Roadha Mihaaru
ވިކްޓަރީ އާއި ގްރީން އިން ޕޮއިންޓް ހިއްސާކޮށްފި

ވިކްޓަރީ އާއި ގްރީންސްޓްރީޓްސް އިން ޕޮއިންޓް ހިއްސާކޮށްފި

23 މެއި 2018

އެސްޓީއޯ މާލޭ ލީގުގެ މިރޭ ވިކްޓަރީ އާއި ގްރީންސްޓްރީޓްސް ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގެ މިރޭ ވިކްޓަރީ އާއި ގްރީންސްޓްރީޓްސް ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

މި މެޗުން މޮޅުނުވުމުން ވިކްޓަރީ އަށް ވަނީ ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު މިވަގުތު ގެއްލިފަ އެވެ. އެ ޓީމު މިހާރު އޮތީ 16 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ގްރީންސްޓްރީޓްސް އަށް މިރޭ މޮޅުވެގެން ހަ ވަނައިގައި ލީޑު ފުޅާކުރުމުގެ ފުރުސަތު އޮތެވެ. އެ ޓީމު މިހާރު އޮތީ 10 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ހަތް ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ޔުނައިޓެޑް ވިކްޓަރީ އެވެ.

ފޯރިގަދަކޮށް ދިޔަ މިރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި ސްޕެއިން މިޑްފީލްޑަރު އެންހެލް މުނޯޒް ވަނީ ވިކްޓަރީ އަށް ކުރި ހޯދައިދީފަ އެވެ. އެކަމަކު 16 ވަނަ މިނެޓުގައި އަލީ ނަސޫހު ރަޝީދު ލަނޑު ޖަހައި ގްރީންސްޓްރީޓްސް އަށް އެއްވަރުކޮށްދިނެވެ. ލީޑު ނަގަން އެ ޓީމަށް 35 ވަނަ މިނެޓުގައި ރަނގަޅު ފުުރުސަތެއް ލިބުނެވެ. އެކަމަކު އަހުމަދު ރިލުވާން އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކުރި އެވެ. އޭގެ ތިން މިނެޓު ފަހުން ޕެނަލްޓީއަކުން އެންހެލް މުނޯޒް ލަނޑު ޖަހައި ވިކްޓަރީ އަށް އަލުން ކުރި ހޯދައިދިނެވެ.

ދެ ވަނަ ހާފުގައި ފެނުނީ ގްރީންސްޓްރީޓްސް އިން ވަރަށް ބޮޑަށް އެޓޭކްތައް އުފައްދަމުން ދިޔަ މަންޒަރެވެ. އޭގެ ނަތީޖާއަކަށްވީ 49 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނެވެ. އޭރިއާ ތެރެއިން ވިކްޓަރީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ވައްދާލައި ގްރީންސްޓްރީޓްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ރޮލޭންޑް ރަސެލް އެވެ. މެޗުގެ ފަހު ބައިގައި ކުރި ހޯދަން ގްރީންސްޓްރީޓްސްގެ ރަސެލް އާއި ރިލޭ އަދި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އަށް ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ރަސެލް އާއި ރިލޭގެ ޝޮޓްތައް ކީޕަރު އިމްރާން މަތަކުރިއިރު ޝަފްލޭ އޭރިއާ ތެރެއިން ހުހަށް އަރައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑީ މަތިންނެވެ.

މެޗަށް ފަހު ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ އެންމެ ބޮޑު މައްސަލައަކަށްވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން ކަމަށާއި އެހެންވާ ނަމަ ވިކްޓަރީ ފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ޕްރިމިއާ ލީގަށް ކޮލިފައިވުން. މިހާރު މިއޮތީ ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ތިން ޕޮއިންޓުގެ ލީޑެއްގައި. އެއީ ހިތްހަމަޖެހުމެއް،" ސުޒޭން ބުންޏެވެ.

ވިކްޓަރީގެ ކޯޗު ހަންގޭރީގެ ލާސްލޯ ކިސް ބުނީ ފެނިގެން ދިޔައީ ވަރަށް ރަނގަޅު މެޗެއް ކަމަށާއި ދެ ޓީމަށް ވެސް މަރުހަބާ ކިޔާ ކަމަށެވެ. އާއްމުކޮށް ރެފްރީންނަށް ފާޑުކިޔާ ކިސް ބުނީ މިރޭ ދިން ދެ ޕެނަލްޓީ ވެސް ރަނގަޅު ކަމަށާއި ރެފްރީންގެ ނިންމުންތައް ބަރާބަރު ކަމަށެވެ.

"ވަރަށް ދުވަސްތަކަށް ފަހު ރަނގަޅު ރެފްރީކަމެއް މިރޭ ފެނިގެން ދިޔައީ،" ކިސް އޭނާގެ ހިޔާލު ފާޅުކުރި އެވެ.