Roadha Mihaaru
މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ ހުކުރަށް

މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ ހުކުރަށް

13 ޖޫން 2018

މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ދެންމެ އިއުލާންކޮށްފި އެވެ.

މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ދެންމެ އިއުލާންކޮށްފި އެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ޝައްވާލް މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައެޅީ މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ އެވެ. އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މި ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ ކަމަށް އެ ގަރާރުގައިވެ އެވެ.

އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިއަދުގެ އިރު އޮއްސުމުގެ ކުރިން، އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު އޮއްސޭނެ އެވެ. އެހެންކަމުން މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވުމުން ހަނދު ބަލަން ނުކުތް ކަމަށް ވިޔަސް، އިރު އޮއްސުމަށް ފަހުގައި ހަނދެއް ނުފެންނާނެ އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 22 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ވެރި ރަށް މާލެ އަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 21 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އެންމެ ދެކުނުން އައްޑު އަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

އިސްލާމީ ދުނިޔޭގެ އެންމެ އިރުމަތީގައި އޮތް އިންޑޮނީޝިޔާ އަށް 24 މިނެޓް ކުރިން އަދި މެލޭޝިޔާ އަށް 26 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ އުތުރުން ތުރުކީ ވިލާތަށް، މިއަދުގެ އިރު އޮއްސުމުގެ 28 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ ދެކުނުން ކޮމޮރޯސް (ޖުޒުރުލް ޤަމަރު) އަށް މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 14 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ ހުޅަނގުން މޮރޮކޯ އަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 17 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން މައްކާ އަށް މިއަދުގެ އިރު އޮއްސުމުގެ 21 މިނެޓް ކުރިން، އަދި މަދީނާ އަށް މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 22 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. މިސްރުގެ ވެރިރަށް ގާހިރާ އަށް، އިރު އޮއްސުމުގެ ގާތްގަނޑަކަށް 22 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ޕާކިސްތާނުގެ އިސްލާމް އާބާދަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 33 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

ރާއްޖޭގައި މި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހިފަން ފެށީ، ހަމަލޮލަށް ހަނދު ސާބިތުވުމުގެ ބަދަލުގައި އިތުބާރު ހުރި ފަލަކީ ހިސާބަށް ބިނާކޮށްގެންނެވެ. އެއީ މެއި މަހުގެ 15 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން އައު ހަނދު އުފަންވެފައިވާ ކަމާއި، އެ ދުވަހު ހަނދު އޮއްސެނީ އިރު އޮއްސުމަށް ފަހުގައި ކަން އިތުބާރު ހުރި ފަލަކީ ހިސާބުން ސާބިތު ވާތީ އެވެ.

ސައޫދީ އަރަބިއްޔާ އާއި އިސްލާމީ ގިނަ ގައުމުތަކަށް ވެސް އެ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު، ފެންމަތީގައި ހުންނާނެ ކަން ފަލަކީ ހިސާބުން ކަށަވަރު ވިޔަސް، އެ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަމަލޮލަށް ހަނދު ފެނިފައިނުވާތީ، އެ ގައުމުތަކުން ރޯދަ ހިފަން ފެށީ، މެއި 17 ވީ ބުރާސްފަތި ދުވަހު އެވެ. އެހެންކަމުން އެ ގައުމުތަކަށް މިއަދަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަސް ކަމަށްވާތީ، އެ ގައުމުތަކުން މިރޭ ހަނދެއް ނުބަލާނެ އެވެ.

ފަލަކީ ހިސާބަށް ބުރަވެ މެއި 16 ވަނަ ދުވަހު ރާއްޖެއާ އެކު ރޯދަ ހިފަން ފެށީ ތުރުކީ ވިލާތުގެ އިތުރުން ބޮސްނިއާ އެވެ.