Roadha Mihaaru
މާލޭގައި 900 އަށް ވުރެ ގިނަ ޑަސްބިން ބަހައްޓަނީ

މާލޭގައި 900 އަށް ވުރެ ގިނަ ޑަސްބިން ބަހައްޓަނީ

05 ޖޫން 2018

މާލޭގެ މަގުތަކުގައި 900 އަށް ވުރެ ގިނަ ޑަސްބިން ބަހައްޓަން ނިންމާފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ މަގުތަކުގައި 900 އަށް ވުރެ ގިނަ ޑަސްބިން ބަހައްޓަން ނިންމާފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ޑަސްބިން ބެހެއްޓުމުގެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ، ކުނި އަޅާނެ ޑަސްބިން މަގުތަކުގައި ނެތުމުގެ ޝަކުވާ އާއްމުން ކުރާ ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މަގުތަކާއި ގޯޅިތަކުގައި ޑަސްބިން ބަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

އެއީ މާލޭގެ މަގުތަކަށް ހާއްސަ ކުދި ޑަސްބިންތަކެކެވެ. އެ ޑަސްބިންތައް ހަރުކޮށްފައި ހުންނަނީ ދުވާރުގެ ބޭރު ފަރާތުގައި ހުންނަ ދަގަނޑު ހޮޅިއެއްގަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ޑަސްބިންތައް އެންމެ ފުރަތަމަ ބެހެއްޓީ ޗާނދަނީ މަގުގަ އެވެ. އެ މަގުގައި، ދެ ޑަސްބިން ހިމެނޭ އަށް ސްޓޭޝަނެއް ގާއިމްކޮށްފައިވެ އެވެ. އެއީ ޕްލާސްޓިކާއި އާއްމު ކުނި އެޅުމަށް ވަކި ދެ ޑަސްބިނެވެ.

އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް، ޗާނދަނީ މަގުގައި ޑަސްބިން ބަހައްޓަވައި ދެއްވަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް، ޗާނދަނީ މަގުގައި ޑަސްބިން ބަހައްޓަވައި ދެއްވަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޗާނދަނީ މަގުން އަމީނިއްޔާ ސްކޫލް ކުރިމަތީ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް މިއަދު ފާހަގަ ކުރާ އިރު، ތިމާވެއްޓާ ދޭތެރޭ ވިސްނައި ކުނި އުފައްދާ މިންވަރު މަދުކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ޕްލާސްޓިކް މަދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މާލެ ސާފުތާހިރު ތަނަކަށް ހެދުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއް. މިކަން ކާމިޔާބުވެއްޖެ ނަމަ ސިޓީތަކުން ފެށިގެން ރަށްރަށުގައި ވެސް ޑަސްބިން ބެހެއްޓޭނެ ގޮތް ހެދިގެން ދާނެ،" ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކަކީ ރިސައިކަލް ކޮށްގެން އެކި ކަންކަމުގައި ބޭނުންކުރެވޭނެ އެއްޗިއްސެވެ. އެހެންވެ އެ ރިސައިކަލް ކުރުމުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް މަދުވެގެންދާނެ ކަން ފާހަގަކުރެއްވި އެވެ.

މާލޭގައި ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ފެށުމަށް، އަމީނިއްޔާ ސްކޫލް ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި 
އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް ވާހަކަ ދައްކަަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މާލޭގައި ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ފެށުމަށް، އަމީނިއްޔާ ސްކޫލް ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް ވާހަކަ ދައްކަަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެ ރަސްމިއްޔާތަށް ފަހު އެންވަޔަރްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ މީގެ ކުރިން ވެސް މާލޭގެ އެކި ހިސާބުތަކުގައ ޑަސްބިން ބެހެއްޓި ކަމަށެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެކަން ކުރިއަށް ނުގެންދެވުނު ކަމަށް ވިދާޅުވި އެވެ. އެހެންވެ މި ފަހަރު ވަނީ އެ އެއްޗެހީގެ މަތީގައި ހަރުކޮށްފައިވާ ބޯޑުގައި އިސްތިހާރު ކުރެވޭނެ ގޮތް ހަމަޖައްސާފަ އެވެ.

އާމިރު ވިދާޅުވީ އެ ޑަސްބިންތައް ބަލަހައްޓާނީ ވެމްކޯއިންނެވެ. ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ވެސް އެ ޑަސްބިނުން ކުނިތައް ނަގައި ސާފުކުރާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުންޏެވެ.