ތެރެއިން ވެލެންސިއާގެ ހައިދަރު ކުރި ފައުލަކަށް ދިން މި ޕެނަލްޓީ ޖަހަން ފުރަތަމަ ދިޔައީ ވިލިއަމްސް އެވެ. އެކަމު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އެ ޕެނަލްޓީ ޖަހަން ފޭދޫ އިއްބެއާ ހަވާލުކުރަން ބުނެފަ އެވެ. އެއީ އޭނާގެ ހެޓްރިކް ހަދަން ފުރުސަތު ދޭށެވެ.

ޓީސީގެ ހަތަރު ވަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ވިލިއަމްސް ޖެހީ ކީޕަރު ކޮޗީ ކައިރިން ނައްޓާލުމަށް ފަހު އެވެ.

މެޗުގެ ފަހު ކޮޅުގައި ވެލެންސިއާ އިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެންމެ ރަނގަޅަށް އޭގެ ބޭނުން ހިފޭ ގޮތެއްނުވި އެވެ.

ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނީ އެ ޓީމަށް އަނިޔާގެ މައްސަލަ ދިމާވެފައި ކަމަށާއި މި ލެވެލްގެ މެޗުތައް ކުޅެފައި ތިިބި ކުޅުންތެރިން މަދުވުމުން މެޗުތަކުގައި އެ މައްސަލަ ވެސް ދިމާވާ ކަމަށެވެ. އަދި އޭނާ ބުނީ ޕްރިމިއާ ލީގަށް ދިއުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް ވަރަށް ރަނގަޅަށް ކުޅެމުން އައިސްފައި ފަހު ވަގުތު ކޮންސަންޓްރޭޝަން މި ދަނީ. ޕްރިމިއާ ލީގަށް ކޮލިފައިވުމަށް ވުރެ ބޮޑަށް ވިސްނަންވީ ފުޓްބޯޅަ ކުޅެންޏާ މެޗަކުން މޮޅުވާން. މޮޅުވެގެން މީތި ރަނގަޅު ގޮތުގައި ދާނީ. ޕްރިމިއާ ލީގުގެ ޖާގަ މި އޮތީ ވަރަށް ހަނިކޮށް. އެކަމަކު ކިތަންމެ ކުޑަ ފުރުސަތެއް އޮތަސް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ލައްޗޭ ބުންޏެވެ.

ޓީސީގެ ކޯޗު ނިޒާމްބެ ބުނީ މެޗުން ހާސިލްކުރަން ބޭނުންވި ކަންތައް ހާސިލްކުރެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"މިރޭ މުހިއްމީ މެޗުން މޮޅުވާން. ތިން ޕޮއިންޓް ހޯދަން ޓީމު ނުކުތީ. ދެން އަލަށް ޓީމަށް ލައިގެން ކުޅުނު ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މި ލީގަކީ ކޮލިފިކޭޝަނެއް ކަމަށާއި އެހެންވެ މަސައްކަތް ކުރަނީ ވެސް ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ހޯދުމަށް ކަމަށެވެ.