Roadha Mihaaru
ފޮޓޯގައި މެރިފައި ހުންނަ ލޯ ފޭސްބުކުން ހުޅުވާލަނީ

ފޮޓޯގައި މެރިފައި ހުންނަ ލޯ، ހުޅުވައިދިނުމުގެ ގާބިލްކަން ފޭސްބުކުން ހޯދައިފި

21 ޖޫން 2018

ކެލިފޯނިއާ (ޖޫން 20) - ހިތްގައިމު ފޮޓޯއެއް ނަގަން އެންމެ އުނދަގޫވާ ކަންކަމުގެ ލިސްޓެއް ލިޔަން ބުނެފި ނަމަ، "ލޯމެރުން" އެ ލިސްޓުގެ ކުރީކޮޅުން ޖާގ ހޯދާނެކަން ޔަގީނެވެ. ހާއްސަކޮށް، ގިނަބަޔަކު އެއްވެގެން ފޮޓޯއެއް ނަގަން އުޅޭ ނަމަ ލޯމެރުމުގެ އުނދަގޫ ޖެހޭލެއް ބޮޑެވެ. މިފަހަރު ފޭސްބުކުން މި އޮތީ އެކަމަށް ހައްލެއް ހޯދައިފަ އެވެ.

އިބްރާހިމް ސަމީރު އިބްރާހިމް ސަމީރު

ކެލިފޯނިއާ (ޖޫން 20) - ހިތްގައިމު ފޮޓޯއެއް ނަގަން އެންމެ އުނދަގޫވާ ކަންކަމުގެ ލިސްޓެއް ލިޔަން ބުނެފި ނަމަ، "ލޯމެރުން" އެ ލިސްޓުގެ ކުރީކޮޅުން ޖާގ ހޯދާނެކަން ޔަގީނެވެ. ހާއްސަކޮށް، ގިނަބަޔަކު އެއްވެގެން ފޮޓޯއެއް ނަގަން އުޅޭ ނަމަ ލޯމެރުމުގެ އުނދަގޫ ޖެހޭލެއް ބޮޑެވެ. މިފަހަރު ފޭސްބުކުން މި އޮތީ އެކަމަށް ހައްލެއް ހޯދައިފަ އެވެ.

ފޮޓޯ ނަގާއިރު ލޯ މެރިފައި ހުއްޓަސް ލޮލުގެ ބައްޓަމާއި ސިފަތައް ދެނެގަނެ، އަސްލާ އެއްވެސް ތަފާތެއް ނެތް ގޮތަށް "ލޯ ހުޅުވައިލަދޭ" ޓެކްނޮލޮޖީއެއް ފޭސްބުކުން ފައްކާކޮށްފި އެވެ.

މަހަކު 2.19 ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ، ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް ނެޓްވާކުން މި ގާބިލްކަން ހޯދާފައި މި ވަނީ، ފޭސްބުކްގައި މިހާތަނަށް ހިއްސާކޮށްފައިވާ އެތައް ބިލިއަން ފޮޓޯތަކެއް ދިރާސާކޮށް އަޅައި ކިޔުމަށް ފަހު އެއްކޮށްފައިވާ މައުލޫމާތުގެ އެހީގަ އެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، ހަމުގެ ކުލަ އާއި ނަސްލުގެ އިތުރުން ފޮޓޯގައި ލޮލަށް އަލި އެޅިފައި ހުންނަ މިންވަރާއި ފޮޓޯގެ ކުލަތަކުގެ އަލި މިނާއި ފަނޑު މިން ތަފާތުވިޔަސް ގުދުރަތީ ލޮލާއި އެއްވެސް ތަފާތެއް ވަކިނުވާހައި މޮޅަށް ލޯ ހުޅުވައިލުމުގެ ގާބިލުކަން މި އާ ޓެކްނޮލޮޖީއަށް ވަނީ ލިބިފަ އެވެ.

ނަމަވެސް ޅަފަތުގައި އޮތް މި އީޖާދަށް އަދި އައިނާއި މާސްކުފަދަ ތަކެތި އަޅައިގެން ތިބޭ މީހުންގެ ލޯ ހުޅުވައިދެވޭ ވަރެއް ނުވެއެވެ. ފޭސްބުކުން ބުނީ ކުރިއަށް އޮތް ތަނުގައި އެކަން ވެސް ކާމިޔާބު ވާނެ ކަމަށެވެ.

މި އާ އީޖާދާ ގުޅޭ މައުލޫމާތު އާންމުކުރަމުން ފޭސްބުކުން ބުނީ، މިއީ ފޮޓޮގްރަފީގެ ދުނިޔޭގައި މިހާތަނަށް އަދި ހޯދިފައި ނުވާ ވަރުގެ އިންގިލާބީ ކުރިއެރުމެއް ކަމަށެވެ.

ފޮޓޮގްރަފީގެ ދުނިޔޭގައި އެންމެ މަގުބޫލު އަޑޯބީގެ ސޮފްޓްވެއާތަކަށް ވެސް އަދި މި ގާބިލްކަން ލިބިފައެއް ނުވެއެވެ.

މި ފަދަ އީޖާދެއް ފޭސްބުކުން ކޮށްފައި ވިޔަސް ބޭނުންކުރާ މީހުންނާ ހަަމައަށް އަންނާނެ ދުވަހެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

ފޮޓޯގައި ޓެގުކުރަންވީ މީހުން ބުނެދިނުމަށްޓަކައި މޫނުގެ ވަނާތަކުން މީހާ ދެނެގަންނަ "ފޭޝަލް ރިކަގްނިޝަން" ޓެކްނޮލޮޖީގެ ބޭނުން ނަހަމަގޮތުގައި ހިފާކަމަށް ބުނެ ފޭސްބުކާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ވެސް އަދިވެސް ނުނިމެ އެވެ. އަނެއްކޮޅުން، ޒާތީ މައުލޫމާތުތައް އާންމުކުރުމުގެ މައްސަލައިގައި ފޭސްބުކަށް އަމާޒުވި ފާޑުކިޔުންތަކާ ހެދި މިކަހަލަ ޓެކްނޮލޮޖީއެއް އެހައި އަވަހަށް ދޫކޮށްލުމަކީ ނާދިރުކަމެއްމަކަށް ތަޖުރިބާކާރުން ބުނެ އެވެ.