Roadha Mihaaru
ރޮނާލްޑޯ ބޭނުންވަނީ ޔުނައިޓެޑާ ގުޅެން: ކަޕެއްލޯ

ރޮނާލްޑޯ ބޭނުންވަނީ ޔުނައިޓެޑާ ގުޅެން: ކަޕެއްލޯ

01 ޖޫން 2018

މިލާން، އިޓަލީ (ޖޫން 1) - ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވަނީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ކަމަށް ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިލާން، އިޓަލީ (ޖޫން 1) - ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވަނީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ކަމަށް ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

ޖެހިޖެހިގެން ތިން ވަނަ ފަަހަރަށް ރެއާލުން ޗެމްޕިއަންސް ލީގު ތަށި އުފުލާލި މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިންއިރު ރޮނާލްޑޯ ވަނީ އޭނާ ރެއާލް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ފަހުން ރެއާލުގެ އުފާފާޅުކުރުމުގެ ޕެރޭޑުގެ ތެރެއިން ރޮނާލްޑޯ ބުނީ އޭނާ ދެއްކި ވާހަކަ ގިނަ ބަޔަކަށް ވަނީ އޮޅުން އަރާފައި ކަމަށާއި ރެއާލް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އެކަމަކު ރެއާލުގެ އާ ޖާޒީ ދައްކާލިއިރު އިޝްތިހާރުތަކުގައި ރޮނާލްޑޯ ނުހިމެނެ އެވެ. އެއާ އެކު އަނެއްކާ ރޮނާލްޑޯގެ މުސްތަގުބަލާ މެދު ސުވާލުތަކެއް އުފެދުނެވެ. އަދި ރެއާލްގެ ކޯޗުކަމުން ކުއްލި ގޮތަކަށް ޒިނެދިން ޒިދާން ވަކިވެފައިވާއިރު، ރޮނާލްޑޯ ވެސް އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްކައިއިޓަލިއާ އަށް ކަޕެއްލޯ ދިން އިންޓަވިއުއެއްގައި ބުނީ އުމުރުން 33 އަހަރުގެ ރޮނާލްޑޯ ބޭނުންވަނީ ހޯސޭ މޮރީނިއޯއާ އެކު އަލުން މަސައްކަތް ކުރުމުގެ ގޮތުން ޔުނައިޓެޑާ ގުޅޭށެވެ.

"އަހަރެންގެ ނަޒަރުގައި ރޮނާލްޑޯ ބޭނުންވަނީ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެން. އެއީ ވަރަށް ގިނަ ކަންތައްތަކެއް ރެއާލުގައި ހިނގާނެ ކުރިއަށް އޮތް ދުވަސްތަކުގައި،" 2006 ވަނަ އަހަރު ރެއާލަށް ކޯޗުކޮށްދިން ކަޕެއްލޯ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ވަނީ ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ކަންތައްތަކެއް ހުށަހަޅައިފަ އެވެ. ދާދި ފަހުން ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ ހަވާލާދީ ޕޯޗުގަލްގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ރޮނާލްޑޯ ވަނީ އޭނާ އަށް ރެއާލުން ދޭ މުސާރަ ބޮޑުކުރަން އެދިފަ އެވެ.

ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ރެއާލަށް ބަދަލުވީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން ގިނަ ފަހަރެއްގެ މަތިން ރޮނާލްޑޯ އަލުން ޔުނައިޓެޑަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ. އެކަމު މިހާތަނަށް ރަސްމީ ސިފައެއްގައި ރޮނާލްޑޯ ވިއްކާލަން ޔުނައިޓެޑާ އެކު ރެއާލުން އެއްވެސް ފަހަރެއްގައި މަޝްވަރާއެއް ނުކުރެ އެވެ.

ރޮނާލްޑޯގެ މަންމަ ދާދި ފަހުން ފްރާންސް މީޑިއާގައި ވާހަކަ ދައްކަމުން ބުނީ ރޮނާލްޑޯ ރެއާލް ދޫކޮށްލައިފިނަމަ ދެން ފެންނަން ބޭނުންވަނީ ޔުނައިޓެޑުން ކަމަށެވެ.