Roadha Mihaaru
އިންޑިއާ މީހުންނަށް ވެސް ވިސާ ދޫކުރަން: އިމިގްރޭޝަން

އިންޑިއާ މީހުންނަށް ވެސް ވިސާ ދޫކުރަން: އިމިގްރޭޝަން

17 ޖޫން 2018

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ ކަމަށް ބުނާ މައްސަލަ ރާއްޖޭގެ އިމިގްރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ ކަމަށް ބުނާ މައްސަލަ ރާއްޖޭގެ އިމިގްރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.

އިންޑިއާ އާއި ރާއްޖޭގެ ބައެއް ފަރާތްތަކުން ކުރާ އެ ތުހުމަތު މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަންވަރު ދޮގުކުރެއްވިއިރު، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ މައްސަލަ ހައްލުކޮށް ދިނުމަށް ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވަނީ އިންޑިޔާގެ މައި ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ ރައްޔިތުންނަށް ހަފުތާއެއްގެ ތެރޭގައި މީގެ ކުރިން ވޯކް ޕާމިޓް ލިބެ އެވެ. އެކަމަކު ވޯކް ޕާމިޓް މިހާރު ނުލިބޭ ކަމަށް ވިޖަޔަން ވިދާޅުވި އެވެ.

ވިޖަޔަންގެ އިތުރުން، ރާއްޖެ އަށް ބިދޭސީން އެތެރެކުރާ ބައެއް އެޖެންސީތަކުން ވެސް ބުނާ ގޮތުން، އިންޑިއާ މީހުންނަށް ރާއްޖެ އިން ފަހަކަށް އައިސް އާންމުކޮށް ވިސާ ނުދެ އެވެ. އަދި ވޯކްޕާމިޓް އާ ވެސް ނުކޮށްދޭ ކަމަށް އެ މީހުން ބުނެ އެވެ. ނަމަވެސް، ޕްރޮފެޝަނަލް ގިންތީގެ ބައެއް ވަޒީފާތަކަށް އިންޑިއާގެ ރައްޔިތުންނަށް ބައެއް ހާލަތްތަކުގައި ވިސާ އަދި ވޯކް ޕާމިޓް ދޫކުރާ ކަމަށް ވެ އެވެ.

އެކަމަކު ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރު ވިދާޅުވީ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ވިސާ އަދި ވޯކް ޕާމިޓް ދޫކުރުމުގައި ރާއްޖެ އިން ތަފާތު ކުރަމުން ނުދާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ވެސް ހިމެނޭނެ ކަމަށާއި އެ ގައުމުގެ މީހުންނަށް ރާއްޖޭގެ އިމިގްރޭޝަންގެ އުސޫލުގެ ތެރެއިން ވިސާ އާއި ވޯކް ޕާމިޓް ދޫކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރު (ވ).---ފޮޓޯ: މިހާރު

ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރު (ވ).---ފޮޓޯ: މިހާރު

"އިންޑިއާގެ ރައްޔިތުންނަށް ވެސް ބިޒްނަސް ވިސާ އާއި ޑިޕެންޑެންޓް ވިސާ އަދި ވޯކްޕާމިޓް ހައްދައި ދެމުން އަންނަނީ. އަޅުގަނޑުމެންގެ އިމިގްރޭޝަނުން ގެންގުޅޭ އުސޫލުގެ ތެރެއިން އެ ހުއްދަ މިހާތަނަށް ވެސް ވާނީ ދީފައި،" އަންވަރު ވިދާޅުވި އެވެ.

"މި އަހަރުގެ މިވީ ތަނަށް ވެސް އެއްވެސް ރެސްޓްރިކްޝަނެއް ނެތި އެކަން ކޮށްދެމުން މި އަންނަނީ. ވަކި ގައުމަކަށް ވީމާ ވިސާ އާއި ވޯކްޕާމިޓް ރާއްޖެ އިން ރެސްޓްރިކްޓެއް ނުކުރާނެ."

އަލަށް ޕާސްޕޯޓު ހައްދާ ދިވެހިން، އެ މީހުންގެ ކުރީގެ ޕާސްޕޯޓާ ނުލައި އިންޑިއާ އަށް އެތެރެވުން ވަރަށް ކުރިއްސުރެ ވެސް މަނާކޮށްފައިވާއިރު، އަންވަރު ވިދާޅުވީ، ރާއްޖެ އަންނަ އިންޑިއާ މީހުންނަށް އެ އުސޫލު ވެސް ނުހިނގާނެ ކަމަށެވެ.

އިންޑިއާ މީހުންނަށް ރާއްޖެއިން ވިސާ ނުލިބޭކަމުގެ ޝަކުވާ އިންޑިއާގެ ވެރިން މި ފަހުން ކުރައްވަމުން ގެންދަވާ އިރު އަނެއްކޮޅުން އިންޑިއާ އިން އަންނަނީ ދިވެހިންނާ މެދު ވެސް ހަރުކަށި އުސޫލުތަކެއް ގެންގުޅެމުންނެވެ. އެގޮތުން ދަރިންނަށް ކިޔަވައިދޭން އިންޑިއާގައި ތިބޭ ދިވެހި ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ދޫނުކުރާތީ، އެތައް ބަޔަކު ވަނީ ރާއްޖެ އައިސްފަ އެވެ.